ޔޫއޭއީ އޯޕެކުން ވަކިވެއްޖެ

އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށް ބުރޫއަރަމުންދާ ދަނޑިވަޅެއްގައި، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޯޕެކުން ވަކިވާނެ ކަމަށް ޔޫއޭއީން އިއްޔެ ބުނެފި އެވެ.
މިއީ ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދަށް ލިބުނު ބޮޑު ލޮޅުމެކެވެ.
އޯޕެކްގައި ހިމެނޭ އެންމެ ބޮޑު އެއް އުފެއްދުންތެރިޔާ ވަކިވުމަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ މައްޗަށް އެ ޖަމާއަތުން ބާއްވާ ބާރު ކުޑަވެގެންދާނެ ކަމެކެވެ. އަދި މިއީ ޔޫއޭއީ އާއި އޯޕެކްގެ އެންމެ ނުފޫޒުގަދަ މެންބަރު ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
ޔޫއޭއީގެ އެނާޖީ މިނިސްޓަރު ސުހައިލް މުހައްމަދު އަލް-މަޒްރޫއީ ވިދާޅުވީ މި ނިންމުމަކީ ގައުމީ ހަކަތައިގެ ސިޔާސަތު މުރާޖައާ ކުރުމަށްފަ ހު ނިންމި ނިންމުމެއް ކަމަށެވެ.
"މިއީ ސިޔާސަތާ ގުޅޭ ނިންމުމެއް. މި ނިންމުން ނިންމާފައިވަނީ އުފެއްދުންތެރިކަމުގެ މިންވަރާ ގުޅޭ މިހާރުގެ އަދި ކުރިމަގުގެ ސިޔާސަތުތަކަށް ފުންކޮށް ބެލުމަށް ފަހު،" ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
މި ފިޔަވަޅުގެ ސަބަބުން، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އެކްސްޕޯޓްކުރުން އަލުން ފެށުމާ އެކު، އޯޕެކްގެ ކޯޓާތަކަށް ބޯލަނބަން ނުޖެހި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމުގެ ފުރުސަތު ޔޫއޭއީއަށް ލިބިގެންދާނެ އެވެ. ނަމަވެސް، މުދާ އުފުލުމުގެ ދަތިތައް އަދިވެސް ހުރުމާ އެކު، ބާޒާރަށް ވަގުތުން ކުރާނެ އަސަރު ކުޑަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މަޒްރޫއީ ވިދާޅުވި އެވެ.
ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅިއަށް ވަނީ، އީރާނުގެ އިންޒާރުތަކާއި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ބޮޑެތި ބުރޫތަކެއް އަރާފަ އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހާލަތު އާންމު ހާލަތަކަށް ރުޖޫއަވުމުން މި ނިންމުމުގެ ފައިދާ ތެޔޮ ބޭނުންކުރާ ފަރާތްތަކަށް ކޮށް، ބާޒާރުގައި ޔޫއޭއީގެ ހިއްސާ ވަރުގަދަވެގެންދާނެ އެވެ. އަދި ތެލުގެ ބާޒާރު ހަމަޖެއްސުމުގައި ސައުދީ އަރަބިއްޔާއިން ޒަމާނުއްސުރެ އަދާކުރަމުން އައި ދައުރާ މެދު ވެސް މިކަމުގެ ސަބަބުން ސުވާލުތަކެއް އުފެދޭ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
މި އިއުލާން މި އައީ، އީރާނުގެ ހަނގުރާމައާ ގުޅުންހުރި މިސައިލް އަދި ޑްރޯން ހަމަލާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކަށް ސަލާމަތީ އަދި އިގްތިސާދީ ފިއްތުންތައް ކުރިމަތިވަމުންދާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ