ރައީސް މައުމޫން އާ ގާނޫނު އަސާސީ ތަސްދީގުކުރައްވައިފި

މިދިޔަ ޖޫން 26 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރި އާ ގާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވީ މިއަދު ހެނދުނު 00: 10 ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ފެށި ހާއްސަ ދަރުބާރެއްގަ އެވެ. ހެނދުނު 33: 10 ގައި ރައީސުލްޖުމްހޫރިއްޔާ އާ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ގަރާރުގައި ސޮއިކުރެއްވުމާއެކު ހަތް ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި އެ އަށް ފަހު އެމްއެންޑީއެފްގެ ބޭންޑުގައި ގައުމީ ސަލާމް ކުޅުނެވެ. ގައުމީ ސަލާމަށް ފަހު ގާނޫނު އަސާސީ ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ސޮއި ކުރެއްވި ގަރާރު އިއްވެވުން އޮތެވެ. މި ގަރާރު އިއްވަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މ. މެމްބަރު އަނީސާ އަހުމަދެވެ.
ނަވާރަ ސަތޭކަ ނުވަދިހަ އެއް ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފެށި ގާނޫނު އަސާސީ އިސްލާހުކުރުމަށް ފަހު އެކުލަވާލި އާ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.
ދެ ހާސް ހަތަރު ވަނަ އަހަރުގެ ޖުލައި 19 ގައި ރައީސުލްޖުމްހޫރިއްޔާ އެއްކުރެއްވި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރެއްވި އާ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމަށްޓަކައި ބޭއްވި މި ދަރުބާރަށް ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެމްބަރުންނާއި މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަޑައިގެން ތިއްބެވި އެވެ. އާ ގާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު ވަރަށް ގިނަ ބޭފުޅުން އަތް ޖައްސަވައި އެކަމަށް ތަރުހީބު ދެއްވައި ހެއްދެވި އެވެ.
އާ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ދަރުބާރަށް ފަހު އެ ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ސަލާމް ކުރެއްވި އެވެ. އަދި ރަސްމިއްޔާތަށް ވަޑައިގެންނެވި ގިނަ މީހުން އެއް ބަޔަކު އަނެއް ބަޔަކާ ސަލާމްކޮށް އުފާ ފާޅުކޮށް ހެދި އެވެ. އަދި ދަރުބާރަށް ހާޒިރުވި މީހުންނަށް ބެހި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ" ގެ ފޮތްތަކުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ހާއްސަ މަޖިލީހުގެ މެމްބަރުން ސޮއިކުރައްވައި ހެއްދެވި އެވެ.
އާ ގާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ 1 ޖެނުއަރީ 1998 އިން ފެށިގެން އަމަލުކުރަމުން އައި ގާނޫނު އަސާސީ ވުޖޫދަށް އައިތާ 10 އަހަރާއި ހަތް މަހާއި ހަ ދުވަހަށް ފަހު އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރި އާ ގާނޫނު އަސާސީގައި 14 ބާބު ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މާއްދާތައް ހިމެނެނީ އަސާސީ ހައްގުތަކުގެ ބާބުގަ އެވެ. އޭގެ އިތުރުން އާ ގާނޫނު އަސާސީގެ ދަށުން ވަނީ ދައުލަތުގެ ތިން ބާރު ވެސް ވަކި ކޮށްފަ އެވެ.
52: 10
ގާނޫނު އަސާސީ ތަސްދީގުކުރެއްވުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްސަ ދަރުބާރު، ގައުމީ ސަލާމުން ނިމިއްޖެ އެވެ. ގައުމީ ސަލާމް ކުޅުނީ ދިވެހި ގައުމީ ދިފާއީ ބާރުގެ ބޭންޑްގަ އެވެ. މި ދަރުބާރު ފެށިގެން ދިޔައީ ކީރިތި ގުރްއާނުގެ ބަރަކާތުން މިއަދު ހެނދުނު 10 ޖެހިއިރެވެ.
45: 10
ގާނޫނު އަސާސީ ތަސްދީގުކުރެއްވުމާ ގުޅިގެން ކުރައްވާ ޚާއްސަ ދުއާ ކުރެއްވުން ފެށިއްޖެ އެވެ. މި ދުއާ އިއްވަވާދެއްވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހަންމަދު ރަޝީދު އިބްރާހީމް އެވެ. ދުއާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ކޮޅަށެވެ.
43: 10
ގާނޫނު އަސާސީ ތަސްދީގުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ސޮއިކުރެއްވި ބަޔާން އިއްވަވާދެއްވައިފި އެވެ. މި ބަޔާން އިއްވަވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަނީސާ އަހްމަދެވެ.
36: 10
ގާނޫނު އަސާސީ ތަސްދީގުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ސޮއިކުރެއްވި ބަޔާން އިއްވަވާދެއްވަން ފައްޓަވައިފި އެވެ. މި ބަޔާން އިއްވަވަމުން ގެންދަވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަނީސާ އަހްމަދެވެ.
34: 10
ގާނޫނު އަސާސީ ތަސްދީގުކުރެއްވުމާ ގުޅިގެން އެމްއެންޑީއެފްގެ ސިފައިން ހަތް ބަޑީގެ ސަލާމެއް ދީފި
33: 10
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ގޮތުން ގާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ލިޔުމުގައި ސޮއިކުރައްވައިފި އެވެ.
31: 10
"އާ ގާނޫނު އަސާސީ ތަސްދީގު ކުރުމުގެ ދަރުބާރުގައި ގައުމާ މުޚާތަބްކުރައްވައި ރައީސް މައުމޫން ދެއްވި ތަގުރީރު ނިންމަވާލައްވައިފި"
30: 10
"މި އިހްތިފާލަކީ ވަކި މީހެއްގެ ނުވަތަ ވަކި ޕާޓީއެއްގެ ކާމިޔާބެއް ނޫން. މިއީ ދިވެހިންގެ މި ގައުމުގެ ކުރިއެރުން. ދިވެހިންގެ މި ގައުމުގެ ކާމިޔާބީ."
29: 10
"ޑިމޮކްރެސީގެ އެންމެ އަސާސީ ސިފައަކީ މިނިވަން ޚިޔާލު ފާޅުކުރުން ކަމަށްވީ ހިނދު، ޚިޔާލު ފާޅުކުރުމާއި މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ހައްގު މި ގާނޫނު އަސާސީން އެކަށައެޅިގެން ދާނެ"
25: 10
"މި ގާނޫނު އަސާސީ ހިންގަން ފެށުމުން ކުރިމަތިވާ ހުރިހާ ގޮންޖެހުންތައް ފިލުވައިލުމުގެ ކުޅަދާކަން ދިވެހިންގައި ހުރިކަމާ މެެދު ޝައްކެއް ނެތް."
24: 10
"ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބުރަ މަސައްކަތް ކޮށްދެއްވި ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ޝުކުރު ދަންނަވަން."
14: 10
"އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ، ކުޅި ބަލަން ތިބޭ ބަޔަކަށް ނުވެ ފުރިހަމަ އަށް މަސްއޫލިއްޔަތު އުފުލާ ފުރިހަމަޢަށް ހަރަކާތްތެރިވުން."
12: 10
"އެކަކު އަނެކެއްގެ ކިބައިން އެއްޗެއް ދަސްވާނީ އެކަކު އަނެކެއްގެ އަޑު އަހައިގެން، ތިމާގެ ސިކުނޑިން އެނަކާ އަށް ޖާގަ ދީގެން."
08: 10
"މިއަދަކީ ކުރިއަށް އޮތް އެތައް އަހަރަކަށް ދިވެހި ގައުމާއި ރައްޔިތުންގެ ހައިބަތު އުފުލިގެންދާނެ ދުވަހެއް."
05: 10
ރައީސް މައުމޫން ދިވެހި ގައުމާ މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވަން ފައްޓަވައިފި އެވެ.
04: 10
މި ދަރުބާރުގައި ދެން އޮންނާނީ އައު ގާނޫނު އަސާސީ ތަސްދީގުކުރުމުގެ މުނާސަބަތުގައި ގައުމާ މުޚާތަބްކުރެއްވުމެވެ.
03: 10
މި ދަރުބާރު ފެށިގެން ދިޔައީ އަލްގާރީ ހުސައިން ތައުފީގު ކީރިތި ގުރްއާން ކިޔަވާވިދާޅުވުމުންނެވެ.
02: 10
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ގާނޫނު އަސާސީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ތަސްދީގުކުރެއްވުމަށް ބާއްވާ ޚާއްސަ ދަރުބާރު މީގެ ކުޑައިރުކޮޅެއް ކުރިން 10 ޖަހެމާއެކު ދަރުބާރުގޭގައި ފެށިއްޖެ އެވެ.
58: 09
ރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ގާނޫނު އަސާސީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ތަސްދީގުކުރެއްވުމަށް ބާއްވާ ޚާއްސަ ދަރުބާރު މީގެ ކުޑައިރުކޮޅެއް ފަހުން، 10 ޖަހާއިރު ދަރުބާރުގޭގައި ފެށޭނެ އެވެ.
ރައީސް މައުމޫން ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ބޭންޑުގައި ގައުމީ ސަލާން ކުޅުމާ އެކު ހަތް ބަޑީގެ ސަލާމެއްދޭނެ އެވެ.
އެއަށް ފަހު ރައީސް މައުމޫން ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ގާނޫނުއަސާސީ ތަސްދީގުކުރެއްވުމަށް ރައީސް ސޮއިކުރެއްވި ގަރާރު އިއްވެވުން ވެސް މި ދަރުބާރުގައި އޮންނާނެ އެވެ. މި ގަރާރު އިއްވަވާނީ ރައީސް އޮފީހުގެ މިނިސްޓަރު އަނީސާ އަހްމަދެވެ. އަދި މި މުނާސަބަތާ ގުޅިގެން ހާއްސަ ދުއާއެއް ވެސް ކުރައްވާނެ އެވެ. މި ދުއާ ކުރައްވާނީ، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހަންމަދު ރަޝީދު އިބްރާހީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ