މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރާ މީހުންނަށް، އެމްޑީޕީ ސަރުކާރަކާ ހަމައަށް މުސާރަ ދޭނަން: ޣަފޫރު
މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރާ މީހުންނަށް، އެމްޑީޕީ ސަރުކާރެއް އިންތިޚާބު ވަންދެން މުސާރަ ދޭނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަވެރިކަން ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން ވަނީ މި ސަރުކާރުން ސިޔާސީ ސަބަބުތަކާ ހެދި ބައެއް މީހުން ވަޒީފާއިން ވަކި ކުރާ ކަމަށާއި ބައެއް ރަށްރަށުގައި ވަޒީފާތައް 'ބަހަމުން' އަންނަ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. ކުޅުދުއްފުށި ސިޓީގައި އޮތް ޖަލްސާގައި އެ ތުހުމަތުތަކާ ގުޅުވައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރުގައި ނުހައްގުން މީހުން ވަޒީފާއިން ވަކިކުރުމުގައި ބައިވެރިވާ މީހުން، އެމްޑީޕީގެ ސަރުކާރެއްގައި ގާނޫނުގެ ކުރިމައްޗަށް ގެނެސް، ޖަލަށް ލާނެ ކަމަށެވެ. ވަޒީފާއަށްބިރު ނުތިބެ، ސަރުކާރާ ދެކޮޅަށް ވޯޓުލާން ނިކުތުމަށް ގޮވާލައްވައި ޣަފޫރު ވަނީ، ވަޒީފާއިން ވަކި ކުރާ މީހުންނަށް މާލީ އެހީވާނެކަން ހާމަކުރައްވާފައެވެ. އަބްދުލްޣަފޫރު މޫސާއާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ސަލާން ކުރައްވަނީ --- ފޮޓޯ/ އެމްޑީޕީ ވަޒީފާއިން ކަނޑާލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމާ ހިސާބަށް މުސާރަ ދޭނަން. ބިރު ގަންނާކަށް ނުޖެހޭއެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އޭނާ ވިދާޅުވީ، މި ސަރުކާރުން އިންތިޚާބާ ދިމާކޮށް 'ބަހައިފައިވާ' ވަޒީފާތަކުން، ހޮނިހިރު ދުވަހުގެ ފަހުން މީހުން ވަކި ކުރާނެ ކަމަށާއި އެއްވެސް މީހެއްގެ އަތުގައި ދާއިމީ ޗިޓެއް ނޯންނާނެ ކަމަށެވެ. ސަރުކާރުން އެގޮތަށް ދީފައިވާ ވަޒީފާތަކުގައި، އޮފީހަށް ނުގޮސް، ފޯނުން އެޓެންޑެންސް ހަދައިގެން މުސާރަ ނަގާ 1،500 މުވައްޒަފުން އެކި އިދާރާތަކުގައި އެބަތިބި ކަމަށް ޣަފޫރު ތުހުމަތުކުރެއްވިއެވެ. އެ މުވައްޒަފުންނަށް މަހު މުސާރައަށް 67،000 ރުފިޔާގެ އިތުރަށް، އިތުރު ގަޑީގެ ފައިސާ ވެސް ލިބޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ޣަފޫރު އެފަދައިން ވިދާޅުވިއިރު، ކައުންސިލް އިންތިޚާބަށް ކައިރިވެފައި ވަނިކޮށް ސަރުކާރުގެ އެކި އިދާރާތަކުން އަންނަނީ ވަޒީފާތަކަށް މީހުން ހޯދަން އިއުލާނުކުރަމުންނެވެ. މިގޮތުން، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 91 އިއުލާނެއްގެ ދަށުން އެމްޓީސީސީން ޖުމްލަ 1،185 ވަޒީފާއަކަށް ހުޅުވާލާފައިވާއިރު، ކަސްޓަމްސްއިން ވެސް ވަނީ 48 މުވައްޒަފުން ހޯދަން އިއުލާނުކޮށްފައެވެ. https://sun.mv/219795 އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް "ބެހުން" ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ. މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރުޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ