ޕާޓީތައް ބައިވެރިވާ އިންތިހާބެއް އަންނަ އަހަރު ނުބޭއްވިދާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

މިހާރު އިސްލާހުކުރަމުންދާ ގާނޫނު އަސާސީގެ މަސައްކަތް ނުނިމިއްޖެ ނަމަ ހުރިހާ ޕާޓީތައް ބައިވެރިވާ އިންތިހާބެއް އަންނަ އަހަރު ނުބޭއްވިދާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ ދެއްވައިފި އެވެ.
ހަމައެކަނި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް، ރޭ 00: 8 ގައި ދިވެހި ގައުމާ މުހާތަބުކުރައްވަމުން ރައީސް ރޭ ވިދާޅުވީ "ހިނގަމުން މިދާ ގާނޫނު އަސާސީ އަވަހަށް ބަދަލު ނުކުރެވި، އާ ގާނޫނު އަސާސީއަކަށް އަމަލުކުރުމަށް އަވަހަށް ނުފެށޭ ނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލާން އަޅުގަނޑުމެންނަށް ޖެހޭނީ، ހިނގަމުން މިދާ ގާނޫނު އަސާސީގެ ދަށުން،" ކަމަށެވެ.
"ގިނަ ސިޔާސީ ޕާޓީތަކެއްގެ މެދުގައި ވާދަކުރެވިގެން ބޭއްވޭ، ވާދަވެރި ޒަމާނީ އިންތިހާބަކަށް ދިވެހިން މި އެދޭ އެދުން ހާސިލު ނުވެ، ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ފުރިހަމަ އާ ގާނޫނު އަސާސީއެއް، ދުނިޔޭގެ އަލިކަމަށް ނައިސް، 2008 ވަނަ އަހަރުގެ އިންތިހާބާ ދިވެހިން ކުރިމަތިލުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި، އިސްލާހީ މަސައްކަތުގެ ފުރިހަމަ މޭވާ ނުލިބުން. މި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، މި ކުރެވުނު ބުރަ މަސައްކަތުގެ ހެޔޮ ނަތީޖާ ނުފެނުން. އެއީ އަޅުގަނޑު އެދޭ ގޮތެއް ނޫން. އަދި ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާނެ ގޮތެއް ވެސް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް މަގު ޗާޓުގައި ކަނޑައަޅުއްވާފައި ވަނީ ގިނަ ސަބަބުތަކެއް ހުރެެގެން ކަމަށެވެ. އޭގެ ތެރޭގައި ގާނޫނު އަސާސީ އިސްލާހުކޮށް ނިމުމުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅައި، ރައްޔިތުން އެ ގާނޫނު އަސާސީ ބަލައިގަންނަ ގޮތެއްގެ މަތިން ތަސްދީގު ކުރުމާއި އަލަށް އެކުލަވާލާ އިންތިހާބީ ނިޒާމާއި އިންތިހާބީ ގާނޫނުތަކާ އެއްގޮތަށް، ރާއްޖޭގެ އިންތިހާބީ ޗާޓް އަލުން ކުރަހައި، އިންތިހާބީ ދާއިރާތައް އަލުން އެކުލަވާލުމާއި އަލަށް ގާއިމްކުރާ އިންތިހާބީ އުސޫލުތަކަށް ރައްޔިތުންނާއި ސިޔާސީ ޕާޓީތައް ފަރިތަވުމަށް ފުރުސަތު ދިނުން ހިމެނެ އެވެ.
"މި ކަންކަން ކުރުމަށާއި، މިކަންކަން ވުމަށް، އެކަށީގެންވާ ވަގުތު ބޭނުންވާނެ. މިއީ ދެ މީހަކު ދެބަސްވާނެ ކަމެއް ނޫން. އެހެން ކަމުން މިއަދު ވެސް އަޅުގަނޑު ކުރަން ބޭނުންވާ އިހުލާސްތެރި އިލްތިމާސަކީ، މި ދެންނެވި ކަންކަމުގެ މައްޗަށް ބައްލަވާ ލައްވައި، ގާނޫނު އަސާސީ އިސްލާހު ކުރައްވައި، ވެ ވަޑައިގެން އެންމެ އަވަހަކަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ގާނޫނު އަސާސީ ފާސްކޮށްދެއްވުން."
ރައީސް އިތުރަށް ވިދާޅުވީ މިހާރު އިސްލާހު ކުރަމުންދާ ގާނޫނު އަސާސީއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމެއް ބާއްވަން ސަރުކާރުން ގަސްދު ކުރައްވާ ކަމަށާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމެޓީ އިން އާ ގާނޫނު އަސާސީގެ ދެލިކޮޕީ އެކުލަވާލައްވައި ނިމުމުން، ލަސްނުކޮށް އެ ބައްދަލުވުން ބާއްވަވާނެ ކަމަށެވެ.
"މި ދެންނެވި ބައްދަލުވުން، އާދެ! ދުސްތޫރީ ޖަލްސާ ބާއްވަން ސަރުކާރުން ގަސްދުކުރަނީ، ވަރަށް ހަރުދަނާ ގޮތެއްގައި. އެ ޖަލްސާގެ މަގުސަދު ހާސިލުވުމަށް މަގުފަހިވާ ފަދަ ގޮތަކަށް ޖަލްސާގެ ހުރިހާ ކަމެއް އިންތިޒާމު ކޮށްގެން. އަދި ކޮމަންވެލްތާއި އީ.ޔޫ ފަދަ ރާއްޖެ އަށް އެހީތެރިވެދޭ ބޭރުގެ ޖަމާއަތްތަކުގެ މަންދޫބުންގެ ވެސް ހާޒިރުގައި،" ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި، ދިވެހި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް އަދި ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ރައްޔިތުންގެ ހާއްސަ މަޖިލީހުން ކުރައްވަމުން ގެންދަވާއިރު، ގާނޫނު އަސާސީ އިސްލާހުކޮށް ނިންމުގެ ކުރިން ވެސް، ސަރުކާރުން ކުރައްވަންޖެހޭ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އޮޓިޓަ ޖެނެރަލް މުސްތަގިއްލުކުރުމަށް ޓަކައި ބޭނުންވާ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރައްވާފައިވާ ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަނަރުގެ މަގާމު މުސްތަގިއްލުކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލައްވައި ނިންމަވާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން ޝަރުއީ ދާއިރާ މުސްތަގިއްލު ކުރުމަށް ބޭނުންވާ ދެ ގާނޫނެއްގެ ދެލިކޮޕީ، ބޭރުގެ އެހީއާ އެކު އެކުލަވާލައްވާފައިވާ ކަމަށާއި އެންޓި ކޮރަޕްޝަން ބޯޑުގެ މަސައްކަތް ވެސް މުސްތަގިއްލުކޮށް ހަރުދަނާ ކުރުމަށްޓަކައި އދ. ގެ ކަމާ ބެހޭ މުއާހަދާގައި ރާއްޖެ ބައިވެރިވެ، އެކަމަށްޓަކައި ހަދަންޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލައްވަމުން ގެންދަވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހާއްސަ މަޖިލިސް 2004 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއް ކުރެއްވި ފަހުން، ފާއިތުވެ ދިޔަ ދެ އަހަރާއި 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި، އެ މަޖިލީހުގެ މަސައްކަތް ހަލުއިކަމާއެކު ކޮށްދެއްވުމަށާއި ވެވަޑައިގެން އެންމެ އަވަހަކަށް ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ނިންމަވައި ދެއްވާތޯ ތަފާތު 17 މުނާސަބަތެއްގައި އެމަނިކުފާނު ދަންނަވާފައިވާނެ އެވެ.
ހަމައެކަނި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ދިވެހި ގައުމާ ފުރަތަމަ ފަހަރަށް މުހާތަބު ކުރައްވަމުން ދެއްކެވި 12 މިނިޓްގެ ވާހަކަފުޅުގައި ވަނީ މި މަހުގެ 15- 18 އަށް ރާއްޖޭގެ ބައެއް ރަށްތަކަށް އާދަޔާ ހިލާފަށް އެރި އުދައާ ބެހޭ ގޮތުން ވެސް އަލިއަޅުވާލައްވައިފަ އެވެ. ރައީސް ވިދާޅުވީ އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ރަނގަޅަށް ވަޒަންކޮށް، އެ ގެއްލުންތަކުގެ ބާވަތާއި މިންވަރު ފުރިހަމައަށް ދެނެގަތުމަށްޓަކައި، ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ކަމާ ބެހޭ މާހިރުން އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަދި އެ ބޭފުޅުން އެ ކަންތައްތައް ބައްލަވާފައި ހުށަހަޅުއްވާ ތަފުސީލީ ރިޕޯޓުގެ މައްޗަށް ބަލައި، މި ހިނދުން މި ހިނދަށް ކުރެވެން ހުރި ކަންތައްތަކާ، މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިކަން ލިބިގަތުމަށްޓަކައި، ދާއިމީ ހައްލެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ސަރުކާރުން ވަނީ އަޒުމް ކަނޑައަޅާފައި. އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ މި ކަންކަމުގެ ނަތީޖާ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ."
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މަހަކު އެއް ފަހަރުހެން ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް، ރައްޔިތުންނާ ބައްދަލު ކުރައްވަން ގަސްދު ކުރައްވާ ކަމަށެވެ. "ބޭނުމަކީ ދިވެހިރާއްޖޭގެ ހާލަތާއި، ރާއްޖޭގައި އިސްލާހަށާއި ތަރައްގީ އަށް ކުރެވޭ ބޮޑެތި މަސައްކަތްތަކާއި ރާއްޖެ އަށް ކުރިމަތިވާ ކަންތައްތަކާއި، އެ ކަންކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ވިސްނުން ސީދާ އަޅުގަނޑު ތިޔަބޭފުޅުންނާ ހިއްސާކޮށްލުން. އެއީ ރާއްޖެ އަށް އަންނަމުން މިދާ އިސްލާހީ ހެޔޮ ބަދަލުތަކާއި އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ރާއްޖެ ކުރިއަރަމުން މިދާ ދިއުމުގެ ސީދާ ފައިދާ ލިބޭ ފަރާތަކީ، ތިޔަ ލޮބުވެތި ރައްޔިތުން ކަމަށް ވާތީ،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ