ރިޔާސީ ބަޔާން 2008 ގެދޮރު އިމާރާތްކުރުމުގެ ތަނަވަސްކަން ލިބިފައި ނުވާ މީހުންނަށް ލުއިލޯނު ދޫކުރަން މި އަހަރު ފަށާނެ: ރައީސް

ގެދޮރު އިމާރާތްކުރުމުގެ ތަނަވަސްކަން ލިބިފައި ނުވާ މީހުންނަށް ލުއިލޯނު ދޫކުރަން ސަރުކާރުން މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން، ސަރުކާރުގެ ސިޔާސަތު ހާމަކުރާ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ގެދޮރު އިމާރާތްކުރުމުގެ ލުއިލޯނު ދޫކުރައްވާނީ ސަރަހައްދީ ތަރައްގީއަށް އަމާޒު ކުރެވިފައިވާ ރަށްރަށަށް އިސްކަންދޭ ގޮތަށް، ކަނޑައެޅޭ ވަކި އުސޫލުތަކަކާއި މިންގަނޑުތަކެއްގެ ދަށުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ މި އަހަރުގެ ބަޖެޓުގައި، އަމިއްލަ ފަރާތްތަކަށް ގެދޮރު އެޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހައުސިން މިނިސްޓްރީގެ ބަޖެޓުގައި 100 މިލިއަން ރުފިޔާ ހިމަނުއްވާފައި ވެ އެވެ.
ރިޔާސީ ބަޔާން އިއްވައި ދެއްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތު މި އަހަރުގެ ތެރޭގައި އެކުލަވާލައްވައި، އެ ސިޔާސަތު ތަންފީޒު ކުރައްވަން ފައްޓަވާނެ ކަމަށެވެ. އޭގެ އިތުރުން އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހަތަރު ރަށެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މި އަހަރުގެ ރިޔާސީ ބަޔާންގައި ރައީސް ވިދާޅުވި އެވެ.
"އަދި ރައްކާތެރި ޖަޒީރާތަކުގެ ޕްރޮގްރާމްގެ ދަށުން، ތަރައްގީކުރެވޭ ދެ ރަށެއްގައި މި އަހަރު މީހުން ވަޒަންވެރި ކުރެވޭނެ. އިތުރު ރަށެއްގައި ބިން ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގައި ސަރުކާރުގެ ހަރަދުގައި އިމާރާތްކުރަމުންދާ 504 ފްލެޓްގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި ވިދާޅުވީ ހުޅުމާލޭގައި ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް، މެދުނުކެނޑި ކުރިއަށް ގެންގޮސް، ފްލެޓްތައް ހަދާ އަދަދު އެކަށީގެންވާ މިންވަރަށް އިތުރު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ރިޔާސީ ބަޔާންގައި ރައީސް އިތުރަށް ވިދާޅުވީ 46 ރަށެއްގައި ރަނގަޅު ފެންވަރުގެ ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ އެކަށީގެންވާ ރަނގަޅު ފެންވަރަކަށް، ފެނާއި ނަރުދަމާގެ ހިދުމަތް ރަށްރަށުގައި ތަރައްގީކޮށްދިނުން ކަމަށެވެ.
ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް ވިދާޅުވީ 700 އަށް ވުރެ އާބާދީ ބޮޑު ރަށްރަށަށް ޑޮކްޓަރުންގެ ހިދުމަތް މިދިޔަ އަހަރު ފުޅާކުރެވިފައިވުމާ އެކު، 600 އަށް ވުރެ އާބާދީ ބޮޑު ރަށްރަށަށް ޑޮކްޓަރުންގެ ހިދުމަތް ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަދި ސިއްހީ ހިދުމަތް ދޭނެ ވަކި މަރުކަޒެއް މިހާރު ގާއިމް ކުރެވިފައި ނުވާ ރަށްރަށުގެ ތެރެއިން، އާބާދީގެ ނިސްބަތުން އިސްކަންދޭން ޖެހިފައިވާ ރަށްރަށުގެ މަސައްކަތް މި އަހަރު ނިމޭނެ،" ސިއްހީ ދާއިރާގެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށާއި އަދި ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް ފުއްދޭ ފަދަ ތަނަވަސްކަމެއް ނެތް، މީހުންނަށް ސޯޝަލް ހެލްތު އިންޝުއަރެންސް ސްކީމެއް މި އަހަރުގެ ތެރޭގައި ތައާރަފު ކުރައްރައްވާނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ އެކި ދާއިރާތަކުގައި ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތުތައް ވެސް ހާމަކުރައްވައިފަ އެވެ. އެގޮތުން ރައީސް ވިދާޅުވި ގޮތުގައި މި އަހަރު ސަރުކާރުގެ އެންމެ މަތީ ސިޔާސަތުގެ ތަރަހަ އަކީ އިސްލާމްދީނުގެ އަގީދާ ރައްކާތެރިކުރުމާއި ދީނުގެ މަތިވެރި އުސޫލުތައް ދިރުވައި ދެމެހެއްޓުމާއި ދީނީ އަދި އިޖުތިމާއީ އެއްބައިވަންތަކަން ގާއިމްކޮށް ކުރިއެރުވުމާއި ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ރައްކާތެރި ކުރުމާއި ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމާއި ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީގެ ނިޒާމެއް ގެނައުމަށް ބޭނުންވާ އިތުރު މަސައްކަތްތައް ކުރުމެވެ. އޭގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުން ގާނޫނު އަސާސީ ފާސްކޮށް، އެ ގާނޫނު އަސާސީ ތަސްދީގުވުމުން، އެއާ އެއްގޮތްވާ ގޮތުގެ މަތިން، އިންތިޒާމުތައް ހަމަޖެއްސުމާއި ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގައި އެ މީހުންނަށް ލުއި ފަސޭހަކޮށް ދިނުމާއި ރައްޔިތުންގެ ފައިދާ އަށާއި ތަރައްގީއަށް މަސައްކަތް ކުރުމަކީ އެންމެ މަތީ ދަރަޖައިގައި އިސްކަންދޭނެ ކަންތައްތައް ކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާނުގައިވާ ގޮތުން ހިންގުމުގެ ދާއިރާގައި ސަރުކާރުގެ ސިޔާސަތަކީ، ސަރުކާރުން ހިންގަމުން ގެންދާ އިސްލާހީ ޕްރޮގްރާމްގައިވާ ގޮތުގެ މަތިން، ޒަމާނީ ޑިމޮކްރެސީގެ ނިޒާމެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ހޯދައި ދިނުމެވެ.
ސަރުކާރުގެ މި އަހަރުގެ ސިޔާސަތުތަކުގެ ތެރެއިން ރައީސް ވިދާޅުވީ އިގްތިސޯދީ ސިޔާސަތަކަށް ވާނީ ރާއްޖޭގެ މައިގަނޑު އިގްތިސޯދީ ދާއިރާތައް ފުޅާކޮށް، އެ ދާއިރާތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތު ދިވެހިންނަށާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިތުރަށް ހުޅުވާލުމާއި ބޭރުގެ ރައުސްމާލުގެ ބޮޑެތި އަދަދުތައް ރާއްޖެ ގެނައުމަށްޓަކައި، އެފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ފަހިވާ ގޮތަށް ރާއްޖޭގެ ވަސީލަތްތައް ބޭނުންކުރުމުގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލު ގެނައުމާއި މުދަލާއި ހިދުމަތުގެ އަގު ބޮޑުވަމުން ދިއުމާ ގުޅިގެން، ރައްޔިތުންނަށް ފޯރާ އަސަރު ކުޑަކުރުމަށްޓަކައި މަސައްކަތް ކުރުމާއި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމާއި ތަރައްގީގެ ހުރިހާ ދާއިރާ ތަކެއްގައި ހަރަކާތްތެރިވުމުގެ ފުރުސަތު އާންމު ފަރުދުންނަށާއި ޖަމާއަތްތަކަށް ލިބޭނެ މަގުތައް ހޯދައި ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ