ކާޑެއްދޫ އެއާޕޯޓު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

މިދިޔަ ތިން އަހަރު ވިލާ ކުންފުނިން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ނަގަން ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލު ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
އެ ނޯޓިހަށް އަމަލު ކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރުކުރީ، އެ ނޯޓިހަކީ ގާނޫނާ ހިލާފަށް ފޮނުވި ނޯޓިހެއް ކަމަށް ބުނެ ވިލާ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
އެ އެއާޕޯޓު އެ ކުންފުނީގެ އަތުން ނަގަން ސަރުކާރުން ނިންމީ، އެއާޕޯޓު ހިނގުމަށް ވިލާއާ ހަވާލު ކޮށްފައިވީ ނަމަވެސް އެ ކުންފުނިން ސިވިލް އޭވިއޭޝަންގެ ބައެއް ގަވައިދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވަނީ ވިލާއާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރިކުރުމާ ގުޅޭ ގޮތުން ކޯޓު ގޮތެއް ކަނޑައަޅަންދެން އެ ނޯޓިހަށް އަމަލު ނުކޮށް މަޑުޖައްސާލުމަށެވެ.
ވިލާގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވަނީ އެ އެއާޕޯޓު އަތުލަން ސަރުކާރުން ނިންމީ، ބޮޑު އިންވެސްޓްމެންޓަކާ ދިމާލަށް ދަނިކޮށް ކަމަށާއި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް 2.8 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވަނިކޮށް ކަމަށް ވިދާޅުވެފައެވެ. ގާސިމް ވިދާޅުވި ގޮތުގައި އެތަނަށް 200 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ދިޔައީ ތައްޔާރުވަމުންނެވެ.
ވިލާ ކުންފުނިން ހިންގަމުންދާ އަނެއް އެއާޕޯޓް ކަމަށްވާ މާމިގިލީ އެއާޕޯޓް ވެސް ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ސަރުކާރުން ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ