ބީއެމްއެލްއިން ހުޅުމާލެ ފޭސް 2ގައި އަޅާ 1190 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީއެމްއެލް އެފޯޑަބަލް ލީޒިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި އިމާރާތްކުރާ 1190 ހައުސިން ޔުނިޓުގެ ބިންގާ އެޅުމާއި އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މަޝްރޫއުގެ ކޮންޓްރެކްޓަރ، ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓުގައި މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 1190 ހައުސިން ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ އަބްދުالله މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ބީއެމްއެލްއާއި ބީޔޫސީޖީގެ އިސްވެރީންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސް ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
”އެފޯޑަބަލް ހައުސިން“ މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން“ މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫއުއެކެވެ.
މިއީ ”ލީސް-ޓު-އޯން“ މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫއުގެ ދަށުން، ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި ޖުމުލަ 3260 ޔުނިޓް ތަރައްގީ ކުރާނެއެވެ.
ރޭ ފެށި މި މަޝްރޫއާއެކު، މި ސްކީމްގެ ދަށުން، މިހިނގާ މާރިޗުމަހުގެ ތެރޭގައި 4 މަޝްރޫއުގެ ބިންގާ އެޅި، ޢަމަލީ މަސައްކަތް މި ވަނީ ފައްޓަވާފައެވެ.
އޭގެތެރޭގައި ޗައިނާ މެޝިނަރީ އިންޖިނޭރިން ކޯޕަރޭޝަން (ސީއެމްއީސީ)އިން ހުޅުމާލޭ ފޭސް 2 ގައި ތަރައްގީ ކުރާ 1224 ހައުސިން ޔުނިޓާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ޙަވާލުކުރައްވައިގެން ވިލިމާލޭގައި ތަރައްގީ ކުރާ 300 ހައުސިން ޔުނިޓާއި، އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިގެން ހުޅުމާލޭ ފޭސް 1ގައި ތަރައްގީ ކުރައްވާ 182 ހައުސިން ޔުނިޓު ހިމެނެއެވެ.
މިއާއެކު މަޝްރޫއުގެ 2896 ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށިފައިވާއިރު، މިހާތަނަށް އަމަލީ މަސައްކަތް ނުފެށިވާ 364 ޔުނިޓްގެ ބިންގާ އަޅުއްވައި، އަދި އަމަލީ މަސައްކަތް، އަންގާރަ ދުވަހުގެރޭ ފައްޓަވާނެއެވެ. ޖުމުލަ 3260 ޔުނިޓު ހިމެނޭ މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް، ހިނގަމުންދާ ދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މެދުވެރިކޮށް، އެތައް ހާސް ބަޔަކަށް، އެ ދައުރުގެ ތެރޭގައި ފްލެޓް ލިބި، ހިކިފަސްތާކުން ގޯތިލިބޭނޭ ކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް ވިދާޅުވެފައެވެ.
2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މި އަހަރުގެ ފެބުރުވަރީ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް އާއިލާތަކަށް ރިއަލް އެސްޓޭޓް އުސޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމާއި، މެދުފަންތީގެ އާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުސަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ އާއިލާތަކަށް ސޯޝަލް ހައުސިންގ ޢިމާރާތްކޮށް ދިނުން ހިމެނޭކަމުގައި ވިދާޅުވެފައެވެ.
ހަމަ މިއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިގެންކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ