ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް އަލުން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލާގައި އަލުން ދައުވާ ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޑަމްޕް ޓްރަކްތަކެއް ވެމްކޯއަށް ގަތުމުގެ މައްސަލާގައި ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާއެއް ކުރުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ ދައުވާ ކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ބުނެ އެވެ. ހައި ކޯޓުން ވެސް މިދިޔަ ޖެނުއަރީ މަހު އެ ނިންމުމަށް ތާއީދުކުރި އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެސް ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރެއަށް ވަންނާނެ ކަމަަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދައުލަތުގެ މުވައްޒަފުންގެ ތެރެއަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނުވަންނާނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލް ކުރުމަށެވެ. އަދި ޝިފާއުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތަށް އޮތް ކަމަށް ހުކުމުގައި ކަނޑައެޅި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ