ސިޔާސީ ފިކުރެއްގެ ސަބަބުން ވަޒީފާ އިން ވަކިކޮށްފައި ނުވާ ކަމަށް ބުންޏަސް، އެ ރިސޯޓުގައި މަސައްކަތް ކުރާ ހަތް މީހަކު ވަޒީފާ އިން ވަކިކޮށްފައި ވަނީ ޑީއާރުޕީ އަށް ތާއީދުކުރާތީ ކަމަށް އެ މީހުން ބުނެފި އެވެ.
ހަވީރަށް ދިން އިންޓަވިއުއެއްގައި ވަޒީފާ އިން ކަނޑާލި ބައެއް މީހުން ބުނެފައި ވަނީ، އެ މީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ވެސް ރިސޯޓުން ޕްރެސް ކޮންފަރެންސް ބޭއްވި ދުވަހު ކަމަށެވެ.
"ވަރަށް އިހާނެތި ގޮތަކަށް އަޅުގަނޑުމެންނާ ދޭތެރޭ ކަންތައްތައް ކޮށްފައި ވަނީ. ޑީއާރްޕީ އަށް ތާއީދުކުރާތީ ކަނޑައެޅިގެން އެކަމާ ދެކޮޅަށް ފިޔަވަޅު ވެސް އަޅައިފައި ހުރީ،" އެރަށުގައި ރޫމް އެޓެންޑެންޓެއްގެ ގޮތުގައި ވަޒީފާ އަދާ ކުރި ހުޅުދޫ އަހުމަދު ޒިޔާޒު ބުންޏެވެ. "ބުރާސްފަތި ދުވަހު އަޅުގަނޑު ވަޒީފާ އިން ވަކިކޮށްފައި ވަނީ ރަށުގައި މައުމޫނުގެ ޕޯސްޓަރުތަކެއް ޖަހައިގެން ކާރު ދުއްވައި މައުމޫނަށް ކެމްޕޭން ކުރި ކަމަށް ބުނެ."
މީގެއިތުރުން އެރަށުގެ ވެއިޓަރެއްގެ ގޮތުގައި ވަޒީފާ އަދާކުރި ފޭދޫ އިސްމާއިލް މާހިރު ބުނީ އޭނާ 15 ދުވަހުގެ ޗުއްޓީއެއް ނަގައިގެން މި މަހުގެ އެއް ވަނަ ދުވަހު ރަށަށް އައިސް ޗުއްޓީ ހަމަވެގެން އެނބުރި ދާން ގުޅުމުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެތަނުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ބުނެފައިވާ ކަމަށެވެ.
"މިކަން މިގޮތަށް ދިމާވުމުން އެނގުނީ އަޅުގަނޑަށް ޗުއްޓީ އަށް އައިސް ހުއްޓައި ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމު މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ވާހަކަ ދައްކައިފައިވާތީ ވަޒީފާ އިން ވަކި ކުރީ ކަމަށް،" ފޭދޫގައި ޑީއާރްޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އިސްމާއިލް ބުންޏެވެ. "އެކަހަލަ އިޝާރާތެއް އެމީހުންގެ ފަރާތުން ލިބުނީ."
ވަޒީފާ އިން ވަކިކޮށްފައިވާ ބައެއް މުވައްޒަފުން ބުނިގޮތުގައި އެމީހުންނަށް ރިސޯޓުގެ ފަރާތުން މިހާރު ގުޅައި ވަޒީފާ އަށް އެނބުރި އައުމަށް ވެސް އެދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ވަކި ފަރާތަކަށް ޖެހިގެން މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅަމުން އަންނަ ބަޔަކު ތިބި ތަނެއްގައި ވަޒީފާ އަދާކުރަން ބޭނުން ނުވާ ކަމަށް ވެސް މުވައްޒަފުން އަންނަނީ ބުނަމުންނެވެ.
އެމްޑީޕީގެ އިއްތިހާދުގައި ހިމެނޭ، ޖުމްހޫރީ ޕާޓީގެ އެއް ނާއިބު ޒައީމު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގަމުން އަންނަ ރިސޯޓްގެ މުވައްޒަފުންގެ ތެރެއިން ޑީއާރްޕީ އަށް ތާއީދުކުރާ މުވައްޒަފުންނަށް ފިއްތުންތައް ކުރިމަތިކޮށް، ވަޒީފާ އިން ވަކިކުރަމުން ގެންދާ ކަމަށް އަތޮޅު ތެރޭގައި ދެކެވެމުންދާ ވާހަކަތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު އެ ރިސޯޓުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖެނެރެލް މެނޭޖަރު އިބްރާހީމް ރަޝީދު (އިއްބެ) ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
"މިތަނުގެ ބައެއް މުވައްޒަފުން މެނޭޖްމަންޓް ބަދުނާމު ކުރުމަށް އެކަހަލަ ވާހަކަތައް ދައްކައި އަޑު ފަތުރަމުން އަންނަނީ. އަޅުގަނޑުމެން އެއްވެސް އިއްރެއްގައި އެއްވެސް ހާލެއްގައި މިފަދަ ކަމަކާ ގުޅިގެން މުވައްޒަފަކާ ދޭތެރޭ ފިޔަވަޅު އަޅައި މުވައްޒަފަކު ވަޒީފާ އިން ވެސް ވަކިކޮށްފައެއް ނުވާނެ،" އިއްބެ ވިދާޅުވި އެވެ.
އެހެންނަމަވެސް އޭނާ އިތުރަށް ވިދާޅުވީ އެތަނުގެ ޗީފް އިންޖިނިއަރެއްގެ ވަޒީފާގައި ހުރި މީހަކު މަސައްކަތަށް ފަރުވާ ކުޑަވެގެން ވަޒީފާ އިން ވަކިކޮށްފައިވާނެ ކަމަށާއި އެކަން ސިޔާސީ އެއްވެސް ކަމަކާ ގުޅުވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ނުހުންނާނެ ސިޔާސީ ކަމަކާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައެއް. އެހެންނަމަވެސް މެނޭޖްމަންޓް ބަދުނާމު ކުރުމަށް އެކަހަލަ އަޑުތަކެއް ބަޔަކު ފަތުރަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ޑީއާރްޕީ އައްޑޫ ދާއިރާ އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ޑީއާރްޕީ ފޭދޫ ގޮފީގެ ރައީސް ވިމްލާ ރަޝީދު ވިދާޅުވީ ހަނދުފުށިން ޑީއާރްޕީ އަށް ތާއީދު ކުރާ މީހުން ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށާއި އަދި އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ވިޔަފާރިވެރިން ހިއްސާވާ ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް އޭނާ ވަރަށް ޔަގީންކަމާ އެކު ވިދާޅުވި އެވެ. އަދި އެކަން ޑީއާރްޕީން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
"ކަނޑައެޅިގެން ޑީއާރްޕީ އަށް ތާއީދު ކުރާ މީހުންނަށް ބިރު ދައްކައި އިންޒާރު ދީ އިއްތިހާދަށް ތާއީދު ކުރުމަށް އެ މީހުން އެބަހުރި މަޖުބޫރު ވެސް ކޮށްފައި،" ވިމްލާ ރަޝީދު ވިދާޅުވި އެވެ.
ސިޔާސީ ހަރަކާތްތަކަށް ހަނދުފުށި މެނޭޖްމަންޓުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެފައިވާ އިރު އެތަނުގައި ކެމްޕޭން އޮފީހެއް ހުޅުވައިގެން ކެމްޕޭން ކުރަމުންދާ ކަމަށާއި އިއްޔެ ވެސް އެތަނުން އިންތިޒާމުކޮށްގެން، މުވައްޒަފުން ބޭނުންކޮށްގެން ލޮރީ ބުރެއް ވެސް ބާއްވައިފައިވެ އެވެ.
އެހެންނަމަވެސް ރޭ އެމްޑީޕީ އިއްތިހާދުން މަރަދޫގައި ބޭއްވި ޖަލްސާގައި ޖާބިރު ވިދާޅުވީ އެއްވެސް މުވައްޒަފަކާ ދޭތެރޭ ފިޔަވަޅު އަޅައި މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އަދި މައުމޫނުގެ ސަރުކާރުން މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅާ ގޮތަށް އޭނާ އެކަން ނުކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު 2008: ހަނދުފުށި ރިސޯޓުގެ ވަޒީފާ އިން ވަކިކުރި ބައެއް މީހުންގެ ވާހަކަތައް: "އަޅުގަނޑުމެންނާ ދޭތެރޭ ކަންތައްތައް ކޮށްފ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ