ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލާ މީހުންގެ ލިސްޓް ނެރުނުއިރު، ބައެއް މައްސަލަތައް ހުރި ނަމަވެސް ބޮޑު މައްސަލައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ޝާހިދު (ސާބެ) ވިދާޅުވެއްޖެ އެވެ.
ސާބެ ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓު ލި މީހުންގެ ލިސްޓްތަކުގައި މައްސަލަތަކެއް ދިމާވި ނަމަވެސް ދެވަނަ ބުރުގެ ލިސްޓް ނެރުނުއިރު "ބޮޑު މައްސަލައެއް" ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
"މި ފަހަރުގެ ލިސްޓްތައް ބައެއް ރަށްރަށުގެ އޮފީސްތަކުން ނެރުނުއިރު ވެސް ނަން ނެތުން ފަދަ މައްސަލަތައް ދިމާވެފައިވޭ. އެ ގޮތަށް ނަން ނެތް ސަބަބުތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ. "ބައެއް މީހުން އެހެން ރަށެއްގައި ވޯޓުލުމަށް މާލޭގައި އެބަ ރަޖިސްޓްރީކުރޭ. އެހެންވުމުން މާލެ އިން ފޮނުވާ ލިސްޓާއި ރަށު އޮފީހުގެ ލިސްޓާ ބައެއް ފަހަރު ދިމާނުވާ މައްސަލަ ދިމާވޭ."
ސާބެ ވިދާޅުވީ އެ ކޮމިޝަނަށް ފާހަގަކުރެވުނު އެންމެ ބޮޑު މައްސަލައަކީ ޅ. އަތޮޅުގެ އެއް ސަރަހައްދު އަނެއް ސަރަހައްދާ އޮޅުނު މައްސަލަ ކަމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މާލޭގައި އެ މީހަކު ވޯޓު ލާން ޖެހޭ ތަން އަންގައިދިނުމުގެ ގޮތުން ތިން މަރުޒަކެއް މާލޭގައި ގާއިމުކޮށްފަ އެވެ. އަދި އެ މީހަކު ވޯޓު ލާ ތަން އަންގައިދިނުމުގެ ހިދުމަތް ވަތަނިއްޔާ މެދުވެރިކޮށް ވެސް ތައާރަފުކޮށްފައި ވެ އެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިމާވި ފަދަ މައްސަލަތައް މަދުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ބައެއް ކަހަލަ ކުދިކުދި މައްސަލަ ދިމާވެދާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާ މީހުންގެ ތެރެއިން ފުރަތަމަ ބުރުގައި ވޯޓު ލި ތަން ނޫން އެހެން ތަނެއްގައި ވޯޓު ލާ ނަމަ އަލުން ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މި މަހުގެ 13 އިން 18 އަށެވެ.
ރިޔާސީ އިންތިހާބު 2008: ދެވަނަ ބުރުގެ ވޯޓުލާ މީހުންގެ ލިސްޓް ނެރުނުއިރު ބޮޑު މައްސަލައެއް ނެތް: ސާބެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ