ރޭގެ އެ ހިތްގައިމު، މޮޅު މެޗު ބެލި މީހުންގެ ނަސީބު ރަނގަޅެވެ. މިއީ ކޮންމެ އަހަރަކު ނުވަތަ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ވެސް ފެނުން ދުރު ފެންވަރުގެ އާދަޔާ ހިލާފު މެޗެކެވެ. ގައިމު ނަތީޖާ ނެރެން ޕެނެލްޓީއެއް ނުޖަހަ އެވެ. އެކަމަކު މެޗު ނިމުނީ 5-4އިންނެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ، އެ ކްލަބްގެ އަމިއްލަ ދަނޑުގައި، ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކް ބަލިކުރި ގޮތާއި، ބަޔާނުން ދެއްކި ކުޅުމާއި، ކުރި ހިތްވަރަކީ، މި ސީޒަންގެ އެންމެ ފާހަގަކޮށްލެވޭ ވަގުތުކޮޅެވެ.
ޖުމްލަ ނުވަ ލަނޑަކީ، މިކަހަލަ ޕްރެޝަރު ބޮޑު އަދި ގޯހެއް ނުހަދައި ކުޅެން ވިސްނާ ބަޔަކަށް ވަރަށް ގިނަ އަދަދެެކެވެ. ނަމަވެސް ދެ ޓީމު ވެސް ބެލުންތެރިންގެ ހިތްހަމަޖައްސައިދިނީ، ހަމަލާގެ ކުޅުމަކުންނެވެ.
މިއީ 60-1959ގެ މުބާރާތުގައި، އޭރު ނަމަ ޔޫރަޕިއަން ކަޕްގެ، ސެމީ ފައިނަލްގައި އިންޓްރެޗު ފްރެންކްފާޓުން ރޭންޖާސް 6-3 އިން ބަލިކުރި މެޗަށް ފަހު ޔޫރަޕްގެ އެންމެ ބޮޑު ކްލަބް މުބާރާތުގެ ސެމީ ފައިނަލްގައި އެހާ ގިނަ ލަނޑު ފެނުނު ފުރަތަމަ ފަހަރެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރެކޯޑާ އެއްވަރުކުރީ އެވެ.
މިއީ ޕީއެސްޖީ އާއި ބަޔާނުން ވެސް ކޮންމެ ގޮތެއް ހަދާފައި ވެސް މޮޅުވާން ކުރި މަސައްކަތުގެ ނަތީޖާ އާއި ދެ ޓީމުގައި ތިބި ލަނޑު ޖެހުމުގެ ހުނަރުވެރި ކުޅުންތެރިންގެ މޮޅުކަމެވެ. ދެން އޮތީ ދެ ޓީމުގެ ދިފާއު ހަމަ ބަލިކަށީއޭ ބުނާ މީހުންގެ ވާހަކަ އެވެ.
17: ބަޔާން، ހެރީ ކޭން (ޕެނެލްޓީ)
24: ޕީއެސްޖީ، ކިވިޗާ ކްވަރަޓްސްހޭލިއޭ
33: ޕީއެސްޖީ، ޔޮއާ ނެވެސް
41: ބަޔާން، މައިކަލް އޮލިސޭ
45: ޕީއެސްޖީ، އޮސްމާނޭ ޑެމްބެލޭ (ޕެންލްޓީ)
56: ޕީއެސްޖީ، ކިވިޗާ ކްވަރަޓްސްހޭލިއޭ
58: ޕީއެސްޖީ، އޮސްމާނޭ ޑެމްބެލޭ
65: ބަޔާން، ޑަޔޯ އުޕެމަކާނޯ
68: ބަޔާން، ލުއިޒް ޑިއާޒް
މި ވާދަވެރިކަން އަދި މިވަރުން ނިމުނީކީ ނޫނެވެ. އަންނަ ހަފުތާގައި ބަޔާންގެ ދަނޑުގައި ދެވަނަ ލެގު އޮންނާނެ އެވެ. ބަޔާން ސެމީ ފައިނަލަށް ދިޔައީ ކްއާޓާ ފައިނަލްގައި ރެއާލް ކޮޅަށް ވެސް ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ.
ރެއާލްގެ ދަނޑުގައި ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކޮށް ބަޔާންގެ ދަނޑުގައި މޮޅުވީ 4-3 އިންނެވެ. އެހެންކަމުން އަންނަ ހަފުތާގައި ފުޓްބޯޅަ ބެލުންތެރިންނަށް ވަރަށް ފޫހިފިލާނެ މެޗެއް ފެނުން އެކަށީގެންވެ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ އަނެއް މެޗުގައި މިރޭ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑް އާއި އާސެނަލް އެވެ. މެޗު އޮންނާނީ އެތުލެޓިކޯގެ ދަނޑުގަ އެވެ.
އާދަޔާ ހިލާފު މެޗެއް، 5-4 އިން ބަޔާން ބަލިކޮށް ޕީއެސްޖީ ފައިނަލާ ކައިރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ