21 ދުވަހުގެ ކުރިން މިސަރުކާރު ވައްޓާލާނަން - އަލީ ވަހީދު

00:59
ރައީސް ނަޝީދުގެ ވާހަކަފުޅަށް ފަހު ޖަލްސާ ވަނީ ނިންމާލާފައި،
00:55
ރައީސް ނަޝީދު: އަޅުގަނޑުމެންނަށް މިރާއްޖެ ދޫކޮށް ދެވެން ނެތް، އަޅުގަނޑުމެން މިރާއްޖެ ބަދަލުކުރާނަން، ރައްޔިތުން ބޭނުންވާ ސަރުކާރެއް ގެންނާނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ، އުސްފަސްގަނޑުގައި އެމްޑީޕީ ތިބޭނެ އެތަނުގައި އަޅުގަނޑުމެން ވާހަކަވެސް ދައްކާނެ
00:36
އަލީ ވަހިދު: މިތަނަށް މާގިނަ ފުލުހުން އަންނަންޏާމުން 21 ދުވަހުގެ ކުރިން މިސަރުކާރު ވައްޓާލާނަން،
00:35
އަލީ ވަހީދު: އަޅުގަނޑުމެން ތެރޭގައި އެއްވެސް މާޔޫސްކަމެއް ނެތް، އަޅުގަނޑުމެން ތިބީމު ރާޅުގަނޑުގައި ވެސް، އަޅުގަނޑުމެން ތިބީމު އުސްފަސްގަނޑުގައި ވެސް، އަޅުގަނޑުމެން މިތާބު ވެސް ތިބީމު، އަޅުގަނޑުމެންނަށް އިނގޭނެ ޗާންދަނީ މަގު ވެސް، އަޅުގަނޑުމެންނަށް އިނގޭނެ ފުލުހުންގެ އިދާރާ ވެސް، އަޅުގަނޑުމެން އަދި ވެރިކަމަށް އަރާނެ، އަޅުގަނޑުމެންނަކީ ހިތްވަރު އެލުވާނުލާ ހަމައެކަނި ޕާޓީ، ހުރިހާ ވޭނެއްގައި އުޅޭއިރު އަޅުގަނޑުމެން މިދަނީ ވައުދު ދަތުރުކުރަމުން، ސިޔާސީ ހަރަކާތް ރައްޔިތުންގެ ކައިރީ ހިންގަމުން.
00:33
އަލީ ވަހީދު: މާތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެރިކަމަށް އަންނާނެ، އަޅުގަނޑުމެން ފުލުހަކަށް ދެރަގޮތެއް ނުހަދާނަން، ޖަޒުބާތުގައި ޖެހޭނީ ރީތި އަންހެނުން ފެނުނީމައޭ، އަޅުގަނޑުމެން ޖެހޭނީ އިންތިގާލީ އިންތިޒާމަކަށް ބަދަލުކުރެވިގެން، އަޅުގަނޑުމެން ރުޅި އަންނަންވީ ބޮޑެތި ބާޣީންނަށް، މިކަން ރޭވި މީހުންނަށް، މިއަދު ހަވީރު 5 ޖެހިއިރު ނިއުސް ކޮންފަރެންސް ބާއްވާ އެމްޑީޕީ މެންބަރުންނަށް ޗެލެންޖެއް ނުކުރެވޭނެ.
00:30
އަލީ ވަހީދު: އަޅުގަނޑު ހިތަށް އަރަނީ ތިޔަބޭފުޅުން ތިތާ ތިއްބަވައިގެން ހާސިލްވަނީ ކޮން ކަމެއްތޯ އޭ، ފުލުހުންނާއި ސިފައިން މިދާންޖެހޭ ހިސާބަށް ދާންޖެހޭ، ތިޔަބޭފުޅުންނަށް އެބައޮތް ބާރުގެ ބޭނުންކުރެވެން، ތިޔަބޭފުޅުންނަށް ތަޅާވެސް ލެވިދާނެ، މަރާވެސް ލެވިދާނެ، ފެބްރުއަރީ 8 ތަކުރާރުކުރަން ބޭނުމިއްޔާ އެކަން ކުރަންވީ،
00:27
އަލީ ވަހީދު: މާޗް އެއްވަނަ ދުވަހު ބާޣީ ވަހީދު މަޖިލީހަށް ވަންނައިރު ތި ޕޮލިސް ލައިން ދަމާލާނަން، އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ މިއީ ސިޔާސީ ބޭފުޅުންނަށް އޮތް ހަނގުރާމައަކީ، ޣައިރު ގާނޫނީ އޯޑަރަށް ފުލުހުން ބޯލަނބަންޏާ އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން ތިއީ ސައްހަ ފުލުހުން ކަމަށް.
00:25
އަލީ ވަހީދު: މީދަލަކަށް ދުވަހެއް އައިއްޔާ ހިކަންޖަކަށް ވެސް ދުވަހެއް އަންނާނެ، މިއަދު ތިޔަބޭފުޅުން ލައިން އަޅައިގެން ތިއްބަވައިފިނަމަ އަޅުގަނޑުމެން ވެސް އެބައޮތް ވާހަކަ ލައިންއެއްގެ ވާހަކަ ދައްކަވަން، އަޅުގަނޑުމެން ކައްކުވައިލައިފި، މިހާރު މިއޮތީ ބަޣާވާތުގެ މޫސުން، ދަންނަވާލަން އޮތް ވާހަކައަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ފުލުހުން މިއަދު ނިކުތީމަ ލަދުގަންނަން ޖެހޭނެ، މިއީ ފުރަތަމަ ރޭ އަޅުގަނޑު ދަންނަވާލާނީ ދަންމާލާނަމޭ، އަޅުގަނޑުމެންނަށް އިނގޭ ތިޔަބޭފުޅުން ނިދިން ދުއްވާލަން ވެސް، ބަޔަކު މިތިބެނީ ފަސްގަނޑެއްގައި ބަގުނޑި ބައްދައިގެން. ގައުމުގައި ހަމައެކަނި މިއޮންނަނީ އުސްފަސްގަނޑުން ތެޔޮ ނެގުން.
00:20
އަލީ ވަހީދު: ހައި ކޯޓުގެ އަމުރުގައި މަގުތައް ބަންދުކުރާކަށް ނޯވޭ، ހައި ކޯޓުގެ އަމުރުގައި ދަރުބާރުގެ ފުރަގަހުގައި އޮތް މަގު ބަންދުކުރާކަށް ނޯޥޭ، އަޅުގަނޑުމެން ކޮމިޓީން ހާމަކުރި އެއްޗެހި ވެސް ސައްހަ، މިއީ ބަޣާވާތެއްކަން ވެސް ސައްހަ، ފުލުހުންނާއި ސިފައިންނަށް ދަންނަވަން އޮތީ ތީގެން ކޮންމެ މީހަކީ ބަޣީއެކޭ ނުދަންނަވަން، ދެއަތުގައި ލޭ ހައިކައިގެން ތިބި ބަޔަކު ވެސް އެބަތިބި،
00:19
ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވާހަކަފުޅުދައްކަވަނީ..
00:15
މިހާރު ވާހަކަ ދައްކަވަމުންގެންދަވަނީ މާލޭ ސިޓީކައުންސިލްގެ މޭޔަރ މައިޒާން އަލި މަނިކު، އަލިބެވަނީ އުސްފަސްގަނޑު އަތުނުލެވޭނެކަމަށް ވިދާޅުވެފައި. މައިޒާން އަލިބެ ވިދާޅުވީ ހައިކޯޓުންކުރި އަމުރު މާދަމާ ސްޕްރީމް ކޯޓަށް މައްސަލަ ވައްދާނެކަމުގައެވެ. އަދި އުސްފަސްގަނޑު އަތުލައިފިއްޔާ އޭގެ އަނެއް ދުވަހު ކޮންމެވެސް އެހެން ތަނެއް ހަވާލުކުރާނެ ކަމަށް.
23:53
މިހާރު އެސަރަހައްދުގައި ހުރީ ލަވަ ޖަހާފައި.
23:47
ރިޔާޒްގެ ވާހަކަފުޅު ނިންމަވާލައްވައިފި.
23:46
ރިޔާޒް: އަޅުގަނޑުމެން ނިކުމެ މިތިބީ ކުރިން އަޅުގަނޑުމެން ކުރި ކަންތައް ފަސް އަޅާ ފޮރުވާފައިވާތީ، މިގައުމުގެ ރައްޔިތުންނަކީ ހޭލާ ތިބިބައެއް، މިތަނުގައި މިތިބި ދިހަހާސް މީހުން މިވެރިކަން ބަދަލުކުރަން ބޭނުންވަނީ ކޮންމެ މީހަކަށް ދިހަވަރަކަށް ވޯޓޭ، އަޅުގަނޑުމެން ހުރިހާ ވައުދެއް ފުއްދައިފިން، ޝަރުއީ ދާއިރާ ނިޒާމަކީ ރަނގަޅު ކުރަންޖެހޭ ކަމެއް، ދެން އަންނަ ވެރިކަމެއްގައި އަޅުގަނޑުމެން ޝަރުއީ ދާއިރާ ރަނގަޅުކުރާނަން. ޕްރޮސެކިއުޓާ ޖެނެރަލްއަކީ މިހާރުން މިހާރަށް ހައްޔަރުކުރަންޖެހޭ މީހެއް.
23:43
ރިޔާޒް: މިރާއްޖޭގެ ރައްޔިތުންނަށް ނަފާ މަންފާ ލިބިވަޑައިގަތީ ރައީސް ނަޝީދު ބަދަލުކުރީ ވިޔަފާރިވެރިންވެގެން، ފުލުހުންނާއި ސިފައިންގެ 500 މީހުން ބަޣާވާތްކުރިކަން އަޅުގަނޑުމެން ސަރުކާރުގެ އިންޓަލިޖަންސްއަށް މައުލޫމާތު ލިބުނު، 7 ވަނަ ދުވަހު ބަޣާވާތްކޮށްފައި 8 ވަނަ ދުވަހު އަޅުގަނޑުމެންނަށް އަނިޔާކުރީ، ބާޣީ ޖަމީލަށް ދަންނަވަން އޮތީ ޓާޓާއޭ، ޖަމީލަކަށް ނޭންގޭނެ ރައްޔިތުންގެ ވިސްނުމާއި ފިކުރެއް، އަތޮޅުތަކުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރެއް ނޭންގޭނެ.
23:38
ރިޔާޒް: ބާޣީ ޖަމީލަށް ދަންނަވަން އޮތީ ތީ ސިޔާސީ ގޮތުން ތަސައްރަފް ފުދިފައިވާ ބޭފުޅެއް ނޫނޭ، މިރާއްޖޭ ބަދަލުކުރަން ޖެހެނީ ވަރަށް ގިނަ ސަބަބުތަކަށްޓަކައި، މިއަދު އިންޑިއާގެ ގުޅުން ގޯސްވާ ވާހަކަ ދައްކާއިރު މާޗް ހަމާއި ހަމައަށް ހަޑޫ ހުކުރު ފުއް ނުލިބޭނެ ކަމަށް އިންޑިއާއިން ބުނެފި ކަމަށް އެގައުމުގެ ނޫހުތަކުގައި އެބަޖަހާ، މައުމޫނަކަށް ދަތުރުފަތުރެއް ނުގެނެވުނު، އާސަންދައެއް ނުގެނެވުނު.
23:34
ރިޔާޒް: އެއްވެ އުޅުމުގެ ހިޔާލު ފާޅުކުރުމަށް ޖަމީލަށް ހުރަހެއް ނޭޅޭނެ، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ، ޖަމީލް ވިދާޅުވި ރައީސް ނަޝީދު ޖަލަށްލެވޭނެ އޭ، އަޅުގަނޑު ދަންނަވާނީ ތިކަމެއް ތިގޮތަކަށް ނުވާނެއޭ، މިލިޓަރީ ވެރިކަމެއް ކުރުމަށްޓަކައި އެކުރަމުންދާ ކަންތައް ތާއީދެއް ނުކުރަން، އަޅުގަނޑުމެން މިތިބީ އެގޮތަށް ކަންތައް ކުރާތީ ބަދަލުކުރަން ނިކުމެ،
23:31
މިހާރު ވާހަކަދައްކަވަނީ ދާންދޫ ދާއިރާގެ މެންބަރު ރިޔާޒް.
23:29
މާރިޔާގެ ވާހަކަފުޅު ނިންމަވާލައްވައިފި.
23:27
މާރިޔާ: މިރާއްޖޭގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ އޭ ރައީސް ނަޝީދުގެ ނަން ކަރުދާސްކޮޅުގައި ނެތިއްޔާ، އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ ނަންކޮޅު ވޯޓު ކަރުދާސްކޮޅުގައި އޮންނަން ޖެހޭނެ.
23:26
މާރިޔާ: އަޅުގަނޑުމެންނަށް ކިތަންމެ ވެރިކަމެއް ފެނިއްޖެ، އަޅުގަނޑުމެންނަކަށް ނުއެއް އޮޅޭ ޓީވީތަކުންނާއި ރޭޑިއާތަކުން އޮޅުވާލަން އުޅުނުކަމުގައިވިޔަސް، އަޅުގަނޑުމެން ފެށުނީއްސުރެން ބުނަމުން ދިޔައީ އަބްދުﷲ ގާޒީއަކީ ހައްޔަރުކުރެވެން ޖެހޭނެ މީހެކޭ، އޭނާއަކީ މިރާއްޖޭގެ އަދުލު އިންސާފުގެ ބާރު ބަންދުކޮށްލައިގެން ހުރި މީހެއް، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ހަސަން ސައީދު ވެސް ގާޒީއެއްގެ މަގާމުގައި އެކަށީގެންނުވާ ކަމަށް ބުނެ ވަކިކުރަން ފޮނުވިތަން، ޖޭއެސްސީއިން ވެސް ވަނީ އަބްދުﷲ ގާޒީއަކީ ގާޒީއެއްގެ ގޮތުގައި މަސައްކަތްކުރަން އެކަށީގެންނުވާ މީހެއްކަން.
23:22
މާރިޔާ: ތިން އަހަރު ކުރި މަސައްކަތުން ވަރަށް ގިނަ ބަޔަކު ޑްރަގްގެ ވަބާއިން ވަނީ ސަލާމަތްވެފައި، ބޯހިޔާވަހިކަން ނުލިބޭ ވާހަކަ ވަރަށް ގިނައިން ގޭގެއަށް ވަނީމަ އަޑު އިވޭ، އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ބަޔަކަށް ގޯތިގެދޮރު ލިބުން، އަޅުގަނޑުމެން ފްލެޓް ދޮންބެއަށްޓަކައި ފަހުރުވެރިވޭ، އަޅުގަނޑުމެންނަށް ލޮލުން އެބަފެނޭ ތިން އަހަރު ތެރޭގައި ލިބުނު ކާމިޔާބީ.
23:20
މާރިޔާ: އަޅުގަނޑުމެންނަށް ފެނިގެންދަނީ މަހުޖަނުން ސިޔާސީ ޕާޓީތައް ހެދުމަށް މަޖުބޫރުކޮށްގެން ސިޔާސީ ޕާޓީތަކަށް ސޮއިކުރުމަށް، އެންމެ ކުޑަ މިނުން ވަޒީފާގައި އުޅޭ ވަޒީފާގައި އުޅޭ މީހާގެ އާއިލާ ވެސް ވައްދަނީ، އަޅުގަނޑުމެން ކައިރީ ބުނަނީ އެހުރި ހާލުން ނޫނެކޭ ބުނަން ނުކެރެނީއޭ، އިންތިހާބަށް ވޯޓުލާންދާއިރު ރައީސް ނަޝީދަށް ވޯޓުލާނަމޭ.
23:13
މާރިޔާ: ކިތަންމެ ވަރަކަށް ތެޅިޔަސް އަޅުގަނޑުމެން އަނެއް ދުވަހު ނިކުންނާނެ، އަޅުގަނޑުމެން ފަހުރުވެރިވާނަން އަޅުގަނޑުމެންގެ ގާނޫނު އަސާސީން ލިބުނު ހައްގުތައް ހޯދަން ނިކުންނައިރު އެކަމުން ލިބޭ އަދަބަކީ އަޅުގަނޑުމެން ތަހައްމަލުކުރާނެ ކަމެއް، ތިޔަބޭފުޅުންގެ ނަން ލިޔެވޭނެ، މިރާއްޖޭ ހަދާން ކުރާނެ ތިޔަބޭފުޅުންގެ ނަންތައް.
23:11
މާރިޔާ: ކިތަންމެ ބޮޑު ޖަމާއަތަކުން މިއީ ބަޣާވާތެކޭ ނޫނޭ ބުންޏަސް އަޅުގަނޑުމެންނަކަށް ނޯޅޭ މިއީ ބަޣާވާތެއް ކަން، އަޅުގަނޑުމެން ގައިގައި މުގުރުން ޖެހި ހަދާންވޭ، އަޅުގަނޑުމެން އުޅެނީ ފޮޓޯއެއް ހޯދަންށޭ ޖަމީލް ބުނި، އެއީ ކާކުތޯ، ދިގު މުއްދަތަކަށް ޖަލަށްލާނަމޭ އެބުނަނީ، އަޅުގަނޑުމެން މިތިބީ ރައީސް ނަޝީދާއިއެކު ޖަލަށްދާން މިތިބީ، މުގުރުން ޖެހިޔަސް އަޅުގަނޑުމެން ތިރިއެއް ނުކޮށްލެވޭނެ.
23:09
މާރިޔާ: އަޅުގަނޑުމެންނަށް މިފެނިގެން ދަނީ އަޅުގަނޑުމެން ފަހަތަށް ޖައްސާލަން ދިފާއީ ބާރުތަކުން އުޅޭތަން، ސަލާމަތީ ބާރުތަކުން ހަތެއް ފެބްރުއަރީގައި އަޅުގަނޑުމެން ސަރުކާރު މިވަނީ ދަމައިގެންފައި، ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ހައްގަކީ ވޯޓުލުމުގެ ހައްގު، އަޅުގަނޑުމެން މިހެން މަޑުކޮށްލައިގެން ތިބޭނަން، އަޅުގަނޑުމެން ފަހަތަކަށް ނުވެސް ޖެއްސޭނެ ނުވެސް ޖެހޭނެ.
23:05
މިހާރު ވާހަކަދައްކަވަނީ މާރިޔާ އަހުމަދު ދީދީ.
23:01
ކީރިތި ޤުރުއާންގެ ބަރަކާތުން ޖަލްސާ ފަށައިފި، ޖަލްސާ ފެށީ ބޮޑުތަކުރުފާނު މަގުގައި.
22:57
ޖަލްސާ އަދި ނުފަށާ، ލަވަ ޖަހާފައި ހުރީ.
22:55
ރައީސް ނަޝީދު އަރިހުގައި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި އެމްޑީޕީ އިސް ބައެއް ބޭފުޅުން އެބަތިއްބެވި.
22:49
އުސްފަސްގަނޑު ސަރަހައްދަށް ރައީސް ނަޝީދު ދެންމެ ވަޑައިގެންފި.
22:48
ބެރިކޭޑުގެ ފަހަތުގައި ސަފަކަށް އެތުރިގެން ސްޓާ ފޯސް ފުލުހުން އެބަތިބި. އެމްޑީޕީ ޖަލްސާ އަދި ނުފެށޭއިރު ޖަލްސާ ފެށޭނެ ކަމަށް ބެލެވެނީ ރައީސް ނަޝީދު ވަޑައިގަތުމުން.
22:45
މިހާރު ގާޑިއާތައް ހުންނަ ސަރަހައްދު ކައިރިއަށް ލޮރީއެއް ގެނެސްފި، ލޮރީގައި ހުރީ ލަވަ ޖަހާފައި.
22:44
އެމްޑީޕީ ސަޕޯޓަރުން ތިބީ ގާޑިއާތައް ހުންނަ ސަރަހައްދުގައި، އަނެއް ފަޅި ކަމަށްވާ ޕެޓްރޯލް ޝެޑް ކައިރީ އެއްވެސް ބަޔަކު ނެތް،
22:38
ރައީސް ނަޝީދު ހިންގަވާފައި މަޖީދީ މަގުން އެބަވަޑައިގަންނަވާ، ސެކިއުރިޓީ ބޭފުޅުންނާއިއެކީގައި ރައީސް ނަޝީދު ވަޑައިގަންނަވަނީ އުސްފަސްގަނޑަށް ކަމަށް ބެލެވޭ.
22:25
އެސަރަހައްދުގައި ތިބި ފުލުހުންނާއި ދިމާލަށް އެމްޑީޕީ ސަޕޯޓަރުން ދަނީ ހަޑި ހުތުރު ބަސް ބަހުން މުއާމަލާމާތް ކުރަމުން، މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ، އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ.
22:15
އުސްފަސްގަނޑުގައި ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތް ޖަލްސާ އުސްފަސްގަނޑުގައި ނުބާއްވާ އެސަރަހައްދާ އިންވެގެން އޮންނަ ބޮޑުތަކުރުފާނު މަގުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު އެމްވީޔޫތު އޮންލައިންއަށް ލިބިއްޖެ .
މި ޖަލްސާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ އެސަރަހައްދަށް ޖަމާވަމުން.
ފުލުހުން އަދިވެސް އޮތީ އުސްފަސްގަނޑު ބަންދުކޮށްފައި.
18:49
މިރޭ އުސްފަސްގަނޑުގައި ޖަލްސާ އޮންނާނެ ކަމަށާއި އެޖަލްސާގައި ވާހަކަފުޅުދައްކަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ، އެމަނިކުފާނު މިހެން ވިދާޅުވީ މީގެކުޑަ އިރުކޮޅެއް ކުރިން ފޭސްބުކް ޕޭޖްގައި.
17:25
އެސްއޯ ފުލުހުން އިތުރަށް ޖަމާވެ އުސްފަސްގަނޑު ސަރަހައްދުގައި ތިބި މީހުން ބޭރުކޮށްފި. އެމީހުން މިހާރު ތިބީ މަގުމަތީގައި.
17:04
އެމްޑީޕީ ސަޕޯޓަރުން އުސްފަސްގަނޑުގައި ހުރި ޖޯލިތަކަށާއި އުނދޯލިތަކުގައި އިށީންދެއްޖެ، ފުލުހުން އަދި އެކަން ހުއްޓުވާފައެއް ނުވޭ.
17:03
އުސްފަސްގަނޑު ސަރަހައްދުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ފުލުހުން ދަމާފައިވާ ކްރައިމް ސީން ޓޭޕްތައް ނައްޓާލައިފި، އެސަރަހައްދުގައި މިހާރު ތިބީ ފަސް ވަރަކަށް ފުލުހުން.
16:54
އެމްޑީޕީގެ އިސް ފަރާތްތަކުން ބުނަމުންދަނީ ކްރައިމް ސީން ޓޭޕް ދެމިކަމުގައިވިޔަސް މިރޭ އެސަރަހައްދަގައި އެމްޑީޕީގެ ޖަލްސާ އޮންނާނެ ކަމަށް.
16:47
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސަރަޙައްދު އެއްވެސް ބަޔަކު ބޭނުން ނުކުރުމަށާއި، އެއްވެސް ބަޔަކު ބޭނުން ކުރުމަށް ދޫނުކުރުމަށް އަންގައި، އަދި އެސަރަޙައްދު އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށް، ޙުކުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުއްވާފައިވާތީވެ، އުސްފަސްގަނޑު ސަރަހައްދާއި ގުޅޭގޮތުން ކުރިން ފުލުހުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށެވެ.
16:43
ފުލުހުން މިހާރުވަނީ 24 ގަޑީއިރުގެ ތެރޭގައި އުސްފަސްގަނޑު ހުސްކުރުމަށް އެންގި އެންގުން ބާތިލްކޮށްފައި.
16:42
ކުރިން މަގުތައް ބަންދުކުރި ނަމަވެސް މިހާރު ވަނީ އާންމުންނަށް ވަދެވޭނެހެންނާއި ދުއްވާ އެއްޗެހި ދުއްވޭ ގޮތަށް ހުޅުވާލާފައި، އަދި މިހާރު އެތަނުގައި އެމްޑީޕީ ސަޕޯޓަރުން ފިޔަވައި އިތުރު ބައެއް ނެތް، ފުލުހުން ވެސް އެސަރަހައްދުން ވަނީ ގޮސްފައި. އެތަނުގައި އެސަރަހައްދުން ދިޔައީ "ކްރައިމް ސީން" ޖަހާފައިވާ ޓޭޕް ޖެހުމަށްފަހު.
16:23
އުސްފަސްގަނޑު ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށާއި ހައި ކޯޓަށް ހުށައަޅާފައިވާ މައްސަލަ ނިމެންދެން އެސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް އަމުރުކުރުމާއި ގުޅިގެން އެއަމުރު ތަންފީޒުކުރުމަށް ފުލުހުން އުސްފަސްގަނޑަށް އަރައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން އެސަރަހައްދަށް ދިޔައީ ހައިކޯޓުގެ އަމުރާއި ގުޅިގެން އަމުރު ތަންފީޒުކުރުމަށް ކަމަށާއި ކޯޓުން ވަކި ގޮތެއް އަންގަންދެން އެސަރަހައްދުގައި ފުލުހުން ފޯރިމަރަމުންދާނެ ކަމަށެވެ. އެސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން އެތަނަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ސްޓެލްކޯގެ ބިތްދޮށުން ފެށިގެން ގޮސް ދަރުބާރުގޭގެ ޕާކާ ހިސާބަށް ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްލާފައިވާއިރު އެސަރަހައްދަށް މިހާރު އެމްޑީޕީގެ ސަޕޯޓަރުން ދަނީ އެއްވަމުންނެވެ. އުސްފަސްގަނޑު ސަރަހައްދަށް ވަނުން ފުލުހުން އަދި މަނައެއް ނުކުރެ އެވެ. ނަމަވެސް ވެހިކަލްތަކަށް އެސަރަހައްދުގައި ނުދުއްވެ އެވެ.
އެމްޑީޕީން އުސްފަސްގަނޑުގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެޕާޓީން ބުނީ މިޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެޕާޓީން މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 ގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ