އެއްވުންތައް ކަވަރުކުރާއިރު ހިމާޔަތް ލިބިދޭގޮތަށް ނޫސްވެރިން އެކްރެޑިޓްކުރަނީ

އެއްވުންތައް ކަވަރކުރުމުގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ޚާއްސަ ޙިމާޔަތް ލިބިދޭގޮތަށް ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދެއް އެކުލަވާލައިފިއެވެ.
މިޤަވާޢިދުގެ މަޤްސަދަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާ ދާއިރާއެއްގައި އެފުރުސަތު ފަހިކޮށްދިނުމެވެ. އަދި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫށްވެރިންނަށް ސަލާމަތީ ބާރުތަކުގެ ފަރާތުން ބޭނުންވާ ހިމާޔަތާއި އެއްބާރުލުން ކަށަވަރުކޮށްދިނުމާއި، އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ އެންމެހައި މީޑިއާތަކަށް ހަމަހަމަ ފުރުސަތުފަހިކޮށްދިނުމުގެ އިތުރުން އެއްވެއުޅުމާއި ގުޅޭ މަޢުލޫމާތު ފެތުރުމަށް ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ އުސޫލް ކަނޑައެޅުމެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ މިޤަވާއިދުގެ ދަށުން ޤާނޫނުއަސާސީގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުން ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާދާއިރާއެއްގައި އެފުރުސަތު ފަހިވާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
އަދި އެކްރެޑިޓްކުރެވިފައިވާ ނޫސްވެރިންނަށް ލިބިދޭ އިމްތިޔާޒުތައްވެސް ޤަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން ސަލާމަތީ ބާރުތަކުގެ ޚާއްސަ ޙިމާޔަތް ލިބިގެންދިޔުމާއި، ހަލަބޮލި ހާލަތްތައް ހިނގާ ސަރަޙައްދުތަކަށް ދެވޭ "އެކްސެސް"އާއި ސަލާމަތީ ބާރުތަކުން މަޢުލޫމާތު ހޯދުމުގައި ލުއިފަސޭހަތަކެއް ލިބުން ހިމެނެއެވެ.
މިޤަވާއިދުގައި ބަޔާންކުރާ ގޮތުން ދިވެހި މީޑިއާތައް ތަމްސީލުކުރާ ފަރާތްތައް އެކްރެޑިޓްކޮށްދެވެނީ 1 އަހަރު ދުވަހަށެވެ. އަދި ބައިނަލްއަޤުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތައް އެކްރެޑިޓްކޮށްދެނީ 3 މަސް ދުވަހަށެވެ. ފްރީލާންސްކޮށް މަސައްކަތްކުރާ ނޫސްވެރިން އެކްރެޑިޓްކޮށްދެނީ 6 މަސްދުވަހަށެވެ.
ޤާނޫނުއަސާސީގައި ބަޔާންކުރާ އެއްވެ އުޅުމުގެ މިނިވަންކަން ދެމެހެއްޓުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެކި ދުވަސްވަރު އެކި ކަންކަމުގައި އެކި ފަރާތްތަކުން އެކި ސަރަޙައްދުތަކަށް އެއްވެއެވެ. އެހެންކަމުން މި ޤަވާއިދުގެ ދަށުން އެކްރެޑިޓްކުރެވޭ ފަރާތްތަކަށް އެފަދަ އެއްވުންތައް ކަވަރކުރުމުގައި ފަސޭހަވާނެކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ