މަހާސިންތާގެ ދެ ވަނަ ދައުވަތު ވެސް ރައީސް މައުމޫނު ގަބޫލުފުޅެއް ނުކުރެއްވި

އަންނަ ރިޔާސީ އިންތިހާބު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކާމިޔާބުކޮށް ދިނުމަށް، ކެމްޕެއިން ލީޑަރުން ތަމްރީނު ކުރުމަށް ބާއްވާ މަހާސިންތާގެ ދެވަނަ ބުރު ހުޅުވައިދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރެވެން ނެތް ކަމަށް ރައީސް މައުމޫން ދަންވަނަވާފައިވާ ކަމަށް ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުން މިއަދު ބުނެފި އެވެ. ކެމްޕެއިން އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިބުރާހިމް މުއާޒު އަލީ (މުއާ) ވިދާޅުވީ މަހާސިންތާގެ ދެ ވަނަ ބުރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މައުމޫނަށް ބައިވެރިވެވަޑައިގަނެވެން ނެތް ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހުގައި ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް ބައިވެރިވެވަޑައިނުގަންނަވާ ސަބަބެއް މުއާ ވިދާޅެނުވެ އެވެ. މަހާސިންތާގެ ދެ ވަނަ ބުރު އިފްތިތާހު ކޮށްދެއްވާނީ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ކަމަށް ވެސް މުއާ ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ރައީސް މައުމޫނު ބައިވެރިވެވަޑައިގެންނެވި ބައްދަލުކުރެއްވުމެއް އޮތް. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނަށް [ރައީސް މައުމޫން] މަހާސިންތާގައި ބައިވެރިވެވަޑައިގަނެވެން ނެތް ކަމަށް ރައީސް މައުމޫން ވަނީ ދަންނަވާފައި،" މުއާ ވިދާޅުވި އެވެ. މަހާސިންތާގެ ދެވަނަ ބުރުގައި ރައީސް މައުމޫނަށް ބައިވެރިވެވަޑައިގަނެވެން ނެތް ވާހަކަ ނައިބު ރައީސް އަދީބުގެ އަރިހުގައި ދަންނަވާފައިވާއިރު މަހާސިންތާގެ ފުރަތަމަ ބުރު އިފްތިތާހު ކޮށްދެއްވުމަށް ރައީސް މައުމޫނަށް ވަނީ ދައުވަތު އަރުވާފަ އެވެ. ނަމަވެސް އެ ދައުވަތު ވެސް ރައީސް މައުމޫނު ގަބޫލުފުޅުނުކުރައްވަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާ ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުން އޭރު ބުނީ މަހާސިންތާގެ ފުރަތަމަ ބުރުގައި ރައީސް މައުމޫނު ބައިވެރިވެވަޑައިނުގަންނަވާ ސަބަބު ހާމަކުރައްވާފައި ނުވާ ކަމަށެވެ. ނަމަވެސް ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަހާސިންތާ ހުޅުވައި ދެއްވުމަށް ރައީސް މައުމޫނަށް ބައިވެރިވެ ވަޑައިގަތުމަށް ދަތިފުޅުވި ސަބަބު ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް އެ ސަބަބެއް ޕީޕީއެމް އިން ވެސް ހާމަކޮށްފައެއް ނުވެ އެވެ. މަހާސިންތަގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެބުރުގައި ހއ. އަތޮޅުން ފެށިގެން މ. އަތޮޅުގައި ޕީޕީއެމްގެ އެކި ގޮފިތަކުގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ. މާދަމާ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ބާއްވާ މަހާސިންތާގެ ދެވަނަ ބުރުގައި ފ. އަތޮޅުން ފެށިގެން އައްޑު އަތޮޅުގައި ޕީޕީއެމްގެ އެކި ގޮފިތަކުގެ މެމްބަރުން ބައިވެރިވާނެ ކަމަށް ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މުއާ ވިދާޅުވި އެވެ. މުއާ ވިދާޅުވީ މަހާސިންތާގެ ފުރަތަމަ ބުރު ބޭއްވި ދުވަސްތަކަކީ މޫސުން އެހާ ރަނގަޅު ދުވަސްވަރަކަށް ނުވުމުން އުތުރުގެ ރަށްތަކުގެ ގިނަ އަދަދެއްގެ މެމްބަރުންނަށް ބައިވެރިވެވަޑައިގަނެވިފައި ނުވާ ކަމަށެވެ. "އެހެންވީމަ އަޅުގަނޑުމެން ދެވަނަ ބުރަށް އެބަ ފުރުސަތު ދެން ފުރަތަމަ ބުރުގައި ބައިވެރިވެވަޑައިނުގެންނެވޭ ފަރާތްތަކަށް ވެސ،." މުއާ ވިދާޅުވި އެވެ. މަހާސިންތާގެ ދެވަނަ ބުރުގައި މުއާ ވިދާޅުވީ 446 ބައިވެރިން ރަށްތަކުގެ އެކި ގޮފިތަކުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ