ޖޫން މަހުގެ ކަރަންޓު ބިލާއެކު ކުނީގެ ބިލު އަންނާނެ، މައްސަލައެއް އުޅޭނަމަ އަންގާ!

ޖޫން މަހުގެ ކަރަންޓު ބިލާއެކު ކުނީގެ ބިލު އަންނާނެ ކަމަށާއި ބިލުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެންގުމަށް ސްޓެލްކޯ އިން އެދިއްޖެއެވެ.
އެ ކުންފުނިން މިކަމަށް އެދުނީ ކުނީގެ ބިލު، ސްޓެލްކޯގެ ކަރަންޓް ބިލުގައި ހިމެނުމަށް ނިންމައި، އެކަމުގެ ފަހުމުނާމައިގާ ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް ވަނީ  މި ދެ ބިލު އެއްކޮށްލާތީ، ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
އެގޮތުން އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯ އެޕް މެދުވެރިކޮށް މީޓަރުގެ ރީޑިން ކަލްކިއުލޭޓް ކުރެވޭނެ ކަމަށާއި އެ އަދަދު ޖެހުމާއެކު އޮޓޮމެޓިކުން ބިލިން އިންނަ ފޯމިއުލާއިން އެދުވަހެއްގެ އަދަދު ވެސް ކަލްކިއުލެޓް ކުރެވޭނެ ކަމަށެވެ.
"ވޭތުވެދިޔަ މުއްދަތުގެ، ވޭތުވެދިޔަ 10 ދުވަހުގެ ބިލް، 15 ދުވަހުގެ ބިލް، 20 ދުވަހުގެ ބިލް، 25 ދުވަހުގެ ބިލް އެގޮތަށް ކަލްކިއުލެޓް ކުރެވޭ ގޮތަށް އެޕް އިންނާނީ. އަޅުގަނޑުމެންނަށް ބިލް ނުކުރާ ކަރަންޓަކަށް ބިލް ކުރާކަމަށް އެކިއުސް ކުރުމުގެ ކުރިން އަޅުގަނޑުމެންގެ އެޕްގެ ބޭނުން ކުރައްވާ." ޝަރީފް ވިދާޅުވިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ ޖޫން މަހުން ފެށިގެން ބިލް ކުރާނީ މަހަކަށް 150 ރުފިޔާގެ ރޭޓުން ކަމަށެވެ.
އެގޮތުން އަހަރަކަށް ޖެހޭ މިންވަރު 1800 ރުފިޔާ 365 ދުވަހަށް ބެހުމަށްފަހު ދުވާލަކަށް ޖެހޭ 4.9315 ގެ ރޭޓުން ސްޓެލްކޯއިން ތައްޔާރު ކުރާ ކަރަންޓް ބިލުގައިވާ މުއްދަތަށް ބިލްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ