ފުނަދޫގައި ހުންނަ ށ. އަތޮޅު އަތޮޅު އޮފީހުގެ ސާމާނު އެއަތޮޅުގެ އާ ވެރިރަށް މިލަންދު އަށް ބަދަލުކުރަން އުޅުމުން ފުނަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ކުރީގެ އަތޮޅު އޮފީސް ދޮށަށް މިއަދު އެއްވެއްޖެ އެވެ. 
ފުނަދޫ ކައުންސިލަރު އިބްރާހިމް މުހަންމަދު ވިދާޅުވީ ކުރީގެ އަތޮޅު އޮފީހުގައި ހުރި ސާމާނު ގެންދަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ގިނަ ބަޔަކު އެއޮފީސް ދޮށަށް އެއްވެފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލަރު ވިދާޅުވީ އެކަމުގެ ތަފްސީލް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކުރީގެ އަތޮޅު އޮފީސް އިމާރާތުގައި ހުރި ސާމާނު މިލަންދު އަށް ބަދަލުކުރަން ފުލުހުން އައުމާ ގުޅިގެން މިއަދު މެންދުރު  30: 12 ހާއިރުން ފެށިގެން ރަށުގެ ބައެއް މީހުން އޮފީސް ދޮށަށް އެއްވެ އެކަމާ ނުރުހުން ފާޅުކުރަމުން ގެންދާ ކަމަށެވެ. އަދި އަތޮޅު އޮފީސް ބަދަލުކުރާ ސަބަބު ތަހުގީގުކޮށްފައި ނޫނީ އެ ސާމާނު މިލަންދު އަށް ނުގެންދެވޭނެ ކަމަށް އެތަނަށް އެއްވި މީހުން ގޮވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކުރިއެކޭ އެއްގޮތަށް މީހުންގެ ޝުއޫރުތައް ހުރީ. އަނެއްކޮޅުން ރަށުގެ ވަޒީފާގައި ތިބި މީހުން މިލަންދު އަށް ދާން ޖެހޭތީ ވެސް މީހުން ތިބީ ވަރަށް ކަންބޮޑުވެފައި،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 
އަތޮޅު އޮފީހުގެ ސާމާނު މިލަންދު އަށް ބަދަލުކުރުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފުލުހުން ދިއުމުން ވެސް އެރަށުގެ ރައްޔިތުން ވަނީ ހުރަސްއަޅާފަ އެވެ. 
ށ. އަތޮޅުގެ ވެރިކަން މިލަންދު އަށް ބަދަލުކުރީ އޮކްޓޯބަރު  ،26  2009 ގަ އެވެ. އޭގެ ސަބަބެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވަނީ "އަތޮޅު އޮފީހުން ދެވޭ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާ ވެސް އަމާންކަމާއި، ރައްކާތެރިކަމާ އެކު ޚިދުމަތް ހޯދައި ލިބިގަނެވޭނެ ފަދަ މާހައުލެއްގައި އަތޮޅު އޮފީސް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކެވަޑައިގަންނަވާތީ" ކަމަށެވެ.
    
    އަތޮޅު އޮފީހުގެ ސާމާނު މިލަންދު އަށް ބަދަލުކުރަން އުޅުމުން ފުނަދޫ ރައްޔިތުން އޮފީސް ދޮށަށް އެއްވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            