އެމްއެމްއޭއިން 200 މިލިއަން ރުފިޔާގެ ލޯނެއް އާ ސަރުކާރުން ނަގާފައިވާ ކަމުގެ އިޝާރާތެއް ނ. މެމްބަރު ޔާމީން ކުރައްވައިފި

ރާއްޖޭގެ ސެންޓްރަލް ބެންކް އެމްއެމްއޭ އިން 200 މިލިއަން ރުފިޔާގެ ލޯނެއް އާ ސަރުކާރުން ނަގާފައިވާ ކަމުގެ އިޝާރާތެއް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. މެމްބަރު އަބްދުﷲ ޔާމީން މިއަދު ކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕީޕަލްސް އެލަޔަންސްގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޔާމީން ވިދާޅުވީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހާއި އެ މަސް ނިމުމާ ދޭތެރޭގައި އެމްއެމްއޭގެ ލޭޒަން މީންސް އެކައުންޓުން އާ ސަރުކާރަށް 200 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި އެފަދަ އަޑުތަކެއް ވެސް ފެތުރިފައިވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުގައި ވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ ޔާމީން ވިދާޅުވީ އެގޮތަށް ސެންޓްރަލް ބެންކުން ލޯނެއް ނެގުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.
"ބަޖެޓާ ބެހޭ ގޮތުން މި މަޖިލިސްގައި ވާހަކަ ދައްކާއިރު އަޅުގަނޑުމެން ބުނަން އެމްއެމްއޭއަކުން ލާރިއެއް ބޮރޯއެއް (އަނބުރާ ދައްކާ ގޮތަށް ނެގުން) ނުކުރެވޭނެ އޭ. އެމްއެމްއޭ އިން ލާރި ބޮރޯ ކުރަންޏާ ބޮރޯ ކުރަން މި އޮންނަނީ ޓީ ބިލްތައް ވެސް ވިއްކައިގެން. އެކަމަކު ޓީ ބިލް ވިއްކުމަކީ އޭގެ ޒާތުގައި އެ އޭގައި އިފެކްޓިވް ކަމެއް ނޫންކަން އަޅުގަނޑުމެންނަށް މި ބަޖެޓްގެ ރިޕޯޓުން ވެސް އެބަ އެނގިގެން ދޭ. އަދި މާލީ ވަޒީރު ފޮނުއްވާފައިވާ ލިޔުމުން ވެސް އަޅުގަނޑުމެންނަށް އެނގިގެން ދޭ،" ޔާމީން ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތ. މެމްބަރު ހަސަން އަފީފު ވިދާޅުވީ އެމްއެމްއޭ އިން 200 މިލިއަން ރުފިޔާގެ ލޯނެއް އާ ސަރުކާރުން ނަގަން ޖެހުނީ ހަރަދުތައް ކުރަން ބޭނުންވާ ފައިސާ ދައުލަތުގެ ހަޒާނާގައި ނެތުމުން ކަމަށެވެ. ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަފީފު ވިދާޅުވީ އެގޮތަށް ލޯނު ނަގަން ޖެހެނީ ކުރީގެ ސަރުކާރުން ޒިންމާދާރުކަން ކުޑަކޮށް ކަންތައް ކޮށްފައިވާތީ ކަމަށާއި އާ ސަރުކާރުން ވެސް އެހާ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަންކަން ކުރުމަށް ފުރުސަތު ދެއްވަން ބޭނުން ނުވާ ކަމަށެވެ.
އެމްއެމްއޭ އިން ސަރުކާރުން 200 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށް ވާހަކަތައް ދެކެވެމުންދާތީ އެކަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އެމްއެމްއޭއިން ވަނީ މިއަދު ސާފުވާ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވެފައި ވަނީ ސަރުކާރުން ކުރިއަށް އޮތް ތަނުގައި އެމްއެމްއޭ އިން ދަރަންޏަށް ފައިސާ ހޯދުމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ އެމްއެމްއޭ އަށް ސަރުކާރުން ދައްކަން ޖެހޭ ދަރަންޏަކީ ވަރަށް ގިނަ ދުވަހުން ޖަމާވެފައިވާ ބޮޑު އަދަދެއް ކަމަށާއި އެ ފައިސާ ސަރުކާރުން އެމްއެމްއޭ އަށް ދެއްކޭނެ ފަސޭހަ ގޮތްތަކަކާ މެދު ސަރުކާރާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
ކުރީގެ ސަރުކާރުން އެމްއެމްއޭ އިން ނަގާފައިވާ ލޯނުގެ އަދަދާއި އޭގެ ތަފުސީލެއް މަރުކަޒީ ބޭންކުން ހާމަކޮށްފައި ނެތް ނަމަވެސް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ސަރުކާރުން އެމްއެމްއޭ އަށް ދައްކަން ޖެހިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ