ހައި ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި

ހައި ކޯޓްގެ ފަނޑިޔާރުކަމަށް ފަސް ބޭފުޅަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހޮވުމުގައި އުސޫލީ އަދި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެކަން ބާތިލްކޮށް އަލުން ފަނޑިޔާރުން ހޮވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓުގައި ކުރި ދައުވާ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ޖިނާއީ ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ހުށަހެޅުއްވި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމާފައި މި ވަނީ އެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް މައްސަލަ ވަގުތީ ގޮތުން ހުއްޓާލައި، މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވަން މިދިޔަ އާދީއްތަ ދުވަހު އެންގުމަށް ފަހުގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރި ގޮތުގެ ސަބަބުން ބައެއް ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އައިސްފައިވާކަމަށް ބުނެ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާއަށް ބެލިއިރު އެއީ ދުސްތޫރީ މައްސަލައެއްކަން އެނގޭ ކަމަށެވެ. އަދި މިފަދަ ދުސްތޫރީ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވުމުގެ އިތުރުން، އެ މައްސަލަ ދަށު ކޯޓުން ނިމި، ހައިކޯޓުގައި އިސްތިއުނާފުކުރެވި ނިމެންދެން ހައިކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވި ލަސްވުމަކީ އަދުލު އިންސާފު ގާއިމްކުރުމުގައި އަސާސީ ހައްގަށް އުނިކަން އަންނާނެ ކަމެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނީ ހައި ކޯޓަށް ފަނޑިޔާރުން ކަނޑައެޅުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމީ ޑިމޮކްރަޓިކް ސޮސައިޓީއެއްގައި ނަގަހައްޓަންޖެހޭ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ލާޒިމުކުރާކަމަކަށްވާތީ، ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައްގަށް ރިއާޔަތްކޮށް "ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ގެ ދަށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ