ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުން: 5 މީހަކަށް ދައުވާ ކޮށްފި

ރައީސުލްކުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަައިގައި ޖުމްލަ ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ފަސް މީހަކަށް ޕީޖީ އޮފީހުން ކުރަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއެވެ.
އެގޮތުން ހުޅުމާލެ 11328 ގޯތި، މުހައްމަދު އައްބާސްއާއި، ދަފްތަރު، ނަންބަރު ރސ 9151، އަހުމަދު ރަޝީދުއާއި، ހުޅުމާލެ ފްލެޓް 06-2-154، އަހްމަދު ޢަޒީލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
އަދި ގއ. ދެއްވަދޫ، އެސްޓަންވިލާ، އަހުމަދު ސިނާންއާއި، ށ. ބިލެތްފަހި، ސޭޑީކޯނާ، މަރްޔަމް މާޝާގެ މައްޗަށް އުފުލާފައި ވަނީ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި އުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
އިދިކޮޅުން ޕީޕީއެމް އޮފީސް ދޮރުމަތީގައި މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ. މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.
މޮޓޮކޭޑަށް ހުރަސްއެޅި މައްސަލައިގައި ފުލުހުން އެރޭ ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ. އަދި އޭގެ ފަހުން އިތުރު މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށްވެސް ފަސް ދުވަސް ޖަހާފައި ވެއެވެ.
މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ