އަލީ ހަމީދުގެ މައްޗަށް ކުރާ ތުހުމަތު ސާބިތު ނުވާ ކަމަށް ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ކުރެވުނު ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތު ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކަނޑައަޅައިފި އެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައި ވަނީ އެއް އަހަރު ވަންދެން އެ ކޮމިޝަނުން ކުރި ތަހުގީގަށް ފަހު އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލީ ހަމީދު ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށް ލީކުވެފައިވާ ވީޑިއޯ އިން ފެންނަނީ އޭނާކަން ރާއްޖޭގައި ފޮރިންސިކް މައްސަލަތައް އެނެލައިޒް ކުރުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ފަރާތް ކަމުގައިވާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރިންސިކް ސާވިސް ޑައިރެކްޓަރޭޓަރޭޓަށް ވެސް ކަށަވަރު ކޮށްދެވިފައިނުވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އަލީ ހަމީދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން ފުލުހުން ކޮށްފައިވާ ތަހުގީގަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ އެ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހާ އަށް ކަށަވަރު ކޮށްދީފައިވާ ދުސްތޫރީ ގެރެންޓީތައް ކަށަވަރު ކުރުމަށްޓަކައި ކޯޓުގެ ހުކުމަކާ ހަމައަށް ވާސިލުވުމަށް، ތުހުމަތު ކުރެވިފައިވާ ކުށުގެ "ޢަނާޞިރުތައް" ފުރިހަމަވެފައި ނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ކޮމިޝަނަށް ފޮނުވި ސިޓީން އެނގެން އޮންނަ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"މިއީ، އިސްލާމީ ޝަރީޢަތުގައިވާ “البراءةالأصلية”ގެ މަބްދައު ނަފީކުރެވޭފަދަ ހާލަތެއް ކަމުގައި ނުބެލެވޭނެކަމާއި އަދި ހަމަ އެ އުސޫލުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާއިރު އެ މައްސަލަ ބިނާވެފައިވާ ނުވަތަ އެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތު ކުރުމަށް ބޭނުންވާ ކާފީ ހެއްކާއި ޤަރީނާ ލިބިފައިނުވާއިރު ފަނޑިޔާރަކާމެދު ސުލޫކީ ފިޔަވަޅެއް އެޅިދާނެކަމަށް ނުފެންނަކަމާއި...،" ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެބަޔާނުގައި ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ވީޑިއޯއަކީ އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯއެއް ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ބޭނުންކޮށްގެން ބަޔަކު އޭނާ ބްލެކްމެއިލް ކުރުމުގެ މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިގެން އެމީހާ ހޯދުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންނަށް ލިބުނު ވީޑިއޯއެއް ކަމަށެވެ.
އަދި އެ ވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ، އިސްލާމީ ޝަރީއަތުގެ މަޤާޞިދުއްޝަރީޢާގެ ތެރެއިން އެއް މަޤްޞަދު ކަމުގައިވާ އިންސާނާގެ ނަސަބާއި އަބުރު ރައްކާތެރި ކުރުމަށް އަންގާފައިވާ އެއްމަޤްޞަދު އޭގައި ހިމެނޭ ކަމެއްކަމުގައިވާ އިރު، ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ ޢަދުލުވެރި ޝަރީޢަތެއްކޮށް އެމީހެއްގެ މައްޗަށް ކުށް ސާބިތުނުވާހާ ހިނދަކު ބަރީއަ މީހެއްކަމުގައި ބަލަން ޖެހޭކަމީ އިސްލާމީ ޝަރީޢަތުގެ އަސާސެއްކަން އެނގެން އޮތްކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވަންދެން ނުވަތަ ސާބިތުވާ ކުށެއްއޮތްކަން ކަނޑައެޅެންދެން ކުރެވިފައިވާ ކުށުގެ ތުހުމަތާ ގުޅިގެން ހިންގާ އިޖްރާއާތު އެހެން ނިޒާމެއްގެ ތެރެއިން ހިންގުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފު އުސޫލެއް ކަމަށެވެ.
އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ޒިނޭގެ ތުހުމަތާއި ޤަޒުފުގެ ތުހުމަތެއް މީހެއްގެ މައްޗަށް ކުރެވޭހިނދު، ފުރިހަމަވާންޖެހޭ ކުށުގެ ތުހުމަތުގެ ޢަނާޞިރުތައް ހޯދުމުގައި ޢަމަލުކުރުމަށް އޮންނަ ޖިނާއީ އިޖުރާއާތު ފުރިހަމަ ނުވާކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ކޮމިޝަނަށް ފޮނުވި ސިޓީން އެނގެން އޮންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އެއީ ތުހުމަތު ކުރެވުނު ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު ކޮށްފައިވާ ޢަމަލެއްކަން ސާބިތުވާވަރުގެ ހެކި ނުވަތަ ޤާރީނާ ނެތިސް އެ ފަނޑިޔާރުގެ މައްޗަށް ސުލޫކީ މައްސަލައެއް ބެލިދާނެކަމަށް ނުފެންނާތީއާއި، އަދި ވީޑިއޯ ކެމެރާތަކުން (ފޮޓޯއާއި އަޑު ހިމެނޭ ގޮތަށް) ރެކޯޑްކުރާ ކްލިޕްތަކާއި، ފޯން ކޯލްތަކަކީ މުއްތަހަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި ޤާނޫނުގައި ވާގޮތުގެ މަތިން ތަޙްޤީޤްކުރާ ފަރާތްތަކުން ކުރި ކަމެއް ނަމަ މިއީ ޤާނޫނު ހުއްދަ ކުރާ ކަމެއްކަމާއި...."
"އެހެންނަމަވެސް އެކަން ކޮށްފައިވަނީ އެކަން ކުރުމުގެ އޮތޯރިޓީ ނެތްފަރާތަކުންނުވަތަ އެ ކަން ކުރީ އެ ކަން ކުރުމުގެ ހުއްދަ ނެތް ތަނެއްގައި ނަމަ އެއީ ކުރުން ހުއްދަވެގެންވާ ކަމެއް ނޫންކަމާއި އެ ކަން ވާނީ ޝަރްޢުގައި މަނާ ކުރައްވާފައިވާ ޖާސޫސުކުރުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައިވާތީ އާއި އަދި ކޮމިޝަނުން ތަޙްޤީޤް ކުރަމުންދާ މި މައްސަލާގައި ހިމެނޭ ވީޑިއޯ ނަގާފައި ވަނީ ޤާނޫނީ ގޮތުން މި ކަން ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުންކަން އެނގެން ނެތް ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމާއި، އެގޮތަށް ހޯދާ ހެކި ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެކަމަށް ބުނެފައިވާތީއާއި...،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ