ޓެކްސީ ޑުރައިވަރު ޤާސިމް ގަސްތުގައި މަރައިލިކަން އަދުހަމުގެ މައްޗަށް ސާބިތުވެއްޖެ

ޓެކްސީ ޑުރައިވަރު ޤާސިމް ހަސަން ގަސްތުގައި މަރައިލިކަން އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މ މައްސަލައަކީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ޤާސިމްގެ ޓެކްސީ ކާރުގެ ފަހަތު ސީޓުގައި އިދެ އޭނާ އަތުން ފައިސާ ފޭރުމަށް ކުރި މަސައްކަތުގެ ތެރޭގައި ޤާސިމްގެ ކަރަށް އަދުހަމް ވަޅިއަކުްނ ހަމަލާދީ އޭނާ މަރައިލި މައްސަލައެވެ.
އެ މައްސަލާގައި ދައުލަތުން އަދުހަމުގެ މައްޗަށް އުފުލީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަށް އަދުހަމު ފުރަތަމަ އިއުތިރާފުވި ނަމަވެސް ބުނެފައިވަނީ ހަމަލާދިނީ މަރައިލުމުގެ ގަސްތެއް ނެތިކަމަށާއި، އެއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބެއްލެވި ޤާޟީ އަލީ ނަދީމު ފާހަގަކުރެއްވީ ޤާސިމަށް ވަޅިން ހަމަލާދިން ސަބަބާމެދު އެކި ފަހަރު އެކި ގޮތަށް އަދުހަމު ވާހަކަދެއްކި ނަމަވެސް، ވަޅި ހަމަލާދިންކަމަށް އޭނާ އިންކާރުނުކުރާ ކަމަށެވެ.
އަދި ގަސްތުގައި މީހެއް މެރުމުގެ ނިޔަތް އޮތްކަން ކަނޑައެޅުމުގައި ބަލާނީ ހަމަލާދިނުމުގައި ބޭނުންކުރި ހަތިޔާރަށާއި، ހަމަލާ އަމާޒުކުރި ގުނަވަނަށްކަން ފާހަގަކުރައްވައި ޤާޟީ ނަދީމް ވިދާޅުވީ ހަމަލާދިނީ ވަޅިއަކުންކަމާމެދު އަދުހަމް ސުވާލު އުފައްދާފައި ނެތް ކަމަށެވެ. އަދި ހަމަލާދިނީ ކަރަށްކަމާމެދު އަދުހަމް އިންކާރުކޮށްފައި ނެތްކަމަށެވެ. އެ ދެކަމުންވެސް އަދުހަމް ހަމަލާދިނީ މަރައިލުމުގެ ނިޔަތުގައިކަން އެނގޭ ކަމަށެވެ.
އިތުރަށް ފާހަގަކުރެއްވީ އެކަހެރި ތަނެއްގައި ހިންގި މި އަމަލަށްފަހު ޤާސިމަށް އެހީވާން އަދުހަމު ނޫޅެ އެތަން ދޫކޮށް ފިލުމަކީވެސް އޭނާގެ ކިބައިގައި މަރައިލުމުގެ ނިޔަތް އޮތްކަން ސާފުވާ ކަމެއް ކަމަށެވެ. އަދި ހާދިސާއަށްފަހު ޤާސިމަށް އެހީތެރިވާން އަދުހަމް މަސައްކަތްކުރިނަމަ، އޭނާގެ ކިބައިގައި މެރުމުގެ ނިޔަތް ނެތްކަމަށް ބެލެވިދާނެ ކަމަށެވެ.
އަދި ހަމަލާދިންއިރު މަސްތުގައި ހުރިކަމަށް އަދުހަމް ބުނި ނަމަވެސް ހަމަލާދިނީ ފޭރެން އުޅުމުގެ ތެރޭގައިކަމަށް އަދުހަމު ބުނެފައިވުމުން އޭނާ ހުރީ ކަންކަން ވިސްނޭ ހާލަތެއްގައިކަން އެނގޭ ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.
އަދުހަމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމާއެކު ދެން އޮންނާނީ އަދަބާމެދު ޤާސިމްގެ ވާރުތަވެރިންގެ ބަސް ހޯދުމެވެ. ޤާސިމުގެ ވާރުތަވެރިންގެ ގޮތުގައި ފަސް މީހަކު ތިބިކަމަށް ދައުލަތުން އެ އަޑުއެހުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ