ވަޒީފާއިން ވަކިކުރުމުން ނަގައިދޭ ބަދަލު އެއް އަހަރަށް ސުޕްރީމް ކޯޓުން ލިމިޓުނުކުރި

ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ބަދަލު ނަގައިދިނުމުގައި، ނަގައިދޭ މިންވަރު އެއް އަހަރު ދުވަހަށް ކަނޑައަޅައިނުދެވޭނެ ކަމުގައި ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ. ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ނަގައިދޭ ބަދަލު ޤާނޫނުގައި ކަނޑައަޅާފައި ނުވި ނަމަވެސް، ބޭރުގެ އެހެން ޤައުމުތަކުގައި މިފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ރިޢާޔަތްކޮށް ބަދަލުގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ނަގައިދިނުމަށް ދައުލަތުން އެދިފައިވެއެވެ. ބަދަލުގެ ގޮތުގައި ނެގޭ މިންވަރަކީ އެއް އަހަރު ކަމަށް ކަނޑައަޅައި ހައިކޯޓުން މީގެ ކުރިން ހުކުމްކޮށްފައިވެއެވެ. މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސްގެ ފަސްޓު ކްލާސް ސާޖެންޓެއްގެ މަޤާމުގައި ހުންނަވަނިކޮށް 2013 ވަނަ އަހަރު ވަޒީފާއިން ވަކިކުރި އަލީ ވަޙީދު ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ އިއްވި ޙުކުމުގައި ބުނެފައިވަނީ، ވަޒީފާއިން ވަކިކުރުމުން ބަދަލުގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ނެގުމަށް ދައުލަތުން އެދިފައިވަނީ ޤާނޫނެއްގައި އެގޮތަށް ކަނޑައެޅިފައި އޮވެގެން ނޫން ކަމަށެވެ. އަދި ޤާނޫނުގައި ނެތީސް ބަދަލުގެ ގޮތުގައި ނަގާ މިންވަރު އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތަށް ހަނިނުކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. އަދި ބަދަލު ނަގައިދޭ މިންވަރު އެއް އަހަރު ދުވަހަށް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހަނިކޮށްފައިވަނީ އެ ޤައުމުތަކުގެ ޤާނޫނުގައި އެގޮތަށް ލިޔެގެން ކަމަށާއި، އޭގެ މިސާލެއްގެ ގޮތުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ދެކުނު އެފުރިކާ ކޯޓުގެ ހުކުމުގައި ފާހަގަަކޮށްފައިވެއެވެ. ރާއްޖޭގައި މިހާތަނަށް ޤާނޫނުގައި އެފަދަ އުޞޫލެއް ނެތް ނަމަވެސް ބަދަލުގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިހުރި މުޅި މުއްދަތަށްވާ މުސާރައާއި އިނާޔަތް ނަގައިދިނުން ލާޒިމުނޫން ކަމުގައި ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކަށް ވަޒީފާއިން ވަކިކުރެވުނު ފަރާތަށް ނުޙައްޤު މުއްސަނދިކަމެއް ހޯދައިދޭ މިންވަރުގެ ބަދަލަކަށް ވެގެންނުވާނެ ކަމަށާއި، އެ ބަދަލު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގައި އެހެން ވަޒީފާއަކުން ލިބޭ އިނާޔަތްތައް ފަދަ ކަންކަމަށް ރިޢާޔަތްކުރަންވާނެ ކަމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި ނިންމާފައިވާނެ ކަމަށް ބުނެފައިވެއެވެ. މި މައްސަލާގައި އިއްވި ހުކުމުގައި ބުނެފައިވަނީ ޢަލީ ވަޙީދު ކުރިން ހުރި ފެންވަރުގެ މަޤާމެއް އެމްއެންޑީއެފުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި އަދުލުވެރި ބަދަލެއް ހޯދުމަށް ކޯޓުގައި އެދުމުގެ ޙައްޤު އޭނާއަށް އޮންނާނެ ކަމަށެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ