ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕްރައިމަރީގައި "ޓީމް އުމަރު" ގެ ފަރާތުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގިނަ ވުޒާރާތަކެއް ހިންގެވި އިލްޔާސް އިބްރާހިމް ނެރެން މަސައްކަތްކުރާ ކަމުގެ މައުލޫމާތު އިތުބާރު ހުރި ގޮތަކަށް އެމްވީޔޫތަށް ލިބިއްޖެ އެވެ.              
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ވަނީ އިލްޔާސް އިބްރާހިމް އާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް އިލްޔާސް އިބްރާހިމް މިކަމާއި ދެކޮޅު ހައްދަވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ މުލަކު ދާއިރާގެ މެންބަރު ޔާމީން އަބްދުލްގައްޔޫމް ނޫން ބޭފުޅަކު ނެރެން ނުފެންނަ ވާހަކަ ވަނީ އުމަރު އަރިހު ވިދާޅުވެފައެވެ.
އެމްވީޔޫތަށް މައުލޫމާތުދެއްވަމުން އުމަރު ނަސީރު ވިދާޅުވީ އިލްޔާސް އިބްރާހިމް ޕްރައިމަރީ އަށް ނެރުމާއި މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. 
އިލިޔާސް އިބްރާހިމްއަކީ ރައީސް މައުމޫން ސަރުކާރުގެ ސިފައިންގޭގައި ނައިބުކަން، އެޓޯލްސް މިނިސްޓަރުކަން، ހެލްތު މިނިސްޓަރުކަން، ޓްރާންސްޕޯޓު މިނިސްޓަރުކަން އަދި ލ. އަތޮޅު ރައްޔިތުންގެ މަޖިލިސްކަން ކުރެއްވި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅެވެ. 
ޕީޕީއެމްއިން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ސިޔާސީ މައިދާނަށް ބޭނުންވަނީ ކާލާ މަންނަކަމުގައި ވާނަމަ އެ ގަނޑު ވައްޓާލާނެ ކަމަށާއި ކާލާ ބައިސާ ވައްޓާލަން ޖެހިއްޖެ ނަމަ ކާލާ ބައިސާ ވެސް ވައްޓާލާނެ ކަމަށެވެ. އުމަރު ނަސީރު ކާލާ މަންނަ ކަމަށް އެވިދާޅުވީ ރައީސް މައުމޫން އެވެ. އަދި ބެލެވޭ ގޮތުގައި ކާލާ ބައިސާއޭ ވިދާޅުވީ އިލްޔާސް އެވެ.
"އެއްވެސް ބޭފުޅަކު ހީފުޅުނުކުރައްވާތި އަޅުގަނޑުމެން ކާލާ މަންނަ ވައްޓާނުލައްވާނެ އޭ، ހީފުޅު ނުކުރައްވާތި އަދިވެސް އަޅުގަނޑު ދަންނަވާނީ އަދިވެސް ވަރަށް މުހިންމު ކާޑެއް އޮވެއޭ އަޅުގަނޑުމެން އަތު، އަޅުގަނޑުމެން އަތުގައިއޭ ކާލާ ބައިސާ ވެސް އޮތީ، އަޅުގަނޑުމެން ކާލާ ބައިސާ ވައްޓާލަން ޖެހިއްޖެއްޔާ ކާލާ ބައިސާ ވެސް އަޅުގަނޑުމެން ވައްޓާލާނަން." އުމަރު ނަސީރު ވިދާޅުވެފައިވެ އެވެ.
މިވާހަކަތަކަށް ރައްދުދެއްވާ ޔާމީން އެޖަލްސާގައި ވިދާޅުވެފައިވަނީ ކާލާ ބައިސާ ވިޔަސް ރުމާ 2 އަކީ ނިކަމެތި ގަނޑެއް ކަމަށާއި އެގަނޑު ހުކުމުގެ ގޮތުގައި ޖަހާ އަތްބައި ނެގިދާނެ ކަމަށެވެ.
ފަހަކަށް އައިސް އުމަރު ޓީމުން ބާއްވާ އެކި ޖަލްސާތަކާއި، ޕީޕީއެމްގެ އާންމު ޖަލްސާތަކުން އިލްޔާސް އިބްރާހިމް ފެންނަކަން ފާހަގަކޮށްލެވެ އެވެ.  ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ނަސީރުގެ ޓީމުން ރިޔާސީ ރޭހުގައި ވާދަކުރައްވާނީ އުމަރު ކަމަށް މީގެކުރިން ނިންމާ އޭނާ ވަނީ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ވެސް ކުރައްވާފަ އެވެ.
    
    ޓީމް އުމަރު ފަރާތުން ޕްރައިމަރީއަށް އިލްޔާސް ނެރެން މަސައްކަތްކުރަނީ!
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
            