ކަރަންޓް ބިލު ކުޑަކުރަން މަސައްކަތް ކުރަނީ

ކަރަންޓް ބިލުގައި ހިމެނޭ ފިއުލް ސާޗާޖް ކަނޑާލުމުން ކަރަންޓް ބިލުތަކަށް މިހާރު އަރާވަރު ކުޑަކުރެވިދާނެ ކަމަށާއި އެކަމަށް ސްޓެލްކޯގެ ވިޔަފާރިތައް ފުޅާ ކުރަން ޖެހޭ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހަކަތަ އުފައްދާ ސަރުކާރުގެ މައި ކުންފުނި ސްޓެލްކޯއިން ސަރުކާރުގެ ޕްރެސް ރޫމުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު ޝަރީފު ވިދާޅުވީ މިހާރު ކަރަންޓް ބިލުގައި ހިމެނޭ ފިއުލް ސާޗާޖް ކަނޑާލުމުން ކޮންމެ ބިލަކުން 50 ޕަސެންޓް ކުޑަކުރެވޭނެ ކަމަށާއި އަދި ސްޓެލްކޯއަށް ތެޔޮ ލީޓަރެއް އަށް ރުފިޔާއަށް ލިބޭ ނަމަވެސް ކަރަންޓް ބިލް ކުޑަކުރެވޭނެ ކަމަށެވެ.
"ކަރަންޓް އުފެއްދުމަށް މި ކުރާ ހޭދައިގެ 78 ޕަސެންޓަކީ ތެލަށް ކުރާ ހަރަދު، ސްޓެލްކޯގެ ހުރިހާ ޖަނަރޭޓަރެއް ހިންގަމުން މި އަންނަނީ ތެލުން، ސްޓެލްކޯއިން މިހާރު ނަގަމުން އަންނަ ފިއުލް ސާޗާޖް ހުއްޓޭނީ މިހާރު ލިބޭ އާމުދަނީ އިތުރު ކުރެވިގެން، އެގޮތުން މިހާރު ލިބޭ އާމްދަނީން ފިއުލް ސާޗާޖް އުނިކުރުމުން އޭގެ ބަދަލުގައި 400 މިލިއަން ރުފިޔާ ލިބޭނެ ވިޔަފާރިއެއް [ސްޓެލްކޯއަށް] ހޯދިގެން ފިއުލް ސާޗާޖް ކަނޑާލެވޭނީ،" ޝަރީފު ވިދާޅުވި އެވެ.
ސްޓެލްކޯއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސްޓެލްކޯއަށް ކޮންމެ މަހަކު ވެސް އެންސްޕާ މެދުވެރިކޮށް ސަބްސިދީގެ ގޮތުގައި މަހެއްގެ މައްޗަށް 19 މިލިއަން ރުފިޔާ ލިބެ އެވެ.
ޝަރީފު ވިދާޅުވީ ކަރަންޓް ބިލް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިން ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެގޮތުން ތެޔޮ ލިބޭނެ އަގު ހެޔޮ ގޮތްތަކެއް ރޭވުމަށް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ސްޓެލްކޯއިން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ކުޑަކޮށްގެން ބިލު ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
"އެގޮތުންވެސް 15 ޕަސެންޓް ނަމަވެސް ކުޑަވާނަމަ އެއީ ރައްޔިތުންނަށް ލިބޭ ލުއި ފަސޭހައެއް، އަޅުގަނޑު ގަބޫލުކުރަނީ ސްޓެލްކޯއިން ހަމައެކަނި ކަރަންޓް އުފެއްދުން ނޫނަނަސް ވިޔަފާރި ފޫޅާ ކުރެވިދާނެ ކަމަށް،" ޝަރީފު ވިދާޅުވި އެވެ.
ސްޓެލްކޯގެ ވިޔަފާރި ފުޅާކޮށްގެން ކަރަންޓް ބިލް ކުޑަކުރަން މަސައްކަތް ކުރިނަމަވެސް ޝަރީފު ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ ރައްޔިތުންނަށް ހެޔޮއަގުގައި ކަރަންޓް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ މަގުސަދު ހާސިލްކުރުމަށް ވިޔަފާރި ފުޅާ ކުރުމުގައި ވިސްނަން ޖެހޭ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޝެއާ ވިއްކާކަށް ވެސް އެހެން ބަޔަކާއި ޕާޓްނާވާކަށް ވެސް ނުވިސްނަން، އެހެން ވެއްޖިއްޔާ އެއްކަލަ ޕާޓްނާ ބޭނުން ވެދާނެ ޕްރޮފިޓް ހޯދަން ކަރަންޓް ބިލް ބޮޑުކުރަން، އެހެން ވެއްޖިއްޔާ އަޅުގަނޑުމެންގެ ފުރަތަމަ މަގުސަދު ހާސިލެއް ނުވޭ، އެހެންވީމައި އަޅުގަނޑުމެން މި މަސައްކަތް ކުރަން ޖެހެނީ ވަރަށް ވިސްނައިގެން،" ޝަރީފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ