ކަރަންޓު ފޯރުކޮށްދިނުމުގައި ސްޓެލްކޯއާ އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް: ޝަރީފް

ރައްޔިތުންނާ ހަމަޔަށް ކަރަންޓު ފޯރުކޮށްދިނުމުގައި ސްޓެލްކޯއާ، އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ހިންގި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސެޓްފިކެޓް ދިނުމަށް މިއަދު ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާގައި ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސްޓެލްކޯއަކީ ޔުޓިލިޓީ ހިދުމަތުގެ ދާއިރާގެ އެންމެ މުހިއްމު ކުންފުނި ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް މުހިއްމު އަމާޒެއް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުން. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވަރަށް ބޮޑު އަމާޒެއް،އަދި ޓާގެޓެއް ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުން. އެކަމުގައި އަޅުގަނޑުމެން ސްޓެލްކޯގެ ދައުރު އަދާ ކުރުމަށްޓަކައި ކުރާ މަސައްކަތެއް މި މަސައްކަތަކީ، އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތްތެރިންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ. މި ފުރުސަތުގައި، މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނަށް ޝުކުރު ދަންނަވަން” ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ފެނާއި ނަރުދަމާ އަކީ ސްޓެލްކޯއަށް އަދި އާ ދެ ޔުޓިލިޓީ ކަމަށާއި ކަރަންޓު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި ސްޓެލްކޯއާ، އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށެވެ. އަދި މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭނެ ކަމަށާއި އެހެން ނަމަވެސް ފެނާއި ނަރުދަމާއަކީ އާ ދެ ހިދުމަތް ކަމަށް ޝަރީފް ވިދާޅުވިއެވެ.
" މިކުންފުނީގެ އަސާސް ނުވަތަ ޕްރައިމް މެންޑޭޓަކީ އާންމުރައްޔިތުންނަށް ހިދުމަތް ދިނުން.  އެއީ ކަރަންޓުގެ ހިދުމަތް ކަމުގައިވިޔަސް އަދި ފެނާއި ނަރުދަމާގެ ހިދުމަތް ކަމުގައިވިޔަސް. މި ތިން ހިދުމަތް ފޯރުކޮށްދިނުމުގައި، ނުވަތަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެންގެ އެއްވެސް މިންވަރެއްގެ، ބާވަތެއްގެ އިހުމާލެއް އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގަވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެ" ޝަރީފް ވިދާޅުވިއެވެ.
މި ދެ ކޯހުގައި ޖުމްލަ 89 މުވައްޒަފަކު ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ. މީގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 66 މުވައްޒަފުންނެވެ، އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 23 މުވައްޒަފުންނެވެ. 
މި ޕްރޮގްރާމްތަށް ހިންގުމުގެ މައިގަނޑު މަގުސަދަކީ ސްޓެލްކޯގެ މުވައްޒަފުންނަކީ ދާއިރާތަކުން އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށް، އިލްމީ އަދި ފަންނީ ގޮތުން ގާބިލް އަދި ހުނަރުވެރި މުވައްޒަފުންތަކެއް ސްޓެލްކޯގައި ބިނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ