50 އަހަރަށް ބިން ކުއްޔަށް ދޭން މަޖިލީހުން އެއްބަސްވެއްޖިއްޔާ 2.3 ބިލިއަން ރުފިޔާ ހޯދޭނެ: ގާސިމް

ރައްޔިތުންގެ މަޖިލީހުން 50 އަހަރަށް ބިން ކުއްޔަށް ދޫކުރުމަށް ފާސް ކޮށްފި ނަމަ، މި އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ އިހަވަންދިއްޕޮޅު ޕްރޮޖެކްޓުން 2.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގައި ހޯމަ ދުވަހުގެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ މި އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ ކަންތައްތަކަކީ ޔަގީންކަން ކުޑަ ކަންތައްތަކެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މިދިޔަ އަހަރު ގިނަ ކަންތައް ހާސިލުނުވެ ދިއުމުން، އެކަމާ ބެހޭ ގޮތުން ނޫސްވެރިން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާސިމް ވަނީ އެކަންތައްތަކާ ދެކޮޅު ހައްދަވައިފަ އެވެ.
"ރައްޔިތުންގެ މަޖިލީހުން 50 އަހަރަށް އެންޑޯޒްކޮށް ދެއްވައިފިއްޔާ މިދެންނެވި ޕްރޮޖެކްޓައިގެން އަޅުގަނޑުމެން ގޮސް 180 މިލިއަން ޑޮލަރު ( 2.3 ބިލިއަން ރުފިޔާ) ހޯދުމަކީ ބޮޑު ކަމެއް ނޫން. އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތީމަ އަޅުގަނޑު އެކަން ކުރީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިހަވަންދިއްޕޮޅު ޕްރޮޖެކްޓަކީ އޭނާ އަމިއްލަފުޅަށް އިސްނެންގެވި ޕްރޮޖެކްޓެއް ކަމަށެވެ.
މިދިޔަ އަހަރު ވެސް ބޮޑެތި އަދަދުތަކުން އެޑްވާންސްގެ ގޮތުގައި ފައިސާ ނަގަން ކަނޑައަޅާފައިވާ ޕްރޮޖެކްޓުތައް ހަގީގަތަކަށް ނުވިއިރު، މަޖިލީހުން 50 އަހަރަށް ބިން ކުއްޔަށް ދޭން ފާސްނުވެއްޖެއްޔާ ދެން ހައްދަވާނީ ކިހިނެއްތޯ ދެންނެވުމުން ގާސިމް ވިދާޅުވީ މަޖިލީހުގެ މެމްބަރުން އެފަދަ ކަމަކަށް ދެކޮޅު ހައްދަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"ތީ ދެން މާ ފަސޭހަ ވާހަކައެއް ނޫން. ގަބޫލު ނުކުރައްވާނެ އެއްވެސް ސަބަބެއް ނެތް. ބަޖެޓު ވެސް ފާސް ނުކުރައްވައިފިއްޔާ ނުވާނެ އެއް ކަމެއް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓާ ބެހޭ ގޮތުން 2007 ވަނަ އަހަރުގެ އެންމެ ފަހު ދުވަހު ނޫސްވެރިންގެ ސުވާލުތައް އެންމެ ބޮޑަށް އަމާޒުވީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއު އާއި އެ މަޝްރޫއު އަށް ފައިސާ ހަރަދު ކުރެވޭ ގޮތަށެވެ.
" 360 މިލިއަން ރުފިޔާ މިހާރު ވެސް އެބަ ހުރި ޕީއެސްއައިޕީ އަށް ލިބިފައި، ކޭޝް. ލިބިފައި ހުރި ލާރި އެމީހުންނަށް ބޭނުން ނުކުރެވި،" ގާސިމް ވިދާޅުވި އެވެ.
ނަމަވެސް ފައިސާ ނުލިބިގެން މަޝްރޫއުތައް ކުރިއަށް ނުގެންދެވޭ ކަމަށް ޕްލޭނިން މިނިސްޓްރީ އާއި އެޓޯލްސް މިނިސްޓްރީ ފަދަ ތަންތަނުން ޝަކުވާ ކުރާއިރު، އޭގެ ހަގީގަތަކީ ކޮބައިތޯ ނޫސްވެރިން ދެންނެވުމުން ގާސިމް ވިދާޅުވީ، އެކަމުގައި އަރައިރުން ވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން މިތަނުގައި އަރައިރުން ވުމުގެ ބޭނުމެއް ނެތް. މިއީ ތަހުގީގުކުރާ ތަނެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ ފައިސާ ހުރި ނަމަވެސް ކެޕޭސިޓީ ނެތުމުގެ ސަބަބުން ވަރަށް ގިނަ ޕްރޮޖެކްޓުތައް ކުރިއަށް ނުގެންދެވި އެބަ ހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ