ޗާގޯސް މައްސަލައިގެ އެއްވުމުގައި ޖޭޕީގެ މެމްބަރުން ބައިވެރި ނުވާން ގާސިމް އެދިވަޑައިގެންފި

ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.
އިމުގެ މައްސަލާގައި ޕީޕީއެމާއި ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން ދަނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. އެ އެއްވުން ބާއްވަން ނިންމާފައި ވަނީ އެ ރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.
އެކަމަކު، އިމުގެ މައްސަލާގައި އެއްގަލަކަށް އަރާފައިވާ ކޯލިޝަންގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ޖޭޕީ ތަމްސީލް ކުރެއްވި ނަމަވެސް، އެ ޕާޓީގެ ލީޑަޝިޕާއި ކައުންސިލްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ގާސިމް އެދިވަޑައިގަތީ ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ޖޭޕީގެ މެމްބަރުން ނުދިއުމަށެވެ.
ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތު މިވަގުތު ހުރި ގޮތުން އޭނާގެ އިލްތިމާސަކީ އެ ޖަލްސާގައި ޖޭޕީގެ މެމްބަރުން ބައިވެރިނުވުން ކަމަށެވެ. އެކަމަކު ބައިނަލްއަގްވާމީ މާހިރުންގެ ލަފައާ އެކު އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ ގޮތްތައް ހޯދޭތޯ މަސައްކަތްކޮށްފި ނަމަ، ހަގީގީ ނަތީޖާ ހާސިލުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޗާގޯސްގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ އެއްވުމަށް ޖޭޕީގެ މެމްބަރުން ނުދާން ގާސިމް އެދިވަޑައިގަތް މައިގަނޑު ސަބަބަކީ މެސެޖުތަކުގައިވާ ގޮތުން ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މޭ 1، 2015 ގައި މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ނަތީޖާ އެވެ. އެ އަހަރުގެ މޭޑޭ ފާހަގަކުރުމަށް އެ ފަހަރު މާލޭގައި ބޭއްވި އެ އެއްވުން ނިނުނީ އެއްވުމުގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ބޮޑު ކުރިމަތިލުމަކަށް ފަހު އެވެ. ބައެއް މީހުންނަށް އަނިޔާވެ، މުޒާހަރާގެ ބައެއް ބައިވެރިން ދާން ޖެހުނީ ޖަލަށެވެ.
މޭޑޭގެ މުޒާހަރާގެ ނަތީޖާ ނުކުތީ ބޭނުން ނުވި ގޮތަށް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވިގޮތުގައި، ޖޭޕީން އޭރު ވެސް ނިންމީ މޭޑޭގެ މުޒާހަރާގައި ބައިވެރި ނުވުމަށެވެ.
ޗާގޯސްގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގެ އެއްވުމުގައި ޖޭޕީން ބައިވެރިނުވުމަށް ގާސިމް އެދިވަޑައިގަތްއިރު ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހިންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެ އޭނާ ވަނީ ވިދާޅުވެފަ އެވެ.
Gellunu kanduge sarahadhu hoadhan masakkaiy kuraanan: Gasim
The most trusted news source in the Maldives
Mihaaru
އެ ނިންމުމާ ގުޅިގެން ގާސިމް ކުރިން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލަ ނިމުނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި އިގްތިސާދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އިޓްލޮސްގެ ހުކުމާ އެކު ގެއްލިއްޖެ ކަމަށާއި އެ ހުކުމާ ގުޅިގެން ދިވެހިންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެކަމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
އެކަމަކު އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ސިޓީ އަނބުރާ ގެންދިއުމަށް ގޮވާލައި އިދިކޮޅުން ވަނީ ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ