ހުޅުމާލޭގައި އިއާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި

ހުޅުމާލޭ ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ގާއިމުކުރި ސޯލާރ ޕީވީގެ އަމަލީ މަސައްކަތް ނިމި އެ އެޕެނަލްތަކުން ކަރަންޓު އުފައްދަން ފަށައިފިއެވެ.
ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި އަދި ހުޅުމާލޭ ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައިގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ ތެރެއިން ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައި ގާއިމުކަރާ ސޯލަރ ޕީވީގެ އަމަލީ މަސައްކަތް ނިމި އެ އެޕެނަލްތަކުން މިހާރު ވަނީ ކަރަންޓު އުފައްދަން ފަށާފައެވެ.
އެވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ނިޒާމުގެ ދަށުން ގާއިމްކުރާ ޖުމްލަ 5.6 މެގަވޮޓްގެ ތެރެއިން ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ގާއިމުކޮށްފައިވަނީ 400 ކިލޯވޮޓްގެ ސޯލަރ ޕީވީ ކަމަށެވެ. އަދި 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ހުޅުމާލޭ ލިންކްރޯޑް އާއި ހުޅުމާލެ ބޯށިމާހިނގުމުގައި ކަމަށެވެ.
އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި 5.6 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ޤާބިލުކަމުގެ ބަލައި އަދި އޭގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހަޅައި މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުންނެވެ.
އެންސިސް ކޯ ލިމިޓެޑުންވަނީ ސޯލަރ ޕީވީ ޖެހުމަށް ލިންކް ރޯޑްގެ މެދުގައި ހުސްކޮށް އޮންނަ "ޓްރެފިކް އައިލެންޑް" ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ގަލްވަނައިޒްޑް ސްޓީލް ކެނޮޕީ ސްޓަރކްޗަރ ތަކެއް ގާއިމުކޮށްފައެވެ. މި ސްޓަރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ، ސޯލާރގެ ނިޒާމުގެ ނެޓްވާރކެ ގެ ހުރިހާބައެއް ޤާއިމުކޮށް ސްޓެކްލޯގެ ނެޓްވާރކާއި ގުޅާލެވި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިންނެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް އެއް ކޮންޓެރެއްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލަރ ޕީވީ ނިޒާމެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ޚަރަދު ކުޑަވެގެން ދާނެކަމަށް މިނިސްޓްރީން އަންދާޒާކުރެއެވެ.
އެގޮތުން މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން މަދުވެގެން 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ ކަމަށް މިނިސްޓްރީން  ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ