ޝާޒް ގުރައިދޫ ދާއިރާގެ ގޮނޑިއާ ހަވާލުވުން ހޯމަ ދުވަހު

ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒް މަގާމުގެ ހުވާ ކުރެއްވުން އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ. މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޝާޒް މަގާމުގެ ހުވާ ކުރެއްވުން ހަމަޖެހިފައިވަނީ 24 އޭޕްރިލް ވާ ހޯމަ ދުވަހުގެ 10:00 ގައި ކަމަށެވެ. މަގާމުގެ ހުވާ ކުރެއްވުމަށް ފަހު އެ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ޝާޒް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނީ 1346 ވޯޓާއެކުވެ. އިންތިޚާބުގައި ދެން ވާދަކުރީ އިދިކޮޅު ޕީޕީއެމް އިންނާއި އެމްއެންޕީ އިންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އަށް 1266 ވޯޓު ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފް އަށް ލިބިވަޑައިގެންނެވީ 136 ވޯޓެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. މިއީ ފެހި ގާނޫނު އަސާސީ ވުޖޫދުވީ ފަހުން ބޭއްވި މަޖިލިސް އިންތިހާބެއްގައި އެމްޑީޕީން މި ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ