ފައިޓާ އެއާކުރާފްޓަށް ޖެޓް އިންޖީން އުފައްދަން އިންޑިއާ އާއި އެމެރިކާއިން ދިފާއީ މާއެއްބަސްވުމަކަށް ދާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ޕްރިންޓުގައި ބުނެފައިވާ ގޮތުން އިންޑިއާގެ ސަރުކާރު ކުންފުނި ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އާއި އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް (ޖީއީ) އާ ދެމެދު ސޮއިކުރަން އުޅޭ އެ އެއްބަސްވުމުގެ ކުރީކޮޅު އޭވިއޭޝަން އިންޖީނު އުފެއްދި ނަމަވެސް ފަހުން އައިސް އިންޑިއާގެ އަސްކަރީ މަނަވަރުތަކަށް ބޭނުންވާ އިންޖީނުވެސް އުފެއްދާނެ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވެނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އަދި ޖޯ ބައިޑަންގެ ދިފާއީ ސެކްރެޓަރީ ލޮއިޑް ޖޭމްސް އޮސްޓިން އަންނަ ހަފުތާގައި ނިއު ދެއްލީއަށް ކުރައްވަން ނިންމަވާފައިވާ ދަތުރުގައި އެ އެއްބަސްވުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން, އިންޑިއާ އާއެކު ފައިޓާ އެއާކްރާފްޓަށް ޖެޓް އިންޖީން އުފެއްދުމުގެ އެއްބަސްވުމަށް އެމެރިކާއިންވެސް ޝައުގުވެރިވެ އެވެ. ސަބަބަކީ ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރު ހަރަފުތަކަށް ގެންދިއުމާއެކު ފްރާންސްގެ އިންޖީނު އުފައްދާ ސަފްރާން އަދި އިނގިރޭސި ވިލާތުގެ ރޯލްސް ރޯއީސް ފަހަތަށް ޖައްސާލުމެވެ.
ދިފާއީ މުއައްސަސާގެ ބައެއް މަސްދަރުތަކާ ހަވާލާދީ ދަ ޕްރިންޓް ނޫހުގައި ބުނެފައިވާ ގޮތުން, އެމެރިކާއާއި އިންޑިއާއާ ދެމެދު ސޮއިކުރާ އެއްބަސްވުމުގެ ދަށުން އުފައްދާނީ ޖީއީ އެފް414 އިންޖީނެވެ.
ބެންގަލޫރުގައި ހުންނަ އެޗްއޭއެލްގެ އިންޖީން ޑިވިޝަނުން އެ އިންޖީނު އުފައްދަން ފެށުމުން ކުރިއަށް އުފައްދަން ހުރި, ޓެޖާސް އެމްކޭ 2, އެޑްވާންސް މީޑިއަމް ކޮމްބެޓް އެއާކްރާފްޓް އަދި ޓުވިން އިންޖީން ޑެކް ބޭސްޑް ފައިޓާ ފަދަ އެއާކްރާފްޓްތަކަށް އެ އިންޖީން ބޭނުން ކުރެވޭނެ އެވެ.
އިންޑިއާއާއި އެމެރިކާ އިން ދިފާއީ މާއެއްބަސްވުމަކަށް: ފައިޓާ ޖެޓަށް އިންޖީން އުފައްދަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ