ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އިން ޕެންޝަނަށް ކަނޑާ ފައިސާ ދައުލަތުން ދައްކައިދޭން ހަމަޖައްސައިފި

ޕެންޝަން ގާނޫނުގެ ދަށުން އަންނަ މޭ މަހުން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ އިން ހަތް ޕަސެންޓް ޕެންޝަން ސްކީމަށް ކަނޑާ ގޮތަށް ހަމަޖައްސާފައިވާ އިރު، އެ ފައިސާ ދައުލަތުން ދައްކައި ދޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޕްރޮވިންސް އޮފީސްތަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުވައްޒަފުންގެ މުސާރަ އިން ކޮންމެ މަހަކު ހަތް ޕަސެންޓް ކެނޑުމަކީ އެ މީހުންނަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ޕެންޝަން ސްކީމަށް މުވައްޒަފުންގެ މުސާރަ އިން ހަތް ޕަސެންޓް ކަނޑާލުމުން، މި އަހަރު ޖެހެނީ 140 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ މުވައްޒަފުންގެ އަތުން ނުކެނޑުމަށް ފިނޭންސް މިނިސްޓަރު އަލީ ހާޝިމަށް ދަންނަވާފައިވާނެ ކަމަށެވެ.
"އެހެންވީމާ މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ސަރުކާރުގެ މުވައްޒަފުންނަށް ޕެންޝަންގެ ގޮތުގައި 140 މިލިއަން ރުފިޔާ، އަޅުގަނޑު ހަނދާންވަނީ ޕެންޝަންގެ ގޮތުގައި ސަރުކާރުގެ މުވައްޒަފުންނަށް އަޅުގަނޑުމެންނަށް މިވަނީ ދެއްކިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ބުދަ ދުވަހުގެ ނިއުސް ކޮންފަރެންސްގައި ރައީސް ނަޝީދު ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ހުރިހާ ސަރުކާރުތަކުގެ ތެރެއިން ވެސް ރާއްޖޭގައި ސަރުކާރު މުވައްޒަފުންނަށް ދޭ މުސާރައިގެ އަދަދު ބޮޑުކަމަށް އައިއެމްއެފުން ބުނާ ކަމަށެވެ.
"ދިވެހި ރާއްޖޭން މިވަނީ މި ކަމުގައި ރަން ވަނައެއް ހޯދާފައި. އަޅުގަނޑުމެން އެ ވަނަ ދަމަހައްޓަމުން ގެންދިޔައީމަ ކަންވެގެންދާނެ ގޮތް އައިއެމްއެފުންނާއި ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުން އެބަ ފާހަގަކުރޭ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު ސިވިލް ސާވިސް ކޮމިޝަނުންނާއި ވަރަށް އިހުލާސްތެރިކަމާއި އޯގާތެރިކަމާއި ތެދުވެރިކަމާ އެކީގައި މަސައްކަތްކުރަމުންދާ ސަރުކާރުގެ މުވައްޒަފުންނެއްގެ ކިބައިން ހަމަ އެދެނީ، މި އަހަރު އެ ބޭފުޅުން މުސާރަ އަލުން އަނބުރާ 15 ޕަސެންޓް އިތުރުކުރުމަށް އެ ވަކާލާތުކުރައްވާ މިންވަރު ނުވަތަ ކުރެއްވުން ކުޑަކޮށް ފަސް ޖައްސަވާލައްވައި މުޅި ހުރިހާ ރައްޔިތުންގެ ފައިދާ އާއި ދިވެހިރާއްޖޭގެ ތަރައްގީއާ އަޅުގަނޑުމެން އެންމެންގެ ކުރިއެރުމަށް ވިސްނަވައި އެ ބޭފުޅުން އަމަލުކުރެއްވުމަށް."
ރައީސް ވިދާޅުވީ ސަރުކާރު މުވައްޒަފުންނަށް ލިބޭ އެއްޗެއް މަދުވީމަ ލިބޭ ދަތިތައް ތަހައްމަލުކުރެއްވޭނެކަން ގަބޫލުކުރައްވާ ކަމަށެވެ.
"އަދި އަޅުގަނޑު އެދެން ސިވިލް ސާވިސް ކޮމިޝަން ވެސް ސަރުކާރު މުވައްޒަފުންގެ އެސޯސިއޭޝަން ވެސް ހަގީގީ ސަރުކާރު މުވައްޒަފުންގެ ވިސްނުމަށް އެ ބޭފުޅުން ވަކާލާތުކޮށްދެއްވުމަށް. ސަރުކާރު މުވައްޒަފުންގެ ވިސްނުން އަޅުގަނޑުމެންނަށް ސާފު. އެ ބޭފުޅުން އެދެނީ ދިވެހިރާއްޖެ އަށް ރަނގަޅާއި ދިވެހިރާއްޖެ އަށް ހެޔޮ ގޮތް. އެ ބޭފުޅުން އެދެނީ އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްގީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ މި އަހަރު އިއާދަކުރުން ކުޑަކޮށް ފަސްކޮށްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއިރު، ސިވިލް ސާވިސް ކޮމިޝަނުން މި މަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް އިއާދަކުރަން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް މި މަހުގެ މުސާރަ އިއާދަކުރުމަށް ފިނޭންސް މިނިސްޓްރީން ދެކޮޅު ހަދައި އެންމެ ފަހުން މިހާރު ވަނީ އިގުތިސޯދީ ހާއްސަ ހާލަތާ ގުޅިގެން ކުޑަކުރި މުސާރަ އާއި އިނާޔަތްތައް މުވައްޒަފުންނަށް ޖަމާކޮށްދީފަ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމާ ހިލާފަށް ފިނޭންސުން އެކަން އެގޮތަށް ކުރުމުން އެ މިނިސްޓްރީ ގޮވައިގެން ކޯޓަށް ދިއުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ