ކޮމެޓީ އެލަވަންސާ ގުޅޭ ގޮތުން ކުޅެނީ ޑްރާމާއެއް: އަލީ ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން 20،000ރ. ގެ ކޮމެޓީ އެލަވަންސް ނުނަންގަވާނެ ކަމަށް ބުނެ "ކުޅެނީ ޑްރާމާއެއް" ކަމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ރޭ "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ކޮމެޓީ އެލަވަންސާ ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ "ކޮންމެހެން ރައްޔިތުން ކުރިމަތީގައި މެޑަލް ޖެހުމުގެ ގޮތުން އެ ވާހަކަ ދައްކާނެ ކަމެއް ނެތް" ކަމަށާއި މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބޭނުން ނަމަ އެ އެލަވަންސް ނުނަންގަވާ ގޮތަށް ވަރަށް ފަސޭހައިން ހަމަޖެއްސިދާނެ ކަމަށެވެ.
"އަޅުގަނޑުގެ ވާހަކަ އަކީ މަދަނީ ޖަމިއްޔާތަކާއި ނޫސްވެރިން މިކަމުގައި ދާހިއްލިޔަ ނުދީ ސިޔާސީ އިސް ލީޑަރުން މިކަމާ ކަންބޮޑުވެ ވަޑައިގަންނަވަންޏާ އެކަމާ ދެކޮޅަށް އެ ބޭފުޅުން އިސްވެ ތެދުވަންވީ އޭ،" އަލީ ވަހީދު ވިދާޅުވި އެވެ. "ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބޭނުންވާ ކަމެއް ވެއްޖިއްޔާމު މަޖިލީހުގައި ނިންމޭ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި އެކަމަށް އެޓެންޑް ކުރެވެން ޖެހޭ."
އޭނާ ވިދާޅުވީ ކޮމެޓީ އެލަވަންސާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމޭނީ ގިނަ މެމްބަރުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ކޮމެޓީ އެލަވަންސާ ގުޅޭ ގޮތުން ވަކިވަކި މެމްބަރުން ގޮތެއް ނިންމުމަށް ވުރެ ބޮޑަށް އެކަން ހިނގަން ޖެހޭނީ މުޅި މަޖިލީހުން ގޮތެއް ނިންމައިގެން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކޮމެޓީ ހާޒިރީ ރަނގަޅުވާނެ. އެ އޮތީ ]ކޮމެޓީ އެލަވަންސް ދިނުން[ ރައްޔިތުންގެ މަޖިލީހުން ނިންމާފައި. މަޖިލީހުން އަޅުގަނޑުގެ ގެ އަށް ފޮނުވާ އެއްޗެއް ]ކޮމެޓީ އެލަވަންސް[ އަޅުގަނޑު އަނބުރާ ފޮނުވައެއް ނުލާނަން. އެއީ އަޅުގަނޑުގެ ވިސްނުމަކީ. ދެން މަޖިލީހުން ގޮތެއް ނިންމޭނީ ގިނަ މެމްބަރުން ބޭނުންވާ ގޮތަށް. ގިނަ މެމްބަރުން ]ކޮމެޓީ އެލަވަންސް[ ކަނޑާލަން ބޭނުންވެއްޖިއްޔާ އަޅުގަނޑު ހުންނާނީ އެންމެ ކުރީގައި" ކުރިން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ހުންނެވި އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކޮމެޓީ އެލަވަންސް ބޭނުން ނުވާ މެމްބަރުންނަކީ ކޮބައިތޯ ބެލުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މެމްބަރުންނަށް ނުވެސް އެންގެވޭނެ ކަމަށާއި ސަބަބަކީ އެއީ މަޖިލީހުން ފާސްކޮށްފައިވާ އެއްޗަކަށްވާތީ ކަމަށެވެ. އަދި އަލީ ވަހީދު ވިދާޅުވީ ކޮމެޓީ އެލަވަންސްގެ ކަންތައް އަލުން ރިވައިޒް ކުރަން ޖެހެ އެވެ.
"ސްޓޭޓް މިނިސްޓަރުންނަށް ގެއަށް ގެންދަން އެބަ ލިބޭ 45،000ރ. އެއީ އަދި ކާރު ދީފައި. ޑްރައިވަރުން ދީފައި. ސިވިލް ސާވަންޓުން ދީފައި. ޕެންޝަނަށް ކަނޑާފައި އަޅުގަނޑުމެންނަށް މި ޖެހެނީ ގާތްގަނޑަކަށް 49،000ރ. އޮފީހެއްގައި ހުންނަ ސްޓޭޓް ވަޒީރަކާ މެމްބަރަކަށް 10،000ރ. ތޯ ފަރަގު ވާން ޖެހެނީ؟،" އަލީ ވަހީދު ވިދާޅުވި އެވެ.
ކޮމެޓީ އެލަވަންސް ނުނަންގަވާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސަށް މިހާތަނަށް އަންގާފައި ވަނީ ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކާއި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލް ޣަފޫރާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ އާއި މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދާއި ދިއްދޫ ދާއިރާގެ އަހުމަދު ސަމީރާއި ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު (ކާނަލް) އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ކޮމަންޑޫ ދާއިރާގެ ހުސެއިން ވަހީދާއި މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ އާއި ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީ އާއި ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒާއި ތިނަދޫ ދާއިރާގެ މުހައްމަދު ގަސަމާއި މަޑަވެލި ދާއިރާގެ މުހައްމަދު ނާޒިމާއި ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އަދި މަހިބަދޫ ދާއިރާގެ ރުގިއްޔާ މުހައްމަދެވެ.
ކޮމެޓީ އެލަވަންސް ނުދިނުމަށް އެދިވަޑައިގެން ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްބައެއް ބޭފުޅުން ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒަށް މަދަނީ ޖަމިއްޔާތަކުން އިސްވެ ފޮނުވި ސިޓީގައި ސޮއިކުރެއްވި ނަމަވެސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ކޮމެޓީ އެލަވަންސަކީ މާ ކުރިން ބަޖެޓްގައި ހިމަނާފައިވާ އެއްޗަކަށް ވާތީ އެ ފައިސާ ދޫކުރަން ޖެހޭ ކަމަށެވެ.
"ގާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލާޒިމްކުރީމަކާ ސަރުކާރަށް ނޯންނާނެ އެއްވެސް އިހުތިޔާރެއް މިކަން [އެހެން ގޮތަކަށް] ނިންމެވޭކަށް. ގާނޫނީ ދައުލަތް އަޅުގަނޑުމެން ހިންގަވަންޖެހޭނީ. [އެއްގޮތަކަށް ވެސް] އަޅުގަނޑު އެލަވަންސް ދިފާއު ކުރަނީއެއް ނޫން،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ