ފެރީތަކާއި މަސްވެރިންނާއި ރަށްރަށުގެ ޝެޑްތަކަށް ކުރީގެ ރޭޓްގައި އެސްޓީއޯއިން ތެޔޮ ލިބޭނެ ގޮތް ހަދަނީ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް މަތިވެ، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރުގެ ޓިކެޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާއިރު، އެސްޓީއޯއިން އެ ފަރާތްތަކަށް ކުރީގެ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ނިންމައިފިއެވެ. ތެލުގެ އަގަށް އައި ކުއްލި ބަދަލާ އެކު، ކުރިއަށް އޮތް ފިތުރު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ލޯންޗުތަކާއި ފެރީތަކުގެ ޓިކެޓު ވެސް ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. ތެލުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ ރޯދަމަސް ފެށުނުތަނާހެން އިސްރާއީލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. އެސްޓީއޯގެ އޮފިޝަލަކު މިއަދު 'ސަން'އަށް ބުނީ، ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު އެސްޓީއޯއިން ހަަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ. އަދި، މަސްވެރިންނަށް ފަހި ހަކަތަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. https://sun.mv/219275 ފާހަގަކޮށްލެވޭ ގޮތުގައި، މާލޭ ސަރަހައްދުގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގުތަކަށް އިތުރު ބަދަލެއް ނާންނަ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. "ރަށްރަށުގައި އެސްޓީއޯއިން ގަނެގެން ޝެޑްހިންގާ ފަރާތްތަކަށް ކުރިީގެ ރޭޓްގައި ތެޔޮ ލިބޭނޭ އިންތިޒާމުތައް ހަމަޖަައްސައިދެނީ. މި ބަދަލުތައް މި ގެނެވުނީ އާންމުންނަށް މާލީ ގޮތުން ބުރަޔަކަށް ނުވާގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނޭ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް،" އެ ކުންފުނިން ބުންޏެވެ. މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ބާޒާރުގައި ވެސް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ތެލުގެ އަގަށެވެ. ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެފްއެސްއެމްއިން ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. އޭގެ ތެރޭގައި ރަށްރަށަށް ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކާއި، ބައުޒަރުން ޖެޓީއަށް ގޮސް ތެޔޮ އަޅައިދޭ އަގުތައް ވެސް ވަނީ މަތިކޮށްފައެވެ. މި ބަދަލާ އެކު، އަމިއްލަ ލޯންޗު އޮޕަރޭޓަރުން ވަނީ ޓިކެޓުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ކައިރި ރަށްރަށަށް ކުރާ ދަތުރުތަކުގެ ޓިކެޓް 600 ރުފިޔާއަށް އުފުލިފައިވާއިރު، ފ. އަތޮޅާއި ދ. އަތޮޅަށް ދަތުރުކުރާ ލޯންޗުތަކުގެ ޓިކެޓް އަގު ވަނީ 900 ރުފިޔާއަށް ބޮޑުވެފައެވެ. އަގު ބޮޑުވުމުގެ އިތުރުން، ބައެއް ލޯންޗުތަކުން ހަފުތާގެ ކޮންމެ ދުވަހަކު ކުރަމުން އައި ދަތުރުތައް ވެސް ވަނީ ވަކި ދުވަސްތަކަށް މަދު ވެސް ކޮށްފައެވެ. https://sun.mv/219270 މިއީ އާންމު ރައްޔިތުންނަށް، ޚާއްސަކޮށް ރަށްރަށަށް ދަތުރުކުރާ މީހުންނަށް ކުރިމަތިވާނެ ބޮޑު ތަކުލީފެކެވެ. މީގެ އިތުރުން، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޭނުންކުރާ ޖެޓް ފިއުލްގެ އަގު ވެސް އުފުލިފައިވާތީ، ކުރިއަށް އޮތް ތަނުގައި އެތެރޭގެ އުދުހުންތަކުގެ އަގު ވެސް ބޮޑުވާނެ ކަމަށް ބެލެވެއެވެ. މާލެ ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރާ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އިއްޔެއާ ހަމައަށް ޑީސަލް ލީޓަރެއް 16.52 ރުފިޔާއަށް ލިބުނު ނަމަވެސް، މިއަދުން ފެށިގެން އެ އަގު ވަނީ 27.22 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 15.00 ރުފިޔާއަށް ލިބެމުންދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 26.14 ރުފިޔާއަށް އުފުލިފައެވެ. ވިޔަފާރިތަކަށް ތެޔޮ ވިއްކުމުގައި އައި ބަދަލާ ބެހޭގޮތުން އެސްޓީއޯގެ އޮފިޝަލަކު "ސަން"އަށް ބުނީ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގުތައް ހުންނަނީ އެކި ރޭޓުގައި ކަމަށެވެ. ވިޔަފާރިތަކަށް ވިއްކާ ރޭޓުތަކަށް ބަދަލު އައި ނަމަވެސް އެފްއެސްއެމްގެ ޝެޑުތަކުން ވިއްކާ އަގަށް ބަދަލެއް ނާންނަކަމަށް ވެސް ފާހަގަކުރިއެވެ. އަދި އާންމުންނަށް ޝެޑުތަކުން ވިއްކާ އަގަަށް ބަދަލެއް އަންނަ ނަމަ އެކަން ހާމަކުރާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ