ވައިބާ ހެކްކޮށްގެން ނެގި 150،000 ރުފިޔާ ނުހޯދޭ، ތުހުމަތުވާ މީހާގެ އިތުރު 27 މައްސަލަ
މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ގެއްލުނު ފައިސާގެ އެއްވެސް މިންވަރެއް އަނބުރާ ހޯދިފައިނުވާ ކަމަށް ފުލުހުން އިއްޔެ ބުނެފިއެވެ. ހަތަރު މީހަކު ހައްޔަރުކުރި މި މައްސަލައިގައި ހިމެނޭ އުމުރުން 39 އަހަރުގެ ޙަސަން އަޒުރާޙްގެ ބަންދު މުރާޖައާކުރުމަށް ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވާ ފުލުހުންގެ އޮފިސަރާ ހަވާލާދީ ކޯޓު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި މިހާތަނަށް ގެއްލުނު އެއްވެސް ފައިސާއެއް އަނބުރާ ހޯދިފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އަޒުރާޙަކީ މީގެ ކުރިން ވެސް އެކި ކުށުގެ ރިކޯޑު އޮތް މީހެކެވެ. އެގޮތުން މިހާރު ވެސް އޭނާއާ ގުޅޭ ސްކޭމްގެ 27 މައްސަލައެއް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. މި މައްސަލައިގައި އޭނާގެ ބަންދަށްވަނީ 30 ދުވަސް އިތުރުކޮށްފައެވެ. https://sun.mv/215692 ފާހަގަކުރެވޭ ގޮތުގައި މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި މި މަހު އަޒުރާޙު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެއީ: ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) ހމ. ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު (22އ) https://sun.mv/215834 ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން އެންޓި ސްކޭމް ސެންޓަރު އުފެދުނު ތާރީޚު ކަމަށްވާ މި އަހަރުގެ މާރިޗު 17އާ ހަމައަށް 6،000 މީހުންގެ އަތުން 110 މިލިއަން ރުފިޔާ ގެއްލުނުއިރު، އެންމެ ސްކޭމަރެއް ވެސް ނުހޯދޭ ކަމަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވެއެވެ. އެންޓި ސްކޭމް ސެންޓަރު ހުޅުވި ފަހުން މިދިޔަ ދިހަ މަހުގެ ތެރޭގައި 1،663 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ހުށަހެޅި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެންމެ ގިނަ މީހުން ހުށަހެޅީ، އީކޮމާސް ނުވަތަ ފޭސްބުކް މާކެޓް ޕްލޭސްގެ ސްކޭމްކޮށްގެނެވެ. އެ ބާވަތުގެ ސްކޭމްގައި ޖެހިގެން 763 މީހަކު ފުލުހުންނަށް ރިޕޯޓުކުރިއިރު، ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ 340 ސްކޭމް މައްސަލަ ހުށަހެޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ