ރިޔާސީ އިންތިހާބު 2008: އެމްޑީޕީގެ ވެރިކަމެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ނަތީޖާ ދެ އަހަރެއް ތެރޭގައި ފެންނަން ފަށާނ

މަސްތުވާތަކެތި ބޭނުންކުރާ ކުދިން ދޫކޮށްނުލައި އެ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް އެމްޑީޕީގެ ވެރިކަމެއްގައި އޯގާތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށާއި އެ ޕާޓީން ކުރާ މަސައްކަތުގެ ނަތީޖާ އަހަރެއް ދެ އަހަރެއްގެ ތެރޭގައި އާންމުކޮށް ފެންނަން ފަށާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.
އަންނިގެ ކެމްޕޭން ދަތުރުގައި "މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުވި ދޮރުތައް ބަންދުކުރުން" މި ޝިއާރުގެ ދަށުން ސ. ފޭދޫގައި ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެސްގައި އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް އެ ޕާޓީން ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭނެ ކަމަށާއި އެކަމުގެ ސަބަބުން މި ވަބާ ރާއްޖޭން ނައްތާލެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ގެންގުޅޭ ފަލްސަފާގައި އަޅުގަނޑުމެން ކުރިއަށް ދާއިރުގައި އަޅުގަނޑު ދަންނަވާނީ އަހަރެއް ދެ އަހަރެއް ތެރޭގައި އޭގެ ނަތީޖާ އާންމުކޮށް ފެންނާނެ ކަމަށް،" އަންނި ވިދާޅުވި އެވެ. "އަޅުގަނޑަކަށް ވެސް ނުދެންނެވޭނެ މި ރާއްޖޭގައި ހަކުރެއް ދެނެއް ނުވިއްކާނޭކޭ."
އަންނި ވިދާޅުވީ މިހާރުގެ ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކާއި ހަރުދަނާ ނޫން ފިޔަވަޅުތަކެއް ވެސް އަޅައިފައިވާ ކަމަށެވެ. އެހެން ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް މިއަދުގެ ސަރުކާރުގެ ސިޔާސަތު ފެއިލްވެފައިވާ ކަމަށާއި އެކަން އެނގެނީ މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ފަރުވާދޭނެ ރަނގަޅު އޮނިގަނޑެއް ނެތުމުން ކަމަށް އަންނި ވިދާޅުވި އެވެ. އަންނި އަދި ވިދާޅުވީ ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ބޭނުން ވަނީ ބައިނަލްއަގްވާމީ ފަރުވާތައް ކަމަށާއި އެފަދަ ފަރުވާތަކެއް މިހާރު ރާއްޖޭގައި ދެވެން ނެތް ކަމަށެވެ.
އަންނި ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ 30،000 ކުދިން އުޅޭ ކަމަށް ބުނާއިރު އެއީ 30،000 އާއިލާ ކަމަށެވެ.
"މަސްތުވާތަކެތި ރާއްޖެ އަށް އެތެރެވަމުން ދަނީ ސަރުކާރަށް އެނގިގެން ކަމަށް ރައްޔިތުން ޝަކުވާކުރަންޖެހޭ ސަބަބަކީ މަސްތުވާތަކެތި ދެނެގަންނަ މެޝިނާއި ކުއްތާ ފަދަ އަގުބޮޑެތި ވަސީލަތްތައް ދައުލަތަށް ހޯދައިފައިވާއިރު އެ ކަންތައް ހުއްޓިފައިނުވާތީ ކަމުގައި ވެސް އަންނި ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަދި އެހާ ބޮޑަށް ދެކޮޅުނުޖެހޭ ނުވަތަ ހަރުދަނާ ނޫން ކިތަންމެ ހަރަކާތެއް ވެސް ހިންގައިފައި އެބަހުރި. އަޅުގަނޑު މި ދަންނަވާހެން ދިވެހި ސަރުކާރުގެ މުއައްސަސާތައް މި އަންނަނީ ބަދަލުވަމުންނޭ. ފާހަގަކުރަމުން މިއަންނަނީ މިރާއްޖެ މިއަންނަނީ ބަދަލުވަމުން ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ލީޑާޝިޕްގައި މަސްތުވާތަކެތި ބޭނުންކުރާ ބޭފުޅުން ތިއްބެވި ކަމަށް އިދިކޮޅު ޕާޓީތަކުން ކުރާ ތުހުމަތުތަކާ ބެހޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން އަންނި ވެސް ތަކުރާރުކޮށް ވިދާޅުވީ "އެކަމަށް ކޮމެންޓްކުރާކަށް ބޭނުމެއްނޫން" ކަމަށެވެ. މީގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އަންނި ވަނީ މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ