ބޭނުންވަނީ އީރާނުގެ ތެޔޮވަޅުތައް: ޓްރަމްޕް

އީރާނުގެ ތެޔޮ ބޭރުކުރާ މައި ރަށްކަމަށްވާ ޚާރަކް އެމެރިކާއިން އަތްދަށުކޮށް، އީރާނުގެ ތެޔޮ ވަޅުތަކުގެ ކޮންޓްރޯލް ނަގަން ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެކަން ކުރުމާ ދެކޮޅަށް ވާހަކަ ދައްކާ އެމެރިކާ މީހުންނަކީ "ގަމާރު" ބައެއްގެ ގޮތުގައި ވެސް ޓްރަމްޕް ސިފަކުރެއްވިއެވެ.
ފައިނޭންޝަލް ޓައިމްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ވެނެޒުއެލާއަށް އަރައި އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެންދިޔުމަށްފަހު، އެ ޤައުމުގެ ތެލުގެ ކޮންޓްރޯލް ނެގުމާއި އީރާނާ މެދު ގެންގުޅުއްވި ޕްލޭން ތަފާތު ކަމަށެވެ.
ނަމަވެސް، އީރާނުގެ ތެޔޮވަޅުތައް އެމެރިކާގެ ބާރުގެ ދަށަށް ގެންނަވަން ވަރަށް ބޭނުންފުޅުވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ވަނަ ދުވަހު ފެށި ޣައިރުޤާނޫނީ ހަނގުރާމަ އިތުރަށް ފުޅާކުރުމުގެ ގޮތުން އެމެރިކާއިން ވަނީ އެތަކެއް ހާސް އިތުރު ސިފައިން ހުޅަނގު އޭޝިޔާ ސަރަޙައްދަށް ފޮނުވާފައެވެ.
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތުމުން، ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 115 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.
ޚާރަކްއަށް އަރައި، އެތަނުގެ ކޮންޓްރޯލް ނެގުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށް އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު އަލްޖަޒީރާ ނޫހަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އީރާނުގެ އިޤްތިޞާދާއި ހަކަތައިގެ މަރުކަޒުތަކަށް އެމެރިކާއިން ރާވައި ޙަމަލާތަކަށް ވާގިވެރިވާ ގަލްފުގެ ޤައުމުތަކުގެ ހަކަތައިގެ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ