ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި އިގުތިސޯދީ ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލެއްވި ނަމަވެސް އެ ބަޔާނުގައި ފާހަގަ ކުރެއްވި ގިނަ ކަންތައްތަކުގެ ހަގީގަތް ވަނީ ފޮރުވިފައި ކަމަށާއި އެ ކަންތައް ހާމަނުކުރައްވާ ކަމަށް ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ބުނެފި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާނަށް ރައްދު ދީ އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނާ އަޅާ ބަލާއިރު މި އަހަރު ހަރުކަށި ކަމާއި އިންޒާރުގެ ބަސްފުޅުތައް ރައީސް ނަޝީދުގެ ކިބައިން ނުފެނުނު ނަމަވެސް މިދިޔަ އަހަރު ހިނގި ކަންތައްތަކުގެ ތެރެއިން ރައްޔިތުންނަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭ އެއްވެސް ކަމެއްގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތް ކަމަށެވެ. އަދި އެއީ ހަރުދަނާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދެއްވި ރިޔާސީ ބަޔާނެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ޕީއޭއިން ބުނެ އެވެ.
މިދިޔަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް 3.8 ބިލިއަން ރުފިޔާއިން 3.1 ބިލިއަން ރުފިޔާ އަށް ދަށް ކުރެވިފައި ވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އެކަމުގެ ފަހަތުގައި ހިނގާފައިވާ ކަންކަމަށް ޕީއޭއިން ފާޑު ކިޔާފައިވެ އެވެ. އެގޮތުން ހަރަދު ކުޑަކުރުމުގެ ގޮތުން ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކޮށް، ސިޔާސީ މަގާމުތައް، ތަފާތު ނަންނަމުގައި އުފައްދަމުން ގޮސްފައިވާކަމަށް ޕީއޭއިން ބުނެ އެވެ.
"ޑެފިސިޓް ކުޑަކުރެވިފައި ވަނީ ދިވެހި ރައްޔިތުންގެ މިލްކެއް ކަމުގައިވާ ދިވެހިންގެ ފަހުރުވެރި ބައިނަލްއަގްވާމީ އެއާޕޯޓް ޖީއެމްއާރަށް ނުއަގުގައި 25 އަހަރު ދުވަހަށް ކުއްޔަށް ދީގެން ލިބުނު ފައިސާއިން ދައުލަތުގެ ރިކަރަންޓް ހަރަދުގެ ތެރޭގައި ހިމަނައިގެން ކަމީ މުޅި ދިވެހި ގައުމަށް އިނގޭ ހަގީގަތެކެވެ،" މުލަކު ދާއިރާގެ އަބްދުﷲ ޔާމީންގެ ޕީއޭގެ ބަޔާނުގައިވެ އެވެ.
ރިޔާސީ ބަޔާނުގައި މާލީ ކަންތައްތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ޕީއޭއިން ބުނީ މާލީ އިދާރާތަކަށާއި ބޭންކްތަކަށް ދަރާފައިވާ 607 މިލިއަން ޑޮލަރު، ކަނޑައެޅިފައިވާ ގޮތަށް ދައްކަމުންދާ ކަމަށް ބަޔާން ކުރެއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ބޮޑުވެފައިވާ މިންވަރު ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައި ނުވާއިރު، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ދައުލަތުން ގެރެންޓީ ދީގެން ތަފާތު މާލީ އިދާރާތަކުން ނަގާފައިވާ ދަރަނި 607 މިލިއަން ޑޮލަރުގެ ތެރޭގައި ހިމަނުއްވާފައި ނެތް ކަމަށް ޕީއޭއިން ބުނެ އެވެ.
ދިވެހި ފައިސާގެ އަގު މަތިކުރުމަށްޓަކައި ހެދިފައިވާ ގަވާއިދުތައް ހަރުދަނާކޮށް، ސަރުކާރުން ކުރަން ޖެހުނު ކޮންމެ ކަމެއް ފަސްޖެހިވަޑައިގަތުމެއް ނެތި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމާ ގުޅިގެން ޕީއޭއިން ބުނީ އެއީ ވިޔަފާރިވެރިންނަށް ދެއްވި އިންޒާރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެހެނީ ގާނޫނުތަކާއި ގަވާއިދުތައް ހަރުކަށި ކުރުމަކުން، ފިސްކަލް ރެސްޕޮންސިބިލިޓީ އަދި އިގުތިސޯދީ ހަމަނުޖެހުމެއް ނެތި ރުފިޔާގެ އަގު ހިފެހެއްޓޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ،" ޕީއޭގެ ބަޔާނުގައިވެ އެވެ. "ސެންޓަ ރައިޓް ޕޮލިސީ އަކީ ވެސް ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި ބޭރުގެ އިންވެސްޓަރުންގެ ލޮލުގައި އަޅާ އަނދުނެއް ކަމަށް ބެލެވެ އެވެ. އެހެނީ ގިނަ ވިޔަފާރިތަކަކީ ސިޔާސީ ނުފޫޒުގެ ދަށުގައި ފިތެމުން، ހިނދެމުންދާ ކަންކަމެވެ. ސަރުކާރާއި ސިޔާސީ ގުޅުމެއް ނުވާ ފަރާތްތަކަށް ގިނަގުނަ ހުރަސްތައް ކުރިމަތި ކުރުވަމުންދާއިރު ރާއްޖޭގެ އިގުތިސޯދާ ބެހޭ ބޮޑެތި ކަންކަން ހިންގަމުންދާއިރު ގައުމުގެ އިގުތިސޯދު ހިފަހައްޓަވަމުންދާ ވިޔަފާރީގެ ސްޓޭކްހޯލްޑަރުންނާއި މަޝްވަރާ ނުކުރައްވާކަން ފާހަގަ ކުރަމެވެ،" ޕީއޭއިން ބުންޏެވެ.
އެ ޕާޓީން ބުނީ ސަރުކާރުން ބައެއް ވިޔަފާރިތަކާ މެދު ތަފާތު ގެންގުޅޭ ކަމަށެވެ. އެ ގޮތުން ބައެއް ވިޔަފާރިވެރިންނަށް ސަރުކާރުން ނޯ އޮބްޖެކްޝަން ލެޓާ ނުދީ ހިފަހައްޓާފައިވާއިރު ގާނޫނާއި ގަވާއިދުތައް އެކި ވިޔަފާރިވެރިންނަށް ތަންފީޒު ކުރުމުގައި ހަމަހަމަ ކަމެއް ނެތް ކަމަށް ޕީއޭއިން ބުންޏެވެ.
"ކޮލެޓްރަލް ގެރެންޓީ ވެސް ދެވެނީ ސިޔާސީ ވަކި ކުލައަކަށް ބަލާފައި ނޫނީ ދެވޭތަނެއް ނުފެނެ އެވެ. މި ގޮތުން ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލުން 30 ޕަސެންޓް ޑިއުޓީ މާފުކޮށްދެއްވުން ފަށާފައި ވަނީ އެއްވެސް ހާލެއްގައި އެ ސަރަހައްދުގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމުގެ ނުވަތަ ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތީގެ އަގު ތިރިކުރުމުގެ މަގުސަދުގަ ކަމާ މެދު ޝައްކު އުފެދެ އެވެ. މިކަން މި ކުރެވެނީ ވެސް މި ސަރުކާރާ ތަފާތު ގޮތްގޮތުން ގުޅިފައިވާ ބައެއް ވިޔަފާރީގެ މަސްލަހަތަށް ބަލައިގެން ކަމަށް ގަބޫލު ކުރެވެ އެވެ. މި ގޮތުން ދެ ސަރަހައްދީ ބަނދަރަށް މިހާތަނަށް ބާލައި ޑިއުޓީ ލުއި ކުރެވިފައި ވަނީ ދުންފަތުގެ ބާވަތްތަކާއި ބަނގުރަލާއި އަދި ބައެއް އިންޖީނު ވެހިކަލެވެ. މި ބާވަތްތަކުގެ ވިޔަފާރި މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ ފަރާތްތަކަކީ ތަފާތު ގޮތްގޮތުން ސަރުކާރާ ގުޅިފައިވާ ފަރާތްތަކެކެވެ،" ޕީއޭއިން ބުންޏެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމުގެ ގޮތުން އެ ޕާޓީން ބުނީ އެކަން ކޮށްފައި ވަނީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމުގެ ބޭނުމުގައި ކަމަށް ބެލުމުގެ ޖާގަ ވަރަށް ކުޑަ ކަމަށެވެ. ސަބަބަކީ އެއާޕޯޓް ތަރައްގީގެ ޕްލޭންގައި އިތުރު ރަންވޭއެއް ހެދުމަށް ނިންމާފައި ވުމެވެ. އަދި ހަމައެކަނި ޓާމިނަލް ތަރައްގީ ކުރުމުން ރާއްޖޭގައި ޖައްސާ ފްލައިޓުގެ އަދަދު އިތުރުވާނެ ކަމާ މެދު ޝައްކު ކަަމށް ޕީއޭއިން ބުނެ އެވެ.
"އެއާޕޯޓަށް ވަންނަ ބޭރު ފައިސާ ޓްރާންސްފަ ވެގެން ބޭރު ގައުމުތަކަށް ދާއިރު ކުންފުނިތަކުން ހިދުމަތުގެ އަގު ބޭރު ފައިސާއިން ދައްކަން މަޖުބޫރު ކުރުވަމުންދާއިރު، ޖީއެމްއާރުން ދިވެހި ފަރާތްތަކަށް އަދާކުރަންޖެހޭ އަގު އަދާކުރަނީ ފައިސާއިންނެވެ. ރިޔާސީ ބަޔާނުގައި ޖީއެމްއާރާއި އެއާޕޯޓް ހަވާލުކުރި ބޭނުން އެ ވަނީ ހަގީގަތާ ހިލާފަށް ކަމަށް ގަބޫލު ކުރެވެ އެވެ،" ޕީއޭއިން ބުނެ އެވެ. "ހަމައެކަނި ތަސައްވުރެއް އޮތުމަކުން ވަޒީފާގެ ފުރުސަތު އިތުރުވެ، ގައުމުގެ އިގުތިސޯދު ހަމަ މަގަށް ނޭޅުވޭނެކަން ގަބޫލު ކުރައްވައި، ކްލައިމެޓް ޗޭންޖް ނުވަތަ އެހެން ގައުމުތަކުގެ ދާހިލީ މައްސަލަތަކަށް ސަމާލުކަން ދެއްވުމުގެ ބަދަލުގައި މި ގައުމުގެ އިގުތިސޯދު ހަމަ މަގަށް އެޅުއްވުމަށް އިހުލާސްތެރިކަމާއެކު ސީރިއަސްވެ ވަޑައިގަތުމަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ."
ރިޔާސީ ބަޔާނަށް ޕީއޭގެ ރައްދު: "ގިނަ ކަންތައްތަކުގެ ހަގީގަތް ވަނީ ފޮރުވިފައި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ