ފޯމެއް ފުރައިގެން ޕާޓީތެރެއަށް ލޮޅުމެއް ނާންނާނެ: މެމްބަރު އީސަ

އެމްޑީޕީ ތެރޭގައި ފޯމެއް ނުވަތަ ޕެޓިޝަނެއް ފުރައިގެން ޕާޓީތެރެއަށް ލޮޅުމެއް ނާންނާނެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު 'ފިކުރެއްގެ ދިރުން' މި ނަމުގަ ގޮފިތަކެއް އުފެއްދުމުގެ މަސައްކަތް ކުރައްވާތީ އެކަމާ ގުޅިގެން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ޕާޓީ ތެރޭގައި ފޯމެއް ފުރައިގެން އެމްޑީޕީ ގުޑުވާލެވިފައިނުވާ ކަމަށެވެ.
މިހާތަނަށް އައިއިރު އެފަދަ ކަމެއް ފެނިފައިނުވާކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ އެމްޑީޕީގަ މަސައްކަތް ކުރައްވަނީ އެއް ބައެއް ކަމަށެވެ.
މެމްބަރު ވިދާޅުވީ ޕާޓީ އެތެރޭގެ އިންތިޚާބަކަށް ފަހު ރައީސް ސާލިހްވެސް އަދި ރައީސް ނަޝީދުވެސް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ފަހަތްފުޅަށް އަރާވަޑައިނުގެން ނުތިއްބަވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު އީސަ ވިދާޅުވީ ޕްރައިމަރީއެއް ކާމިޔާބު ކުރައްވާ ބޭފުޅަކަށް ތާއީދުކުރައްވައިގެން ސިޔާސީ މަސައްކަތް އެންމެ ގިނައިން ކުރެއްވީވެސް ރައީސް ނަޝީދު ކަމަށެވެ.
އެހެންކަމުން ރައީސް ނަޝީދަކީ މަލްޓިޕާޓީ ނިޒާމަށް ފަރިތަ ބޭފުޅެއްކަމުން ޕާޓީގެ އެތެރޭގެ އިންތިޚާބެއް ކާމިޔާބު ކުރާ ކެންޑިޑޭޓާއެކު މަސައްކަތް ކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ރައީސް ނަޝީދު އަބަދުވެސް ވަކާލާތުކުރެއްވީ ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަބާވުން ކަމަށާއި އެމަނިކުފާނު ދަންނަ ނަޝީދެއް ޕާޓީގެ މެމްބަރުން ނިންމާ ނިންމުމަށް އިންކާރެއް ނުކުރައްވާނެ ކަމަށް އީސަ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ