ހަމީދު އުމުރަށް ޖަލަށްލައި މިލްކުގައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ހައިކޯޓުން ތާއީދުކޮށްފި

ދެ ހާސް ހަތް ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރި 2.18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބުނު ގ. ހިލްމަން އަބްދުލް ހަމީދު އަބްދުއް ސަމަދު އުމުރަށް ޖަލަށްލައި އޭނާގެ މިލްކުގައިވާ ހުރިހާ މުދަލަކާއި ފައިސާ ދިވެހި ދައުލަތަށް ނެގުމަށް ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ޖިނާއީ ކޯޓުގެ ގާޒީ މުހައްމަދު މޫސާ 2008 ގެ ޖޫން މަހުގެ 16 ވަނަ ދުވަހު ކުރެއްވި ހުކުމާ މެދު ހަމީދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި އިސް އިސްތިއުނާފު ކުރުމުން އެ މައްސަލަ ހައިކޯޓުގައި ބަލައި ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރީ އިއްޔެ އެވެ.
މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވީ ހަމީދު އުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާއީދު ކުރެއްވީ އެ މައްސަލައިގައި ހަމީދުގެ އިއުތިރާފު ބަޔާނެއް އޮތުމާއި އެއީ އެއްވެސް މަޖުބޫރު ކަމެއް ނެތި ދީފައިވާ ބަޔާނެއް ކަމަށް ފުލުހުން ހެކިބަސް ދީފައިވާތީ ކަމަށެވެ.
އަދި ހަމީދުގެ މިލްކުގައިވާ މުދަލާއި ފައިސާ ދައުލަތަށް ހިފުމަށް ނިންމާފައިވާ އެ ނިންމެވުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ތާއީދުކުރީ ހެއްކާ ބެހޭ ގާނޫނުގެ ހަ ވަނަ މާއްދާ އަށް ރިޔާއަތްކޮށްގެން ކަމަށެވެ.
ހަމީދުގެ މައްސަލަ ޖިނާއީ ކޯޓުގައި ހިންގިއިރު އޭނާގެ ގާނޫނީ ވަކީލަކީ މިހާރުގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދެވެ. ނަމަވެސް ހައިކޯޓުގައި ހަމީދު އިސްތިއުނާފު ކުރި މައްސަލަ ނިންމި އިރު ވަކީލަކު ހާޒިރުވެ ވަޑައިގެންފައެއް ނުވެ އެވެ.
ހައިކޯޓުން ތާއީދުކުރި ދަށުކޯޓުގެ ހުކުމުގައި ބުނަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ހަމީދުގެ މައްޗަށް އުމުރަށް ޖަލަށްލުމުގެ ހުކުމް ކުރެއްވީ ތަހުގީގުގައި ވެފައިވާ އިއުތިރާފުން ކުށް ސާބިތުވާތީ ކަމަށެވެ. އޭނާ މާލެއިން ގަނެފައިވާ ގޯއްޗާއި މިލްކުގައިވާ މުދަލާއި ފައިސާ ދިވެހި ދައުލަތަށް ނެގުމަށް އަންގައި ހުކުމް ކުރެއްވީ އޭނާއަކީ ބޭރު މީހުންނާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް އިއުތިރާފުވެފައިވާތީ އެވެ. ހުކުމް ކުރީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
އެ ގޮތުން ހަމީދު މާލެ އިން ގަނެފައިވާ 763 އަކަފޫޓުގެ ގޯތި، މއ. ހަސްނާވިލާ އާއި ސައިކަލަކާއި ކާރަކާއި ލޯންޗަކާއި "ފެޓްސިޔާ" ފޮތިފިހާރަ އާއި "ވައިވީ އިންޖިނިއަރިން" ވޯކްޝޮޕާއި ދިވެހި ބޭންކުގައި އޮންނަ ހަމީދުގެ ކައުންޓެއްގައި ހުރި 75/ 74ރ. އާއި އެ ބޭންކުގެ އެހެން އެކައުންޓެއްގައި ހަމީދު ޖަމާކޮށްފައިހުރި ހުރި 59/ 87،496ރ. އާއި ހަބީބު ބޭންކުގައި އޮތް ހަމީދުގެ އެކައުންޓެއްގައި ހުރި 2848ރ. އާއި އެކު ޖުމްލަ 96،600.34ރ. ދިވެހި ދައުލަތަށް ނެގުމަށް އޭރު ވަނީ ހުކުމްކޮށްފަ އެވެ.
ހަމީދު އިސްތިއުނާފު ކުރި މައްސަލަ އަށް ހައިކޯޓުން ތާއީދު ކުރިއިރު އެ މައްސަލައިގައި 2.18 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވި ލ. އިސްދޫ ގުލްފާމުގޭ އިބްރާހިމް ނައީމް އުމުރަށް ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ހުކުމަށް ވެސް ހައި ކޯޓުން އިއްޔެ ވަނީ ތާއީދުކޮށްފަ އެވެ. ނައީމުގެ މައްޗަށް ދަށުކޯޓުން ކުރި ހުކުމުގައި ނައީމުގެ މުދަލަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ އެއްޗެހިކަން ސާބިތުވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ