ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ ގެންދަވާފައި ވަނިކޮށް ހަސަން ލުތުފީގެ ނަމަށް މަޖިލީހުން ރުހުން ދީފައިވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހަސަން ލުތުފީ އައްޔަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމް ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށް މައްސަލަ ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓަށް ބެލޭނެ ގޮތަކަށް ނޫން ކަމަށް ކަނޑައަޅައި އެ ކޯޓުން އެ މައްސަލަ މިއަދު ނިންމައިފި އެވެ.
އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ނިންމުން އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ސަރުކާރަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދޭ މީހަކީ ބަންޑާރަ ނައިބު ކަމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މި މައްސަލައިގައި ލަފަޔެއް ދިނުމަކީ ސީދާ ބަންޑާރަ ނައިބު ސަރުކާރަށް މަޝްވަރާ އާއި ލަފާ ދިނުމާ ތައާރަޒްވާ ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އޭގެ އިތުރުން މިއީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމުގައި އަމަލު ކުރަންޖެހޭ ގޮތާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުން މި މައްސަލައަކީ ބެލޭނެ ފަދަ ގޮތަކަށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައީސްގެ މަސްއޫލިއްޔަތަކީ އޭސީސީ އަށް އައްޔަން ކުރުމަށް ބޭނުންފުޅުވާ ނަންތައް މަޖިލީހަށް ފޮނުއްވުން ކަމަށެވެ. އަދި މަޖިލީހުގެ މަސްއޫލިއްޔަތަކީ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންތަކުގެ ތެރެއިން ފެނިވަޑައިގަންނަވާ ނަންތަކަކަށް ރުހުން ދިނުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ އަގުލަބިއްޔަތުން ފާސް ކުރާ ބަޔަކު ރައީސް އައްޔަން ކުރަންވާނޭ ކަމަށް ގާނޫނުގައި ސާފުބަހުން ބުނެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މަޖިލީހުން ރުހުން ދޭ ބަޔަކު އައްޔަން ކުރުމަކީ ރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި މި ނޫން ގޮތަކަށް މީހުން އައްޔަން ކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިނުވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލައަކީ ދައުލަތުގެ ދެ ބާރެއްގެ ނިންމުމާ ގުޅިގެން އުދެދިފައިވާ މައްސަލައެއް ކަމަށާއި ދައުލަތުގެ ހުރިހާ ބާރެއް ވެސް ތަމްސީލު ކުރައްވަންޖެހިވަޑައިގަންނަވާނީ ބަންޑާރަ ނައިބު ކަމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ބަންޑާރަ ނައިބު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ދިފާއު ކުރައްވާފައިވާތީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ބަންޑާރަ ނައިބަށް މުޅި ދައުލަތް ތަމްސީލު ނުކުރެއްވޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ލުތުފީ އައްޔަން ކުރުމުގެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށް ބެލޭނެ ގޮތަކަށް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ