ލޯނު އަދާކުރަން ލަންކާ އިން 2.5 ބިލިއަން ޑޮލަރުގެ ލޯނު ނަގަނީ

ކޮލަމްބޯ (ފެބްރުއަރީ 12) - ބޭރުގެ ދަރަނި އަދާކުރުމަށް 2.5 ބިލިއަން ޑޮލަރުގެ ލޯނު ނަގަން ގަސްދުކުރާ ކަމަށް ސްރީ ލަންކާގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.
މަރުކަޒީ ބޭންކުން މިކަން އިއުލާންކޮށްފައި މި ވަނީ ދަރަނި ބޮޑުވެ ގައުމު ހިންގަން ވެސް ދަތިވެފައިވާ ކަމަށް މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ ވިދާޅުވިތާ މަހެއް ފަހުންނެވެ. ލަންކާ އިން މިހާރު ވެސް ދަނީ ކުރީ ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކަށް ނަގާފައިވާ ލޯނަށް މިލިއަން ޑޮލަރުން ފައިސާ ދައްކަމުންނެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު އިންދުރާޖީތު ކޫމަރަސްވާމީ ވިދާޅުވީ 1.5 ބިލިއަން ޑޮލަރުގެ ބޮންޑް އިޝޫކޮށް އެއް ބިލިއަން ޑޮލަރުގެ ސިންޑިކޭޓް ލޯނު ނެގުން ސަރުކާރުން ވަރަށް އަވަހަށް އެޕްރޫވް ކުރާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ އަލަށް ނަގާ ލޯނުން މިހާރު ހުރި ލޯނުތަކަށް އެއްބައި ދެއްކުމަށް ފަހު އަނެއް ބައި ބޭނުންކުރާނީ ރިޒާވް މަތިކުރަން ކަމަށެވެ.
ލަންކާގެ ކުރީގެ ސަރުކާރުން ވަނީ ހަމްބަންޓޯޓާގައި ބަނދަރެއް ހެދުމަށް 1.4 ބިލިއަން ޑޮލަރުގެ ލޯނެއް ޗައިނާ އިން ނަގައިފަ އެވެ. އަދި ހަމްބަންޓޯޓާގައި ވަނީ ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ވެސް ހަދައިފަ އެވެ. މިއިން އެއްވެސް ޕްރޮޖެކްޓަކުން ސަރުކާރަށް ފައިދާއެއް ނުވެ އެވެ. ލަންކާ އިން މިހާރު ދަނީ މި ބަނދަރުތައް ކުއްޔަށް ދިނުމަށް ޕާޓްނަރުން ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ