ގާނޫނާ އެއްގޮތަށް ސިޔާސީ ހަރަކާތް ހިންގަން އެދިއްޖެ

ބައެއް ސިޔާސީ ޕާޓީތަކުން މި ދުވަސްވަރު ކުރިއަށް ގެންދާ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން މި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެ ސިޔާސީ ޕާޓީއަކަށް އަންގައިފިއެވެ.
މިކަން އަނގައި އީސީން ފޮނުވި ސިޓީގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކައި، އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ހަރަކާތްތައް ހިންގަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށާއި އަދި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ އެދިފައެވެ.
އީސީން ބުނީ، 28 އޭޕްރިލް 2026 ގައި އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ވުމުން، މި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އަންގާފައިވާނޭ ކަމަށެވެ.
އެގޮތުން ސުލޫކީ މިންގަނޑާ ހިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި، ހަރަކާތްތައް ނުބޭއްވުމަށް އީސީން ވަނީ އިލްތިމާސްކޮށް ނަސޭޙަތްތެރިވެފައެވެ.
މީގެ އިތުރުން ގާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް ކޮމިޝަނުން މަރުހަބާ ކިޔާނެކަމަށް ވެސް އެ ސިޓީގައި އީސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ