ވިލާ ބަލިކޮށް ޔުނައިޓެޑަށް މުހިންމު މޮޅެއް، ޓޮޓެންހަމުން ލިވަޕޫލާ އެއްވަރުކޮށްފި ވިލާ ބަލިކޮށް ޔުނައިޓެޑަށް މުހިންމު މޮޅެއް، ޓޮޓެންހަމުން ލިވަޕޫލާ އެއްވަރުކޮށްފި

މެންޗެސްޓާ (މާޗް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ 3-1 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގައި ނިންމުމަށް މުހިންމު މޮޅެއް ހޯދިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން ފަހު ވަގުތު ލަނޑު ޖަހައި، ލިވަޕޫލާ 1-1 އިން އެއްވަރުކޮށްފި އެވެ.
ރޭގެ ނަތީޖާތަކަށް ފަހު، ޔުނައިޓެޑުން ލީގުގެ ތިން ވަނައިގައި އޮތީ 30 މެޗުން 54 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް 30 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މެޗުން މޮޅުވިނަމަ، ހަތަރަކަށް އަރަން ފުރުސަތު އޮތް، ލިވަޕޫލް ފަސް ވަނައިގައި އޮތީ 30 މެޗުން 49 ޕޮއިންޓާ އެކު އެވެ. އަދި، ހަ ވަނައިގައި އޮތް ޗެލްސީ އަށް 30 މެޗުން ވަނީ 48 ޕޮއިންޓް ލިބިފަ އެވެ.
މެޗުގެ 53 ވަނަ މިނިޓްގައި ކަސެމީރޯ ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. އޭގެ 11 މިނިޓް ފަހުން، ރޮސް ބާކްލީ ވަނީ ވިލާ އަށް އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑް މޮޅުކޮށްދިން ލަނޑުތައް ޖެހީ މަޓެއުސް ކޫންޏާ އާއި ބަދަލަކަށް ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި ބެންޖަމިން ސެސްކޯ އެވެ. މި މެޗުގައި، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ވަނީ ކަސެމީރޯ އާއި ކޫންޏާގެ ލަނޑުތަކަށް ފުރުސަތު ތަނަވަސްކޮށްދީ ޔުނައިޓެޑްގެ ރެކޯޑެއް ހަދައިފަ އެވެ.
އެ ގޮތުން، ފެނާންޑޭސް އަކީ އެއް ސީޒަނެއްގައި، ޔުނައިޓެޑަށް ލީގުގައި އެންމެ ގިނަ ލަނޑު ޖަަހަން ފުރުސަތު ހޯދައިދިން ކުޅުންތެރިޔާ އެވެ. މީގެ ކުރިން ޑޭވިޑް ބެކަމް އަތުގައި އޮތް ރެކޯޑެއް ފެނާންޑޭސް އަށް ލިބުނީ، 16 ވަނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެންނެވެ.
ލިވަޕޫލުން ފުރަތަމަ ހާފުގައި ޑޮމިނިކް ސޮބޯސްލާއި ޖެހި ހިލޭ ޖެހުމުން ލީޑުނެގި ނަމަވެސް އޭގެ ފަހުން، މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ރިޗާލިސަން ދެ ފުރުސަތެއްގައި ގޯލު ޖެހޭތޯ ނުރައްކާކުރި އެވެ. އެ ގޮތުން، ބޮލުން ފޮނުވާލި އެއް ހަމަލާ ދަނޑިކައިރިން ބޭރަށް ދިޔައިރު، އަނެއް ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.
ލީގުގައި މި އަހަރު މޮޅެއް ނުލިބި ރެލިގޭޝަން ޒޯނާ ގާތުގައި އޮތް ޓޮޓެންހަމް އިން ރޭގެ މެޗަށް އައިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން އޮތީ ބަލިވެފަ އެވެ.
އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިި އޮތް ޓޮޓެންހަމް އިން ރޭގެ މެޗުން ޕޮއިންޓެއް ހޯދީ، އިތުރު ވަގުތުގައި ރިޗާލިސަން ޖެހި ގޯލުންނެވެ. މިއީ، ޓޮޓެންހަމްގެ ކޯޗުކަމާ އީގޯ ޓޫޑޯ ހަވާލުވި ފަހުން، އެ ޓީމުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިނުވެ ނިންމާލި ފުރަތަމަ މެޗެވެ.
ރޭގެ މެޗަކީ މެޗުގެ ފަހު ވަގުތުގައި ލަނޑު ވަަދެގެން، މި ފަހަރު ލީގުގައި ލިވަޕޫލަށް ޕޮއިންޓް ގެއްލުނު އަށް ވަަނަ މެެޗެެވެ. މިއީ، މި ފަދަ ރެކޯޑެއް ލިވަޕޫލަަށް ކުރިމަތިވި ފުރަތަމަ ސީޒަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ