މަޖުބޫރުކޮށްގެން ޕާޓީއަށް މެންބަރުން ވައްދައިގެން ނުވާނެ - މައުމޫން

މަޖުބޫރުކޮށްގެން ޕާޓީތަކަށް މެންބަރުން ވައްދައިގެން ނުވާނެކަަމަށާއި، ޕާޓީތަކަށް މެންބަރުން މަޖުބޫރުކޮށްގެން ވެއްދުމަކީ ގާނޫނާއި ހިލާފުކަމެއްކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުުދުއްގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ނަމުގައި ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް ހަރަކާތް ތަކެއް ހިންގަމުން ދާކަމުގެ މައޫލޫމާތު ލިބިފައިވާކަމަށާއި ނަމަވެސް މިފަދަ އެއްވެސް ހަރަކާތަކީ ޕާޓީގެ ރައީސް އަށް އެނގިވަޑައިގެން ހިންގާ ހަރަކާތް ތަކެއް ނޫން ކަމަށެވެ.
މެންބަރުން އިތުރުކުރުމުގެ ނަމުގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމް އަށް ވަނުމަށް މަޖުބޫރުކޮށް، ޕާޓީއަށް ސޮއި ކުރުވަމުން ދާކަމުގެ އެތައް ޝަކުވާއެއް ލިބެމުންދާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި މިހާރުވެސް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި އެތައް މެންބަރުންނެއް ލައްވާ ދެވަނަ ފަހަރަށް ސޮއިކުރުވާ ކަމުގެ ޝަކުވާތައްވެސް ދަނީ ލިބެމުންކަމަށާއި އެގޮތައް ކަންކަން ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފު ކަމެއްކަމަށްވެސް އެ ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިއެވެ.
މީގެ އިތުރުން ޕީޕީއެމްގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ސީދާ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރަމުން ދާކަމުގެ މައުލޫމާތުވެސް ލިބަފައިވާކަމަށާއި އެގޮތުން ސަރުކާރުގެ ސުކޫލްތަކާއި އެކިއެކި ސަރުކާރުގެ ކުންފުނިތަކުގެ މުއައްޒަފުން ވަޒީފާގެ ނުފޫޒުގައި ޕާޓީގެ އެކިއެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބޭނުން ކުރުމަކީ ޕާޓީގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ސަރުކާރުގެ އިމާރާތްތަކާއި ކުންފުނިތަކުގެ މުއައްޒަފުން ބޭނުން ކުރުމުގައި ސަރުކާރުގެ މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި އަދި ކުންފުނިތަކުގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ ދާއިރާ ގެ ވެރިންގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމެއް ކަމުގައި ދެކޭ ކަމަށާއި އެހެންކަމުން ޕީޕީއެމް އަށް ނިސްބަތްވާ ގޮތަށް މިކަހަލަ ބޮޑެތި ތުހުމަތުތައް ކުރުމުގެ ފުރުސަތު ދީފައި ވާތީވެ މިކަން ކުއްވެރި ކުރާކަމަށްވެސް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ސިޔާސީ ޕާޓީ އަށް ސޮއިކުރުމަކީ ކޮންމެ މީހެއްގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށާއި އެމީހަކު ސިޔާސީ ޕާޓީއަކާއި ގުޅެންވާނީ އަމިއްލަ އިހުތިޔާރުގައި ފުރިހަމަ މިނިވަންކަމާއި އެކުގައި، އެއްވެސް ނުފޫޒެއް ނުވަތަ ބިރެއް ނެތިކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި މިއީ އެއްވެސް ހާލެއްގައި ޕީޕީއެމްގެ ނަމުގައި ކޮށްގެންވާނެ ކަންކަމެއް ނޫންކަމަށާއި ޕީޕީއެމް ގެ ނަމުގައި މިކަން ކުރަމުން ދާ ބަޔަކު އެކަން އެގޮތައް ނުކުރުމަށް ގޮވާލާކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.  އަދި މިކަންކަން، އެފަރާތްތަކަކުން ކުރަނީ ޕާޓީގެ އަގު ވައްޓާލުމަށާއި ޕާޓީގައި ހެދިފައިވާ ޤަވާއިދާއި އުސޫލު ތަކާއި ޚިލާފަށް ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ