މެމްބަރު އިމްތިޔާޒުގެ ސަސްޕެންޝަންގެ މުއްދަތު ހަމަވެފައިވަނިކޮށް އެ މައްސަލަ އިސްތިއުނާފުކޮށްފި

ގާޒީގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ކުރީގެ ޖިނާއީ ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިދިޔަ އަހަރުގެ ކުރީ ކޮޅު، ހަ މަސް ދުވަހަށް ކުރި ސަސްޕެންޝަންގެ މުއްދަތު ހަމަވެފައިވަނިކޮށް އެ މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.
އިމްތިޔާޒްގެ ވަކީލު ވިދާޅުވީ ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ބަލަމުން ދިޔަ މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އިމްތިޔާޒް ޝަރީއަތުގެ މަޖުލީހަށް ހާޒިރުވެފައިވަނިކޮށް ކުއްލި ގޮތަކަށް އޭނާ ޝަރިއަތުގެ މަޖުލީހުން ބޭރުކުރި ކަމަށެވެ. އަދި އޭގެ ފަހުން އިމްތިޔާޒު ހަ މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ، ޖެހިގެން އައި ދުވަހު ޖިނާއީ ކޯޓުން އިއުލާންކޮށް އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް މީޑިއާތުގައި ހަބަރު ފަތުރާފައިވަނީ އެފަދަ ފިޔަވަޅެއް އެޅިކަން ވެސް އޭނާ އަށް ނާންގައި ކަމަށް ވިދާޅުވި އެވެ.
އިމްތިޔާޒްގެ ވަކީލު ވިދާޅުވީ ގާޒީ އަށް ނުކިޔަމަންތެރިވެފައި ނުވާނެ ކަމަށާއި ކޯޓުގެ ހުރުމަތް ގެއްލޭ އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިނގާފައިނުވާނެ ކަން އެ ވަގުތު ޝަރީއަތުގެ މަޖުލީހުގައި ހާޒިރުވެ ތިއްބެވި ފަރާތްތަކަށް އެނގޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެ ގޮތުން ހެކިބަސް ނެގުމަށް ހެކިވެރިން ހުށަހަޅުއްވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އެ ދުވަހުގެ ޝަރީއަތުގެ މަޖުލީހުގެ އޯޑިއޯ ރިކޯޑިން ޖިނާއީ ކޯޓުން ހޯދުމަށް ވެސް ވަކީލު އެދިވަޑައިގެންނެވި އެވެ.
ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ އެޅި ފިޔަވަޅަކީ ގާނޫނާއި ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެގޮތުން ކޯޓުން ނެރުނު އިއުލާނުގައި އިމްތިޔާޒާ މެދު ފިޔަވަޅު އެޅި ސަބަބު ބުނެފައިނުވާ އިރު ފިޔަވަޅު އަޅާފައިވަނީ ކޮން ގާނޫނެއްގެ ކޮން ގަވާއިދެއްގެ ދަށުން ކަން ވެސް ހަވާލާދީފައިނުވާ ކަމަށް ވިދާޅުވި އެވެ.
އަދި ޝަރީއަތުގެ މަޖުލީހެއްގައި މީހަކު ކޯޓުގެ ހުރުމަތް ކަނޑައިފި ނަމަ ވަގުތުން ވަގުތަށް އެ މީހަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ވާއިރު އިމްތިޔާޒާ މެދު އެގޮތަށް އަމަލުކޮށްފައި ނުވާކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ އިމްތިޔާޒް ސަސްޕެންޑްކޮށްފައިވާ ކަމަށް ހަބަރު ފެތުރުމާ ގުޅިގެން އެ ފިޔަވަޅު އެޅި ސަބަބު ސާފުކުރުމަށް ސިޓީއަކުން އެދުނު ކަމަށެވެ. އަދި އެ ފިޔަވަޅު އަޅާފައިވަނީ ގާނޫނައި ގަވާއިދާ ހިލާފަށް ކަމަށް ސިޓީގައި ބުނެފައިވާނެ ކަމަށާއި އެކަން ބާތިލުކޮށް މީޑިއާގައި އިއުލާންކޮށްދިނުމަށް އެދުނު ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބުގައި މާޗް ،9 2010 ގައި ކޯޓުން ފިޔަވަޅު އަޅާފައިވާކަން ފުރަތަމަ ފަހަރަށް ރަސްމީކޮށް އެންގި ކަމަށާއި ނަމަވެސް ފިޔަވަޅު އެޅި ސަބަބު ބަޔާންކޮށްފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
މީގެ އިތުރުން ސިޓީގައި އެދިވަޑައިގެންފައިވާ ގޮތާ އެއްގޮތަށް އަމަލުކުރާނެ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ނަމަވެސް އެ ގޮތަށް އަމަލުނުކޮށް އޭގެ ތިން މަސް ފަހުން ކޯޓުން އިމްތިޔާޒް ގާނޫނީ ވަކީލެއް ގޮތުގައި ބަލައިގަންނާނެ ކަމަށް ބުނެ ސިޓީއަކުން އެންގި ކަމަށް ވަކީލު ވިދާޅުވި އެވެ. އިމްތިޔާޒްގެ ވަކީލު ވިދާޅުވީ ކޯޓުން އެ ފަދަ އެންގުމެއް އެންގުމުން ދޭހަވަނީ އެ ފިޔަވަޅަކީ ގާނޫނާއި ގަވާއިދާ ހިލާފަށް އެޅި ފިޔަވަޅެއްކަން ކޯޓަށް އިއުތިރާފްވުން ކަމަށެވެ.
އެހެންކަމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ އިމްތިޔާޒް ސަސްޕެންޑްކޮށްފައިވަނީ ގާނޫނާއި ގާވާއިދާ ހިލާފަށް ކަމަށާއި، ކޯޓުގެ ޝަރީއަތަށް ހުރަސްއަޅާފައިނުވާ ކަމަށާއި، ސަސްޕެންޑުކުރުމަށް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައި އޭނާގެ ރިކޯޑުތަކުން ސަސްޕެންޝަން އުނިކުރުމަށް ވަނީ އެދިފަ އެވެ.
ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގެ ރިއާސަތު ބެލެހެއްޓެވި އަޒްމިރާލްދާ ޒާހިރު މިއަދުގެ އަޑުއެހުން ނިންމާލެއްވީ ޖިނާއީ ކޯޓުން ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ