ސަލްމާންގެ އާ ފިލްމު ރިލީޒްކުރާ ތާރީޚާ އެކު ފިލްމު 'އަލްފާ' އަނެއްކާވެސް ފަސްކޮށްފި
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން" އަންނަ އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރާނެކަން އިއުލާނުކުރުމާ ގުޅިގެން ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާގެ ފިލްމު "އަލްފާ" ރިލީޒްކުރާ ތާރީޚަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ. ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ ފިލްމު "އަލްފާ"ވެސް މީގެކުރިން ރިލީޒްކުރާނެކަން އިއުލާނުކޮށްފައި ވަނީ ސަލްމާންގެ ފިލްމު ރިލީޒްކުރަން ނިންމި ތާރީޚު 17 އޭޕްރީލްގައެވެ. ނަމަވެސް އަންނަ އަހަރުގެ އެ ތާރީޚު ސަލްމާނަށް ހުސްކޮށްދިނުމުގެ ގޮތުން އަދިތިޔަގެ ޓީމުން ވަނީ ފިލްމު "އަލްފާ" ރިލީޒްކުރުން ފަސްކުރިކަން އިއުލާނުކޮށްފައެވެ. ސަލްމާން ޚާން އަދި ފިލްމު "އަލްފާ"ގެ ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާ--ފޮޓޯ/ބޮލީވުޑްހަންގާމާ ބަތަލާ އާލިއާ ބަޓް ލީޑް ރޯލް ކުޅޭ ފިލްމު "އަލްފާ" މި މަހު ރިލީޒްކުރަން ވެސް ކުރިން ނިންމިއެވެ. ނަމަވެސް ފިލްމު ރިލީޒްކުރުން އަންނަ އަހަރުގެ އޭޕްރިލް މަހަށް ބަދަލުކުރީ އެ ފިލްމުގެ ވީއެފްއެކްސް މަސައްކަތް އެއްކޮށް ނުނިމޭތީ އެކަމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ބުނެއެވެ. އޭރު އިތުރު އެއްވެސް ފިލްމެއް އަންނަ އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައި ނެތުމުން ވައިއާރްއެފްއިން ނިންމީ "އަލްފާ" އެ ދުވަސްވަރު ބެލުންތެރިންނަށް ގެނެސްދިނުމަށެވެ. ނަމަވެސް ސަލްމާން ޚާން އަކީ އަދިތިޔަގެ ވަރަށް ގާތް މީހަކަށްވެފައި އެކްޓަރަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ވެސް ވަރަށް މުހިއްމު ތަރިއަކަށްވުމުން ސަލްމާންގެ ފިލްމަށް އިހުތިރާމް ކުރުމުގެ ގޮތުން އަދިތިޔަގެ ފިލްމު ރިލީޒްކުރުން ފަސްކުރަން ނިންމީ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޝިވް ރަވައި ސްޕައި ޔުނިވާސްއަށް ޑައިރެކްޓްކޮށްދޭ "އަލްފާ" އަލުން ސިނަމާތަކަށް ގެންނާނެ ތާރީޚު ކުރިއަށްހުރި ފިލްމީ ކަލަންޑަރުތަކަށް ބެލުމަށްފަހު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ބަތަލާ އާލިއާގެ އިތުރުން ޝަރުވަރީ ވާގް އަދި ބޮބީ ޑިއޯލް މުހިއްމު ރޯލް ކުޅޭ މި އެކްޝަން ސްޕައި ފިލްމަކީ އަންހެން ބަތަލާއަކު އެކްޝަން ތަރިއެއްގެ ގޮތުގައި ގެނެސްދޭ ފުރަތަމަ ހިންދީ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ