ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ކަނޑާލައިފިއެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށް، ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާ ވަނީ ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ ގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެޗްޑީސީން ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު ހަމަކުރުމަށް، ކުރިއަށްއޮތް ދެއަހަރުވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް މެއިންޓައިނަންސްފީގެ ގޮތުގައި ކޮންމެ މަހަކުވެސް 1،000ރ ދައްކަންޖެހޭނެކަމަށް ވިދާޅުވިއެވެ.
ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ އެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފައެވެ.
ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ