ޔާމީންގެ ނަސޭހަތެއް ރައީސަށް: މީޑިއާ ކުށްވެރިނުކޮށް، އަމަލުތައް އިސްލާހުކުރައްވާ

މީޑިއާ ކުށްވެރިކުރެއްވުމުގެ ބަދަލުގައި އަމަލުފުޅުތައް އިސްލާހުކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ. 'އައިޝާ'ގެ ނަމުގައި ރައީސް މުއިއްޒަށް ލަދުހުތުރު ތުހުމަތުތަކެއް އަމާޒުކޮށް އަދަދު ނޫހުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ރޭ ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ވަދެފައެވެ. ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ތަނަށް ވަތް ނަމަވެސް، ގިނަ އަދަދެއްގެ ސާމާނު ވެސް ވަނީ ގެންގޮސްފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. https://sun.mv/221217 އެ މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން މިއަދު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. "މީޑިއާ ކުށްވެރި ނުކުރައްވާ، އަމަލުތައް އިސްލާހުކުރައްވާ،" އެ މަނިކުފާނުގެ މެސެޖުގައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ރެއިޑުކޮށް، އެ ނޫހުގެ ތަކެތި ބަލައި ފާސްކުރި މައްސަލައިގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައިނުވެއެވެ. މި ކަމާ ގުޅޭގޮތުން އެ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތުގެ ބަހެއް ހޯދުމަށް "ސަން"އިން ގުޅައި، މެސެޖުކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. https://sun.mv/221209 މި މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ވަނީ މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ. އަދި ބައެއް ނޫސްވެރިން ވަނީ ރޭ އެ ނޫހުގެ އޮފީސް ކުރިމަތީގައި އިހުތިޖާޖެއް ވެސް ކޮށްފައެވެ. މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ މި ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، އެމްޑީޕީން ވެސް ވަނީ މިއީ ނޫސްވެރިކަމަށް ދިން ސީދާ ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފައެވެ. އަދި، ޔާމީންގެ ޕީއެންއެފުން ކުރާ ސިލްސިލާ މުޒާހަރާތައް ލައިވްކުރުން ހުއްޓާލަން ވެސް 'ޗެނަލް 13'އަށް މީޑިއާ ކޮމިޝަނުން ވަނީ އަންގާފައެވެ. މީގެ ކުރިން ޔާމީންގެ ވެރިކަމުގައި ވެސް ބައެއް މީޑިއާތަކަށް ހުރަސްއެޅުމުގެ ކަންބޮޑުވުން ބޮޑުވިއެވެ. އެ ގޮތުން، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ތުހުމަތު އޭރު ވެސް ވަރަށް ބޮޑަށް އަމާޒުވިއެވެ. އެކަމަކު، ޔާމީން މިހާރު ގެންދަވަނީ ނޫސްވެރިކަމުގެ ދިފާއުގައި އަޑުއުފުއްލަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ