ނިލަންދޫ ދާއިރާގެ މެންބަރު މުހްސިން އެމްޑީޕީއާ ގުޅިވަޑައިގެންފި

މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާ ޖޭފޯ ގުޅިވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ފޯމު ހަވާލުކުރެއްވީ މިއަދު ރައީސް ފ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ނިލަންދޫގައެވެ. ޖޭފޯ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު އެ ފަދަ އަޑުތަކެއް ފާއިތުވި ހަފުތާގެ ތެރޭ ފެތުރިފައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް އެމްޑީޕީން ވެއްދި މައްސަަލައިގައި ޖޭފޯ ސޮއިކުރައްވައިފައިވެއެވެ. މިއަދާ ހަމައަށް އައިރު ވެސް ޖޭފޯ ސިޔާސީގޮތުން މާ ބޮޑެތި ބަހުސްތަކެއްގައި މަޖިލީހުގައި ވާހަކަދައްކަވައި ނުހައްދަވައެވެ. ސިޔާސީ މައިދާނަށް ޖޭފޯ ނިކުމެވަޑައިގަތީ ޑީއާރްޕީއިންނެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތްކުރެއްވުމަށް ޓަކައި ޕީޕީއެމާ ގުޅިވަޑައިގަތެވެ. އެ ވެރިކަމުގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ. ވެރިކަން ބަދަލުވެ ސިޔާސީ ގޮތުން އައި ބަދަލާއެކު ދެން ޖޭފޯ ގުޅިވަޑައިގަތީ އެމްއެންޕީއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ