ހޮރްމޫޒް ކަނޑުއޮޅި މުޅިން ހުޅުވާލައިފި ކަމަށް އިރާނުން އިއުލާން ކޮށްފި

ފެބްރުއަރީ 28 ވަނަދުވަހު، އެމެރިކާ އާއި އިޒްރާއީލުން އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައާއެކު ބަންދުކުރެވުނު ހޮރްމޫޒް ކަނޑުއޮޅި މުޅިން ހުޅުވާލައިފިކަމަށް އިރާނުން އިއުލާނު ކޮށްފިއެވެ.
އެމެރިކާ އާއި އިޒްރާއިލުން އީރާނަށް ދެމުންގެންދިޔަ ހަމަލާތައް މެދުކެނޑުނު ނަމަވެސް، ހޮރްމޫޒު ކަނޑުއޮޅީގެ ބޭނުން ކުރެވުނީ ހުއްދަދެވުނު ވަކި ފަރާތްތަކަކަށެވެ. އަދި އިޒްރާއީލުން ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާނުލައިފިނަމަ، ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރާނެ ކަމުގެ އިންޒާރުވެސް އިރާނުން ވަނީ ދީފައެވެ.
އެހެންނަމަވެސް، އިޒްރާއީލުން ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް މެދުކަނޑާލުމާއެކު، ހޮރްމޫޒް ކަނޑުއޮޅި ވިޔާފާރި ބޭނުންތަކަށް މުޅިން ހުޅުވާލާފައިވާކަމަށް އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ވިދާޅުވެފައެވެ. މިއާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވެއްޓެންފަށާފައެވެ.
އިޒްރާއިލް އިސްވެއޮވެ، އެމެރިކާގެ އެހީތެރިކަމާއެކު، އީރާނާއި ދެކޮޅަށް ފެށި ހަނގުރާމާއިގަ މިހާތަނަށް 3300 މީހަކު މަރުވެފައިވާކަމަށް، އީރާނުގެ ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، އިޒްރާއިލުން ލުބުނާނަށް ދިން ހަމަލާތަކުގައި، އެގައުމުން މިހާތަނަށް 2100 މީހަކު މަރުވެފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ